މުޅި މާލެއަށް އަލުން ކަރަންޓް ދީފި
މުޅި މާލެއަށް އަލުން ކަރަންޓް ދީފި

މުޅި މާލެ އަށް އަލުން ކަރަންޓް ދޭން ފަށައިފި ކަމަށް ސްޓެލްކޯ އިން ބުނޭ

ޝަރީފް: ފީޑާ 8 ގެ 9 ސަބްސްޓޭޝަން ހުންނާނެ. އެ ތަންތަނަށް އެހެން ފީޑާއަކުން ޕަވާ ދެވޭތޯ ބަލަމުން މިދަނީ.

ޝަރީފް: ސްޓެލްކޯގެ މެއިން ޕަވާ ހައުސް އިން ބީއެމްއެލް އެ ހުރި ހިސާބަށް އިތުރު ކޭބަލެއް އަޅައިގެން އެ ފީޑާ އަށް ޕަވާ ދެވޭނީ. އެ މަސައްކަތް މި ދަނީ ކުރަމުން.

ޝަރީފް: ފީޑާ 8 ނޫން އެހެން ހުރިހާ ފީޑާއަކަށް ޕަވާ ދެވިއްޖެ. ފީޑާ 8 އަށް ދޭން އިތުރު އެއް ގަޑިއިރު ނަގާނެ.

މައްސަލަ ހައްލުކޮށް، މިހާރު މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ކަރަންޓް ދޭން ފަށާފައި. އެކަމަކު ބާކީ ސަރަހައްދުތަކަށް އަލުން ކަރަންޓް ދޭން ފެށޭނެ އިރެއް ސްޓެލްކޯއަކުން ނުބުނޭ.

ޝަރީފް: އެކި ސަރަހައްދުތަކަށް މިހާރު ދަނީ އަލުން ކަރަންޓް ދެމުން.

ދިމާވި އާތު ފޯލްޓަކާ ގުޅިގެން ރޭ ފަތިހު މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް ކެނޑިފައި ވަނިކޮށް، މުޅި މާލެ އިން ދެންމެ ކަރަންޓު ކެނޑިއްޖެ އެވެ.

"ވީ އެންމެ އަވަހަކަށް އަލުން ކަރަންޓް ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން. ދިމާވެދާނެ ދަތިތަކަށް މާފަށް އެދެން،" ސްޓެލްކޯ އިން ކުރި ޓުވީޓެއްގައި ވެ އެވެ.

ރޭ ފަތިހު ހަތަރެއް ޖެހިއިރު މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުނީ އާތު ފޯލްޓަކުން ކަމަށް ސްޓެލްކޯ އިން ބުނެ އެވެ. އަދި އެ މައްސަލަ މިއަދުގެ ހެނދުނު ހައްލުކޮށް، ބޮޑު ބަޔަކަށް ކަރަންޓް އަލުން ދޭން ވެސް ފެށި އެވެ. އެކަމަކު، މީގެ އިރުކޮޅެއް ކުރިން މުޅި މާލެ އިން ކަރަންޓުގެ ހިދުމަތް ކެނޑުނީ އެވެ.

"ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މި ވަގުތު މުޅި މާލެ އިން ވަނީ ކަރަންޓް ކެނޑިފައި،" ސްޓެލްކޯ އިން ބުންޏެވެ.

ސްޓެލްކޯގެ މެނެޖިން ޑިރެކްޓަރު އަހުމަދު ޝަރީފް، އެ ކުންފުނިން މީޑިއާ އަށް ހާއްސަކޮށްފައިވާ ގްރޫޕްގައި ވިދާޅުވީ، ރޭ ފަތިހު ހަތަރެއް ޖެހިއިރު 8 "ފީޑާ ސްކިން" އަކުން ކަރަންޓް ދިޔަ ކަމަށާއި މައްސަލަ ދެނެގަންނަން ވަކިވަކިން ކޮންމެ ފީޑާއަކަށް ކަރަންޓް ދެމުން ދިޔަ ކަމަށެވެ.

އޭނާ ވިދާޅުވިގޮތުގައި މިއަދު ހެނދުނު ހަތެއް ޖަހާކަންހާއިރު މުޅި މާލެ އިން ކަރަންޓު ކެނޑުނީ 8 ވަނަ ފީޑަރު ޖެއްސުމުންނެވެ.

"ފޯލްޓް އައިޑެންޓިފައި ކުރެވިއްޖެ. 8 ވަނަ ފީޑާ އިން ސްވިޗް ގިއާއެއްގެ މައްސަލަ ޖެހުނީ. މިހާރު ފީޑާތައް ޖައްސަމުން މިދަނީ. އަދި އެއް ސްވިޗް ގިއާއެއްގެ ކޭބަލް އެހެން ގިއާއަކާ ގުޅުމުގެ މަސައްކަތް ދަނީ ކުރަމުން،" މައްސަލަ ހައްލު ކުރަން ކުރާ ޓެކްނިކަލް މަސައްކަތްތަކުގެ ތަފުސީލާއެކު، މިދިޔަ މާޗު 1 ގައި ސްޓެލްކޯގެ އެމްޑީގެ މަގާމާ ހަވާލުވި ޝަރީފް ވިދާޅުވި އެވެ.