24 މެއި 2022 - 13:36

މި ސަރަހައްދުގެ ގައުމުތަކުން ވެސް ވަރަށް މަދުން ނޫނީ ނުފެންނަ މާކަނާގެ ވައްތަރެއްގެ ދޫންޏެއް ރާއްޖެއިން ފެނިއްޖެ އެވެ.
އެންވަޔަރްމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މިއަދު ކުރި ޓްވީޓެއްގައި ބުނީ މާކަނާއެއް ގޮތަށް ހީވާ އެ ދޫނި ފެނުނީ ލ. ހިތަދޫން މިދިޔަ ފެބްރުއަރީ 20 ގައި ކަމަށެވެ.
މިއީ، އެ ބާވަތުގެ ދޫންޏެއް ރާއްޖެއިން ފެނުނު ފުރަތަމަ ފަހަރު ކަމަށް އެ އެޖެންސީން ލަފާކުރެ އެވެ. މިހާތަނަށް ހޯދި ލިޔުންތަކާއި މައުލޫމާތުތަކުން ވެސް އެ ދޫންޏާ ގުޅޭ އިތުރު މައުލޫމާތެއް ނުލިބެ އެވެ.
އީޕީއޭއިން ބުނިގޮތުގައި، ފިނި މޫސުމުގައި ދެކުނު އިންޑިއާ އަދި ސްރީ ލަންކާ އިން ވެސް އެ ބާވަތުގެ ދޫނި ވަނީ ފެނިފަ އެވެ.
ހުދު ކުލައިގެ އެ ދޫންޏަކީ ޔޫރަޕާއި އުތުރު އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުގައި މަޝްހޫރު ދޫންޏެކެވެ. އެކަމަކު އެ ސަރަހައްދުތަކުން ވެސް އެ ދޫނީގެ އާބާދީ ވަނީ ކުޑަވެފަ އެވެ. އެ ދޫނި މިހާރު ގިނައިން ފެންނަނީ ބޯލްޓިކް ސަރަހައްދާއި ސްޕެއިން އަދި ޕޮލެންޑުންނެވެ.
އީޕީއޭއިން ބުނީ އެ ދޫނި މައިގަނޑު ގޮތެއްގައި ކަނީ ކުދި ޖަނަވާރު ކަމަށެވެ. އޭގެ ތެރޭގައި މަސްކާށި ދޫންޏާއި ބޮއް ހިމެނެ އެވެ. އަދި މަހާއި ބިސް ވެސް ކައި އުޅެ އެވެ. އެ އެއްޗެހި ދިރިއުޅެނީ ކުޅި ކަހަލަ ތަންތަނުގަ އެވެ.