25 މެއި 2022 - 06:41

ބައެއް ޓިކްޓޮކް ވީޑިއޯތައް ބަލަން ފައިސާ ދައްކަންޖެހޭ ގޮތަށް ހަދައި، މާދަމާ ޓެސްޓްކުރަން ފަށަން ނިންމައިފި އެވެ.
ޓިކްޓޮކުން ބުނީ "ލައިވް ސަބްސްކްރިބްޝަން" ކިޔާ އެ ހިދުމަތާ އެކު، ޓިކްޓޮކް ހަދާ މީހުންނާ ސަބްސްކްރައިބާސް އަށް ޗެޓްކުރެވޭނެ ފީޗާއަކާއި ހާއްސަ އީމޯޓްސްތަކާއި ބެޖުތައް ވެސް ލިބޭނެ ކަމަށެވެ. އެއީ ޓުވިޗާއި ޓުވިޓާ އަދި ޔޫޓިއުބުން ވެސް އިތުރު އާމްދަނީ ހޯދުމަށް މިހާރު ގެންގުޅޭ އުކުޅެކެވެ.
އެ ހިދުމަތް ބޭނުންކުރާ، ޓިކްޓޮކް ހަދާ ބައެއް މީހުންގެ ވީޑިއޯތައް ވެސް އިއްޔެ އާންމުކުރި އެވެ.
އެންމެ ހާއްސަ ކަމަކަށް ފާހަގަކުރެވުނީ، އެ ހިދުމަތް ފެށުމުން ޓިކްޓޮކް ވީޑިއޯ ހަދާ މީހުންނަށް ކޮންމެ މަހަކު އެއިން އާމްދަނީ ހޯދުމުގެ ފުރުސަތު ހުޅުވިގެން ދިއުމެވެ. ޓިކްޓޮކް ހަދާ މީހުންނަށް އެއިން އާމްދަނީ ހޯދުމަކީ ކުރިން އެހާ ފަސޭހަ ކަމެއް ނޫނެވެ.
މި މަހު ކުރީކޮޅު ޓިކްޓޮކުން ވަނީ "ޓިކްޓޮކް ޕަލްސް" ކިޔާ އާ ޕްރޮގްރާމެއްގެ މަސައްކަތް ފަށައި، ޓިކްޓޮކް ވީޑިއޯތަކުގެ މެދުން އިޝްތިހާރުތައް ދައްކައިގެން އެ ޕްލެޓްފޯމުން އާމްދަނީ ހޯދޭނެ ގޮތް ހަދާނެ ކަމަށް ވެސް ބުނެފަ އެވެ.
އެގޮތަށް އިޝްތިހާރުތައް ދައްކާނީ ޓިކްޓޮކް ވީޑިއޯތަކުގެ ތެރެއިން އެންމެ މަތިން ވިއުސް ހޯދާ ހަތަރު ޕަސެންޓްގެ ވީޑިއޯތަކުގައި ކަމަށް ބުންޏެވެ. އަދި އެ އިޝްތިހާރުތައް ދައްކައިގެން ޓިކްޓޮކަށް ލިބޭ އާމްދަނީގެ ބައެއް ވީޑިއޯ ހެދި މީހާ އަށް ދޭނެ އެވެ.