24 މެއި 2022 - 15:40

ދައުލަތުން ދަރަނި ނަގާ ނަމަ ރައްޔިތުންގެ މަޖިލީހުން ފާސްކުރަން ޖެހޭ ގޮތަށް މާލިއްޔަތު ގާނޫނަށް އިސްލާހެއް އިދިކޮޅު ފަރާތްތަކުން މިއަދު ހުށަހަޅައިފި އެވެ.
އެ އިސްލާހު ހުށަހެޅުއްވީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު (ޓޮމް) އެވެ.
މާލިއްޔަތު ގާނޫނަށް އެ ބަދަލު ގެންނަން ޖެހޭ ސަބަބެއް ކަމަށް އެ ބިލުގައި ބުނެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމާއި ރަޝިއާ އާއި ޔޫކްރެއިންގެ ހަނގުރާމައިގެ ސަބަބުން ދައުލަތުން ދަރަންޏާއި ގެރެންޓީ ދެނީ ކޮންމެހެން ހިންގަން ޖެހޭ ތަރައްގީގެ މަޝްރޫއަކަށް ނުވަތަ އާމްދަނީ އުފައްދަން ކުރާ ހަރަދަކަށް ކަން ޔަގީން ކުރުމުގެ ގޮތުން ކަމަށެވެ.
ތޯރިގު ހުށަހަޅާފައި ވަނީ ދައުލަތުން ދަރަންޏެއް ނުވަތަ ގެރެންޓީއެއް ދިނުމުގެ ކުރިން އިގްތިސާދަށް ކުރާނެ އަސަރު ދިރާސާކުރުމަށް ފަހު ރައިސުލްޖުމްހޫރިއްޔާ އަށް ރިޕޯޓެއް ހުށަހެޅުމަށާއި އެ ރިޕޯޓު މަޖިލީހަށް ވެސް ފޮނުވައިގެން ރުހުން ހޯދަން ޖެހޭ ގޮތަށް އެ ގާނޫނަށް މާއްދާއެއް އިތުރު ކުރުމަށެވެ.
ލޯނު ނުވަތަ ގެރެންޓީ ދޭ ފައިސާގެ އަދަދާއި އިންޓްރަސްޓާއި ދަރަނި ނަގަން ހިނގާނެ އެހެނިހެން ހަރަދުތަކާއި ދަރަނި ދެއްކުމަށް ހުށަހަޅާ މުއްދަތު ވެސް މަޖިލީހަށް ހުށަހަޅަން ޖެހޭނެ ކަމަށް އެ ބިލުގައި ބުނެފައިވެ އެވެ.
އެކަމާ ބެހޭ ގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަނަރު އެ ދަރަންޏާ މެދު ނުވަތަ ގެރެންޓީއާ މެދު ދެކޭ ގޮތް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އެ ބިލުގައި ބުނެފައިވެ އެވެ.
އެމްޑީޕީގެ މެޖޯރިޓީ އޮންނަ މަޖިލީހަށް އިދިކޮޅު ފަރާތްތަކުން ހުށަހަޅާ ކުއްލި މައްސަލަތައް އަދި ގާނޫނުތަކަށް ހުށަހަޅާ އިސްލާހުތައް ފާހެއް ނުވެ އެވެ.