އޭސީސީން މައްސަލަތަކުގައި އިސްކަންދޭނެ އުސޫލަށް އަމަލު ކުރަން ފަށައިފި
އޭސީސީން މައްސަލަތަކުގައި އިސްކަންދޭނެ އުސޫލަށް އަމަލު ކުރަން ފަށައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މައްސަލަތައް ތަހުގީގު ކުރުމުގައި އިސްކަން ދޭނެ އުސޫލެއް އާންމުކޮށް، އަމަލުކުރަން ފަށައިފި އެވެ.

އެ ކޮމިޝަނުގައި ކުރިން ވެސް މައްސަލަތަކަށް އިސްކަން ދޭނެ އުސޫލެއް އޮވެ އެވެ. ނަމަވެސް އެ އުސޫލު އިސްލާހުކޮށް، އަމަލުކުރަން ފަށައި އާ އުސޫލުތަކާއެކު، ދައުލަތުން ގެއްލިފައިވާ ފައިސާގެ ބޮޑެތި އަދަދުތަކުގެ ފަހަތުން ދާން ފަސޭހަ ވާނެ ކަމަށް އާ ނައިބު ރައީސް އަބްދުއްސަލާމް ވަނީ ވިދާޅުވެފަ އެވެ.

މިއަދު އާންމުކުރި އާ އުސޫލުގައިވާ ގޮތުން، ވަކި މުއްދަތެއްގެ ކުރިން ތަހުގީގުކޮށް ނުނިންމައިފި ނަމަ ދައުލަތަށް އިޔާދަ ނުކުރެވޭނެ ފަދަ ގެއްލުމެއް ލިބިދާނެ މައްސަލަތަކާއި އިސްކަން ނުދީފި ނަމަ މައްސަލަ ކުރިއަށް ގެންދިއުމުގައި ދަތިތަކެއް ކުރިމަތިވެދާނެ މައްސަލަތަކަށް އޭސީސީން އިސްކަން ދޭން ޖެހެ އެވެ.

މައްސަލާގައި ހިމެނޭ ފައިސާގެ އަދަދާއި ތަހުގީގު ކުރާއިރު ހުރި މަގާމާއި އެ މީހަކާ މެދު ތުހުމަތުވާ މައްސަލަތަކުގެ އަދަދަށް ރިއާޔަތް ކޮށް ވެސް މައްސަލަތަކަށް އިސްކަން ދޭނެ ކަމަށް އެ އުސޫލުގައި ބުނެފައިވެ އެވެ.

ލިބިފައިވާ ހެކިތަކަށް ބަލާއިރު، ދައުލަތަށް އަނބުރާ ހޯދުމުގެ ފުރުސަތު އޮތް މުދަލާއި ފައިސާ އަށް ރިއާޔަތް ކުރަންޖެހޭ ކަމަށް ވެސް އެ އުސޫލުގައި ވެ އެވެ.

- އާންމު މަސްލަހަތާ ގުޅިފައިވުން.

- ހެކި ނައްތާލަފާނެ ކަމުގެ ފުރުސަތު އޮތުން.

- ދައުލަތުގެ މުހިންމު މަސްލަހަތެއް ހިމެނޭތީ ތަހުގީގު ކުރުމަށް އިދާރާއަކުން ފޮނުވާފައިވުން.

- ފައިސާގެ މުއާމަލާތެއް މަޑުޖައްސާލާފައި އޮތުން.

- މައްސަލައަކާ ގުޅިގެން މަޝްރޫއެއް މަޑުޖެހިފައި އޮތުން.

- ގާނޫނަކުން ނުވަތަ ގަވައިދަކުން ކަމެއް ނިންމުމަށް ވަކި މުއްދަތެއް ކަނޑައަޅާފައިވާ ކަމެއް އެ މައްސަލާގައި ހިމެނުން.

އޭސީސީގައި މިހާރު ތިއްބަވަނީ މި ފަހުން އެ ކޮމިޝަނަށް އައްޔަން ކޮށްފައިވާ އާ މެމްބަރުންތަކެކެވެ. އެ ކޮމިޝަނަށް މި ސަރުކާރުން ފުރަތަމަ އައްޔަން ކުރި މެމްބަރުން ވެސް ވަކި ކުރަން ނިންމީ އެކަށީގެންވާ ނަތީޖާ ނުނެރެވޭ ކަމަށް ބުނެ އެވެ.