24 މެއި 2022 - 12:31

ހިޔާ ޓަވަރުތަކުގެ ތިރީގައި ކާބޯތަކެތީގެ ހިދުމަތް ދިނުމަށް ކިއޮސްކްތަކެއް ބަހައްޓައި، އެތަންތަނަށް ކުރިމަތިލުމަށް ވަރަށް އަވަހަށް ހުޅުވާލުމަށް އެޗްޑީސީން ތައްޔާރުވެއްޖެ އެވެ.
އެކި ޓަވަރުތަކުގެ ބޭރުގައި އެ ތަންތަނުގައި އުޅޭ މީހުން އައީ މޭޒު ބަހައްޓައިގެންނާއި ފިލައިން ތަންތަން ހަދައިގެން އެކި ބާވަތްތަކުގެ ކާބޯތަކެތި ވިއްކަމުންނެވެ. ގިނަ ކޮންސްޓްރަކްޝަން މަސައްކަތްތަކެއް ކުރަމުންދާ އެތަނުގައި ކާބޯތަކެތީގައި ހުންނަންޖެހޭ ސާފުތާހިރު ކަމުގެ މިންގަނޑު ވެސް ނުހުންނަކަމުގެ ޝަކުވާ އެޗްޑީސީ އަށް ލިބެން ފެށުމުން އެތަންތަން ނެގުމަށް ވެސް އެންގި އެވެ.
އެންމެ ފަހުން ދިން މުއްދަތަށް އެތަންތަން ނަގައި ސާފު ނުކުރުމުން އެޗްޑީސީން އެތަންތަން ނެގީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
އެއްވެސް އިންތިޒާމެއް ނެތި ހިންގަމުން ދިޔަ އެތަންތަން ނެގި ނަމަވެސް އެޗްޑީސީން ދަނީ އެ މީހުންނަށް އެތަނުގައި ވިޔަފާރިކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން ކިއޮސްކްތަކެއް ހެދުމުގެ މަސައްކަތްކުރަމުންނެވެ.
އެޗްޑީސީގެ އޮފިޝަލަކު، "މިހާރު" އަށް ވިދާޅުވީ ހިޔާގެ އެކި ޓަވަރުތައް ހިމެނޭ ސަރަހައްދުގައި ޖުމްލަ އަށް ކިއޮސްކް ބެހެއްޓުމަށް ނިންމާފައިވާ ކަމަށެވެ. އޭގެ ތެރެއިން ހަތަރު ކިއޮސްކް ހާއްސަކުރާނީ ހެދިކާ ވިއްކާ މީހުންނަށެވެ. އަދި ބާކީ ހަތަރު ތަން ހާއްސަކުރާނީ ލުއި ކާނާ އާއި އެކި ކަހަލަ ބުއިންތައް ވިއްކުމަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
"ފޭސް އެކެއްގައި ހެދިކާ ޓެންޓްތައް ހަދައިގެން ވިއްކަމުން އައި އުސޫލާ އެއްގޮތަށް ހެދިކާ ވިއްކުމުގެ ފުރުސަތު ވެސް ލިބޭނެ. އޮންނަ އުސޫލުތަކުގެ ދަށުން ފުރުސަތުތައް ފަހިކޮށްދޭން އަޅުގަނޑުމެން މަސައްކަތް މިކުރަނީ،" އޮފިޝަލް ވިދާޅުވި އެވެ.
އޮފިޝަލް ވިދާޅުވި ގޮތުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހަދައި އެތަންތަން އެ ކުންފުނިން މޮނިޓާ ވެސް ކުރާނެ އެވެ. އަދި އެކަން ކުރުމުގެ މައިގަނޑު ބޭނުމަކީ ކަމާ ބެހޭ އުސޫލުތަކާ އެއްގޮތަށް ފުރުސަތު ފަހިކޮށްދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
ކުލި ނެގުމާއި ގުރު ނެގުމުގެ ކަންކަން އޮތް ގޮތް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ވެސް އެކުންފުނިން ބުނެ އެވެ.
ގާޑިޔަލާއި މޭޒު ފަދަ އެއްޗެހި ބަހައްޓައިގެން ކާބޯތަކެތީގެ ވިޔަފާރިކުރެވެނީ ހުއްދަ ނަގައިގެން ކަމުގައި ވިޔަސް ފްލެޓްތަކުގައި އުޅޭ މީހުން ހެދިކާ މޭޒާއި ލުއިކާނާގެ ބާވަތްތައް ވިއްކަމުންދިޔައީ އެއްވެސް ހުއްދައެއް ނެތި އެވެ.