ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއޭސީއެލް އިން ކެރިއާ އެކްސްޕޯއެއް ފަށައިފި
ދަރިވަރުންނަށް އަމާޒުކޮށްގެން އެމްއޭސީއެލް އިން ކެރިއާ އެކްސްޕޯއެއް ފަށައިފި

ސްކޫލްތަކުގައި ކިޔަވާ ކުދިންނަށް ޓާގެޓްކޮށްގެން، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކެރިއާ އެކްސްޕޯއެއް ފަށައިފި އެވެ.

މިއަދު ފެށި މި އެކްސްޕޯގެ އަމާޒަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި، އޭވިއޭޝަން ދާއިރާ އިން ކުރިއަށް ދެވެން ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ދަރިވަރުންނަށް މައުލޫމާތު ދިނުން ކަމަށް އެމްއޭސީއެލް އިން ނެރުނު ނޫސްބަޔާނެއްގައި ބުންޏެވެ.

އެކްސްޕޯގެ ދަރިވަރުންނަށް އޭވިއޭޝަން ދާއިރާގެ ވަޒީފާތަކަށް ވަނުމަށް ބޭނުންވާ ތައުލީމީ ރޮނގުތަކާ ގުޅޭ މައުލޫމާތު ވަނީ ދީފަ އެވެ. އަދި އެއާޕޯޓުގެ އެކި ޑިޕާޓްމެންޓުތަކުގެ މަސައްކަތް ހިނގާގޮތް ވެސް ދަރިވަރުންނަށް ވަނީ ދައްކާލައިފަ އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމުގައި އެމްއޭސީއެލްގެ ދައުރަކީ ކޮބައިކަމާއި އެއާޕޯޓުގެ ޓްރެފިކް ކޮންޓްރޯލާއި ރަންވޭ ކޮންޓްރޯލް އަދި އިމަޖެންސީގައި ކަންކުރާ ގޮތް ފަދަ މުހިންމު ކަންކަމަށް އެ އެކްސްޕޯގައި ވަނީ އަލިއަޅުވާލައިފަ އެެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފް "މިހާރު" އަށް ވިދާޅުވީ، މާލޭ ސްކޫލްތަކާ ގުޅިގެން މި ހަރަކާތް ދިގު މުއްދަތަކަށް ކުރިއަށް ގެންދާނެ ކަމަށެވެ.

"ސްކޫލްތަކާ ވާހަކަދައްކައިގެން އެކި ދުވަސް މަތިން ކުދިން ގެނެސް މި އެކްސްޕޯ ކުރިއަށް ދާނެ. ވަކި ޑޭޓުތަކެއް އަދި ނެތް ކަނޑައަޅާފައެއް،" އަރީފް ވިދާޅުވި އެވެ.

އެމްއޭސީއެލް ކެރިއާ އެކްސްޕޯގައި މިއަދު ވަނީ ބިލަބޮންގް ހައި އިންޓަނޭޝަލް ސްކޫލާއި ތާޖުއްދީނު ސްކޫލުން ޖުމްލަ 38 ދަރިވަރުން ބައިވެރިވެފަ އެވެ.