23 މެއި 2022 - 14:36

ޑްރަގް ޓްރެފިކިންގެ މައްސަލައިގައި ޓިކްޓޮކް ތަރި، އަދި ބައެއް ފިލްމުތަކުން ވެސް ފެނިފައިވާ ހުނޭސާ އާދަމް (ހުނޫ) އަށް ދައުވާކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު ވިދާޅުވީ މާޗު، 28، 2022 ގައި މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވުނު މައްސަލައިގައި ތިން މީހެއްގެ މައްޗަށް މިދިޔަ ބުދަ ދުވަހު ދައުވާކޮށްފައިވާ ކަމަށެވެ.
ހުނޫގެ އިތުރުން އެ މައްސަލައިގައި ދެން ދައުވާ ކުރީ މއ. އުދުހޭކޮކާ ހުނައިން ބިން އަލީ އަދި ގއ. ދާންދޫ، ޕެލަސްހައުސް، މުހައްމަދު އާދަމެވެ.
އެ މައްސަލައިގައި ހިމެނެނީ ގާތްގަނޑަކަށް 353 ގްރާމް ޑައިމޯފިނާއި 18 ގްރާމްގެ މެތު އަދި 139 ގްރާމް ކެނެބިސްއެވެ.
ހުނޫގެ މައްޗަށް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ.
އާދަމްގެ މައްޗަށް ކުރީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާ އާއި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާ އެވެ.
ހުނައިންގެ މައްޗަށް ވެސް ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާ އާއި ކެނެބިސް ޓްރެފިކްކުރުން އަދި މަސްތުވާ އެއްޗެއް ޓްރެފިކްކުރުމުގެ ދައުވާކޮށްފައިވެ އެވެ.