24 މެއި 2022 - 12:09

އެމެރިކާ އާއި ވިލާތުގެ ބައެއް ގައުމުތަކުގެ ބައެއް މީހުންގެ ގައިން މިހާރު ފެންނަމުން ދާ މަންކީޕޮކްސް ބަލި ފެތުރެމުން ދަނީ، އެ ވައިރަސް އިންސާނުންގެ ހަށިގަނޑަށް ނަގުލުވެ އެއަށް ވިރާސީ ބަދަލުތަކެއް އައިސްގެންކަން އެނގެން ނެތް ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ބުނެފި އެވެ.
އެ ޖަމިއްޔާގެ ފަރާތުން ކަށިވިދުރީގެ ކަންތައް ބަލަހައްޓާ އިދާރާގެ ވެރިޔާ ރޯޒަމުންޑް ލުވިސް ވިދާޅުވި ގޮތުގައި، މަންކީޕޮކްސްގެ ވައިރަހާ ބެހޭ ގޮތުން މިހާތަނަށް ހޯދިފައިވާ މައުލޫމާތަށް ބަލާއިރު، އެ ވައިރަހުގެ ވިރާސީ އެކުލެވުން އެހެން ގޮތަކަށް ބަދަލުވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. އަދި މިހާރު އެ ބަލި ފެތުރެމުންދާ މިންވަރު ދެނެގަތުމުގައި ވެސް އެއްވެސް ދަތިކަމެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް ސިއްހީ ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި މަންކީޕޮކްސް ޖައްސާ ވައިރަހުގެ ވިރާސީ އެކުލެވުމަށް ބަދަލުތަކެއް އައިސް، މާ ހަލުވިކޮށް ފެތުރޭ މާ ނުރައްކާތެރި ވައިރަހަކަށް ވުމުގެ ފުރުސަތު ވެސް އެބަ އޮތެވެ. ވިލާތުގެ ބައެއް ގައުމުތަކުގަ އާއި އެމެރިކާ އާއި ކެނެޑާ އިން، މިހާތަނަށް 100 އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު، އެއިން އެއްވެސް މީހެއްގެ ހާލު ގޯހެއް ނުވެ އެވެ.
މަންކީޕޮކްސް ފެތުރެމުންދާ ކަމަށް މިހާތަނަށް ފާހަގަކުރެވިފައިވަނީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން ވަނީ ބުނެފަ އެވެ. އެހެން ނަމަވެސް އެއީ ކޮންމެ މީހެއްގެ ހަށިގަނޑަށް ވެސް އަރައިފާނެ ވައިރަހެއް ކަމަށާއި، މަންކީޕޮކްސް ފެތުރެނީ ހަމައެކަނި އެއްޖިންސުން ގުޅުން ހިންގާ މީހުންގެ މެދުގައި ކަމަށް ބުނެވެން ނެތް ކަމަށް ވެސް އެ ޖަމިއްޔާ އިން ބުނެ އެވެ.
އެމެރިކާ އާއި ވިލާތުގެ ގައުމުތަކުގައި މިހާރު މި ބަލި ޖެހިފައިވާ މީހުންނަށް ބަލި އެރި ގޮތެއް ދެނެގަތުމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން މަސައްކަތް ކުރަމުން އަންނަނީ، ބަލި އެރީ ޖިންސީ ގުޅުމުގެ ޒަރީއާއިން ކަމަށް ލަފާކޮށްގެންނެވެ. ދުނިޔޭގެ ސިއްހަތު ޖަމިއްޔާ އިން އެ ގޮތަށް ލަފާކުރާ މައިގަނޑު ސަބަބަކީ، ވިލާތުގެ ގައުމުތަކުގައި މިހާރު މި ބަލި ޖެހިފައިވާ ގިނަ މީހުންގެ ގައިގައި އެ ބަލި ހުރިކަން ދެނެގަނެވިފައިވަނީ، ޖިންސީ މައްސަލަތަކަށާއި ޖިންސީ ގުނަވަތްތަކަށް ޖެހޭ ބަލިތަކަށް ފަރުވާ ކުރާ ކްލިނިކްތަކުން ހެދި ޓެސްޓުތަކުން ކަމަށްވާތީ އެވެ.
އެފަދަ ކްލިނިކްތަކަކީ، އެއް ޖިންސުން ގުޅުން ހިންގާ މީހުންނަށް މެދުވެރިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުމަށް ޚާއްސަ ތަންތަނެވެ. އަދި އެފަދަ ކްލިނިކްތަކުން ކުރި ޓެސްޓުތަކުން، މަންކީޕޮކްސް ޖެހިފައިވާ ކަން ޔަގީން ކުރެވުނު މީހުންގެ ތެރޭގައި ގިނައީ ފިރިހެނުންނާ އެކުގައި ޖިންސީ ގުޅުން ހިންގައި އުޅޭ ފިރިހެނުންނެވެ. އޭގެ އިތުރުން އެއް ޖިންސުން ގުޅުން ހިންގާ އަންހެނުން ވެސް ހިމެނެ އެވެ.
މަންކީޕޮކްސް އަކީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުގައި މިހާރު ވެސް ބައެއް މީހުންނަށް ޖެހޭ ބައްޔެކެވެ. މި ބަލި ޖެހޭ މީހުންގެ ހާލު މާ ބޮޑު ނުވިޔަސް، ހުން އައުމާއި ހަށިގަނޑުގެ ބައެއް ގުނަވަންތަކުގައި ބިހި ނުވަތަ ފެންފޮޅު ނެގުން ފަދަ ކަންތައް މެދުވެރިވެ އެވެ.
މި ބަލި ޖެހޭ މީހުން، ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ނުދިނަސް، އާންމުކޮށް ދެ ހަފުތާ އާއި ހަތަރު ހަފުތާއާ ދެމެދުގެ މުއްދަތެއްގައި ބަލިން ފަސޭހަވެ އެވެ. ނަމަވެސް ބައެއް ހާލަތްތަކުގައި މީހުންގެ ފުރާނަ އަށް ވެސް ނުރައްކާވެ އެވެ.
މަކުނުވިދުރިއަކީ އިންސާނުންގެ މެދުގައި މީގެ ކުރިން ފެތުރުނު ކަށިވިދުރި އާއިލާގެ ވައިރަހަކުން ޖެހޭ އަދި ބަލީގެ އަލާމާތްތަކާއި ބަލީގެ ހާލަތު ވެސް އާދައިގެ ވަރެއްގައި ހުންނަ ބައްޔެކެވެ. ކަށިވިދުރިއަކީ، އެ ބައްޔާ ދެކޮޅަށް މުޅި ދުނިޔޭގައި ހިންގި ވެކްސިން ޕްރޮގްރާމްގެ ޒަރީއާއިން، 1980ގެ އަހަރުތަކުގައި ދުނިޔެ އިން ނައްތާލައިފައިވާ ބައްޔެކެވެ.
ކަށިވިދުރިން ރައްކާތެރިވުމަށް އުފެއްދި ވެކްސިނަކީ، މަންކީޕޮކްސް ވެސް ރައްކާތެރިކޮށްދޭ ވެކްސިނެކެވެ. ނަމަވެސް ދުނިޔެ އިން ކަށިވިދުރި ނައްތާލާފައިވާތީ، ކަށިވިދުރި ވެކްސިން އުފެއްދުން ވެސް ވަނީ ހުއްޓާލައިފަ އެވެ.