27 ޑިސެމްބަރ 2016 - 12:06

ލެސްޓާ (ޑިސެމްބަރު 27) – ސަސްޕެންޑްކޮށްފައިވާ ލެސްޓާ ސިޓީގެ ފޯވާޑް ޖެމީ ވާޑީއާ އެކު ތިބިކަން ދެއްކުމުގެ ގޮތުން ލެސްޓާގެ ސަޕޯޓުން ރޭ އޭނާގެ މޫނާ އެއްގޮތް މާސްކް އަޅައިގެން ތިބެ މެޗު ބަލައިފި އެވެ.
ޕްރިމިއާ ލީގުގައި ރޭ އެވަޓަން އަތުން 2-0 އިން ލެސްޓާ ބަލިވި މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ވަނީ 30،000 މާސްކް ތައްޔާރުކޮށް ދަނޑަށް ގެންގޮސްފަ އެވެ. ދަނޑަށް ވަން އެންމެން ވަނީ ވާޑީގެ މޫނުގެ ފޮޓޯ ޕްރިންޓްކޮށްފައިވާ މާސްކް އަޅައިފަ އެވެ.
ވާޑީ ތިން މެޗަށް ސަސްޕެންޑްކޮށްފައިވަނީ ޕްރިމިއާ ލީގުގައި މި މަހު 17 ގައި ސްޓޯކް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އެ ޓީމުގެ ބިރަމް ޑިއޫފަށް ކުރި ނުރައްކާތެރި ޓެކުލަކާ ގުޅިގެންނެވެ. އެ ޓެކުލާ އެކު އޭނާ އަށް ވަގުތުން ރަތްކާޑެއް ދެއްކި އެވެ. އެކަމަކު ރީޕްލޭ އިން ފެންނަ ގޮތުގައި ވާޑީގެ ޓެކްލް ޑިއޫފްގެ ފަޔަށް އަރާފައެއް ނުވެ އެވެ.
އޭނާގެ ސަސްޕެންޝަން އުވާލަން އެފްއޭ އަށް ހުށަހެޅި ނަމަވެސް އިސްތިއުފާ ބަލައިގެންފައެއް ނުވެ އެވެ. ކްލަބުގެ ވެރިޔާ ތައިލެންޑުގެ ވިޗާއީ ސްރިވަދަނަޕްރަބާ ވެސް ވަނީ ވާޑީ ސަސްޕެންޑްކުރީ އިންސާފުން ނޫން ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކުރައްވައިފަ އެވެ.
ކުޅިބަލާ މީހުންނާ އެކު ރޭ ވާޑީ މެޗު ބެލިއިރު އޭނާ ވެސް ހުރީ މާސްކެއް އަޅައިގެންނެވެ.