ކަންގަނާގެ އާ ފިލްމު ބަލަން ދާނެ މީހަކު ނުވި
ކަންގަނާގެ އާ ފިލްމު ބަލަން ދާނެ މީހަކު ނުވި

މިމަހުގެ 20 ވަނަ ދުވަހު ރިލީޒްކުރި ކަަންގަނާ ރަނައުތުގެ ފިލްމު، "ދާކަޑް" ބަލަން ދާނެ މީހަކު ނުވެ، ފިލްމު ފްލޮޕް ވެއްޖެ އެވެ.

ދާކަޑް އާއި ކާތިކް އާރިޔަން ލީޑު ރޯލުން ފެންނަ، "ބޫލް ބުލައްޔާ 2" ރިލީޒްކުރީ ހަމަ އެއް ދުވަހެއްގަ އެވެ. އެކަމަކު ބޫލް ބުލައްޔާއަށް ބޮޑު ތަރުހީބެއް ލިބެމުންދިޔަ ނަމަވެސް ދާކަޑް ބަލަންދާ މީހުންގެ އަދަދު ވަރަށް ބޮޑަށް މަދުވެފައިވާ ކަމަށްވެ އެވެ.

އެހެންވެ، އެ ފިލްމުގެ ބަދަލުގައި އެހެން ފިލްމެއް، ސިނަމާގައި އެޅުވި ކަމަށް ވެސް ވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ފިލްމު އުފައްދާފައި ވަނީ 80 ކްރޯޑް ރުޕީސްގެ ބަޖެޓަކުން ކަމުގައި ވިޔަސް ފިލްމު އެޅުވި ފުރަތަމަ ތިން ދުވަހުގެ ތެރޭގައި އެ ފިލްމަށް ލިބުނީ 3.22 ކްރޯޑް ރުޕީސް އެވެ.

"ދާކަޑް" އަކީ އެކްޝަން ތުރިލާއެކެވެ. އެ ފިލްމުގައި ކަންގަނާ ފެންނާނީ ސްޕައި އޭޖެންޓް އަގްނީގެ ރޯލުންނެވެ.

ބޮކްސް އޮފީހުގައި ކަންގަނާގެ ފިލްމަށް މާބޮޑު ތަރުހީބެއް ނުލިބުމުގެ ސަބަބުން ބައެއް މީހުން ވަނީ އޭނާއަށް ޖޯކު ވެސް ޖަހައިފަ އެވެެ.