27 ޑިސެމްބަރ 2016 - 13:49

އަންކާރާ (ޑިސެމްބަރު 27) - ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން އަށް ސައިފޮދު ނާރުވާނެ ކަމަށް ބުނި ތުރުކީގެ އިދިކޮޅު ނޫހުން ހިންގާ ކެފޭގެ ވެރިމީހާ ހައްޔަރުކޮށްފި އެވެ.
ތުރުކީގެ އިދިކޮޅު ނޫސް ކަމްހޫރިޔަތު ކެފޭ ހިންގާ ސެނޯލް ބުރާން ހައްޔަރުކުރީ ރައީސް އަށް ކުޑައިމީސް ބަހެއް ރައްދުކުރި ކަމުގެ ކުށުގަ އެވެ. އެކަމަކު ރައީސް އަށް ހިދުމަތް ނުދޭނެ ކަމަށް ބުނުމަކީ ރައީސް އަށް ނިކަމެތި ބަހެއް ރައްދު ކުރުން ކަމަށް ބުރާން ގަބޫލް ނުކުރާ ކަމަށް އޭނާގެ ވަކީލް ވަނީ ބުނެފަ އެވެ.
މި މަހު 24 ވަނަ ދުވަހު ބުރާން، ކެފޭ އަށް ދިޔަ މަގުމަތީގައި މަގެއް ބަންދުކޮށްފައި އޮތީ ރައީސް އުރުދުޣާން ދެއްވާ ތަގްރީރަކަށް ސަލާމަތީ ފިޔަވަޅެއްގެ ގޮތުންނެވެ. އެހެންވެ ބުރާން ވަނީ ފުލުހުންގެ އޮފިސަރުންގެ ގާތު "އަހަރެން އެ މީހާ އަށް ސައިފޮދު ނާރުވާނެ ކަމަށް" ބުނެފަ އެވެ.
އިސްތަންބޫލްގެ ކްރިމިނަލް ކޯޓުގެ ފަނޑިޔާރަކު ވިދާޅުވީ ބުރާން ހައްޔަރުކުރީ މައްސަލަ ކުރިއަށް ދާތީ ކަމަށެވެ. ތުރުކީގައި، ރައީސް އަށް ކުޑައިމީސް ބަހެއް ރައްދު ކުރުމަކީ ހަތަރު އަހަރުގެ ޖަލު ހުކުމެއް އަންނަވަރުގެ ކުށެކެވެ.
ޖުލައި މަހު ތުރުކީ އަށް ގެންނަން އުޅުނު ތަޣާވާތާ ގުޅިގެން ސަރުކާރާ އިދިކޮޅު ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ. ކަމްހޫރިޔަތު ނޫހުގެ ވަރަށް ގިނަ ސްޓާފުން ވެސް މީގެ ތެރޭގައި ހިމެނެ އެވެ. އެމެރިކާގައި ދިރިއުޅޭ، ތުރުކީ ސަރުކާރާ ދެކޮޅު ފަތުހުﷲ ގުލަން އަށް ހިތްވަރު ދިން ކަމުގެ ކުށުގައި ކަމްހޫރިޔަތުގެ 10 ސްޓާފަކު މިދިޔަ މަހު ވަނީ ޖަލުގައި ބަންދުކޮށްފަ އެވެ. ތުރުކީ ސަރުކާރުން ބުނަނީ ބަޣާވާތުގެ ފަހަތުގައި ވަނީ ގުލަން ކަމަށެވެ. ބަޣާވާތަށް ފަހު ލައްކައެއްހާ މީހުން ވަޒީފާ އިން ވަކިކޮށް ނުވަތަ ސަސްޕެންޑްކޮށްފައިވެ އެވެ.