24 މެއި 2022 - 15:40

މާލެ ސަރަހައްދުން ކަރަންޓު ކެނޑިގެން ދިޔައީ ކަރަންޓް ދޭ މައި ކޭބަލަކަށް ދިމާވި މައްސަލަކުން ކަމަށާއި އާ ކޭބަލެއް ވަޅުލައި، ކަރަންޓުގެ މައްސަލަ އަށް ދާއިމީ ހައްލެއް ގެންނަން ދެ ދުވަސްވަރު ނަގާނެ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފު ވިދާޅުވެއްޖެ އެވެ. އޭނާ ވިދާޅުވީ މައްސަލަ ހައްލުވަންދެން ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑުން އެކަށީގެންވާ ކަމަށެވެ.
ސްޓެލްކޯގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝަރީފު ވިދާޅުވީ، ރޭ ފަތިހު ހަތަރެއް ޖެހިއިރު މާލޭގެ ބޮޑުބަޔަކުން ކަރަންޓް ގޮސް، އޭގެ ފަހުން މުޅި މާލެއިން އެއްކޮށް ކަރަންޓް ކެނޑުނީ ކަރަންޓް ދޫކުރާ ކޭބަލަށް ދިމާވި މައްސަލައަކުން ކަމަށެވެ. ސްޓެލްކޯއިން ކަރަންޓު ދޭން ބޭނުން ކުރާ ކޭބަލެއް ދައްކަވައި، ޝަރީފު ވިދާޅުވީ، މާލޭގެ 10 ސަރަހައްދަކަށް ކަރަންޓު ދެމުން އައި ކޭބަލެއް ހަލާކުވެ އެ ސަރަހައްދުތަކަށް މިހާރު ކަރަންޓު ދެނީ އެހެން ހަތަރު ކޭބަލެއް މެދުވެރިކޮށް ކަމަށެވެ.
"މި ވަގުތު ފީޑާ 8 އިން ކަރަންޓު ދޭ 10 ސަރަހައްދަށް ކަރަންޓް ދެމުން އައީ ހަތަރު ފީޑަރަކަށް ބަހާލައިގެން. ދިޔައިރުގައި ބާކީ ހަތަރު ފީޑަރުގެ ލޯޑު މަތިވަމުންދާތީވެ އެކި ސަރަހައްދުތަކުން ބައިގަޑިން ބައިގަޑިން މިދަނީ ކަރަންޓް ކަނޑަމުން،" އޭނާ ވިދާޅުވި އެވެ.
ކުރިއަށް އޮތް ދެ ދުވަހު ވެސް ލޯޑު ބޮޑުވާ ވަގުތުތަކުގައި ބައެއް ސަރަހައްދުތަކުން ކަރަންޓު ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މިހާރު މި އޮތީ ވަގުތީ ހައްލެއް ހޯދައިފައި. ދާއިމީ ހައްލެއްގެ ގޮތުގައި މި ބަލަނީ އިތުރު ކޭބަލެއް އެޅުން. އެހެންވެ ސިޓީ ކައުންސިލާ ގުޅިގެން މަގު ކޮނުމުގެ ހުއްދަ ހޯދައިގެން އިތުރު ކޭބަލެއް ވަޅުލުމުގެ މަސައްކަތް މިއަންނަނީ ކުރަމުން،" ޝަރީފު ވިދާޅުވި އެވެ.