28 ޑިސެމްބަރ 2016 - 06:12

ސިއްރުތައް ބޭޒާރުކުރަމުން އާ ދުވަހަކަށް އިރުއެރިއެވެ. ކަނޑުތަކުގައި ދުއްވި އުޅަނދުތަކާއި، މޫދު އަޑީގައި ހެލިފެލިވެ އުޅުނު މަސްމަހާމެހީގެ ތެރެއިން، އިރުގެ އަލިކަން ފޯރި ކޮންމެ އެއްޗެއް ލޯތަކަށް ހާމަކޮށްދިނެވެ. އޭގެ ކުލައާއި ދަތުރުކުރާ މިސްރާބު ބުނެދިނެވެ. ސިއްރު ފޮރުވުނީ ހިތްތަކުގައެވެ. ފުރާޅު ދަށުގައާއި ހަތަރު ފާރުން އެތެރޭގައެވެ. އެހެންނަމަވެސް، އިރުނާރަނީސް "އަލިވިލުނު" ގެތަކުގެ ތެރެއިން ގެއެއް މާލޭގެ ހެންވޭރު އަވަށުގައި ހުއްޓެވެ. އެ ގޭގެ އަހުލުވެރިން ނިދިން ހޭލައްވައިލީ ގޭތެރޭގައި އަޑު ގަދަވެގެންނެވެ. އުމުރުން އެކާވީސް އަހަރުގެ ޖުމާނާ، ލޯ އުނގުޅަމުން ބޮޑުކޮޓަރިއަށް ނުކުތެވެ. ސޯފާ ކައިރީގައި ބައްޕަ ކޮޅަށް ހުއްޓެވެ. ބޭބެ ހުރީ އިސްޖަހައިލައިގެންނެވެ. އިސާހިތަކު މަންމަ ވެސް ކޮޓަރިން ނުކުތެވެ. ބައްޕަ ހުރީ ވަރަށް ރުޅިއައިސްފައެވެ. އެކަމަކު ޖުމާނާ ފެނުމާއެކު ބައްޕަގެ އަޑު ކެނޑުނެވެ.
"ކިހިނެއްވެގެން މި އުޅެނީ؟" ނިދީގެ އަސަރު އެކުލެވިފައިވާ ދެ ލޮލުން ޖުމާނާއަށް ބަލައިލަމުން ހަމްދާ އެހިއެވެ. "ގެއަށް ވަގެއް ވަނީތަ؟
ދޭނެ ޖަވާބެއް ޖުމާނާއަކަށް ނޭނގުނެވެ. ވެގެންއުޅޭ ގޮތް ހަމްދާއަށް އެނގުނީ ޒުބޭރު ދެއްކި ވާހަކަތަކުންނެވެ.
"ބޭރުން ގައިމު ވެސް މީހަކު ނުވަދޭ،" މޭޒުމަތީގައި އޮތް ފޯނު ނަގަމުން ޒުބޭރު ވަރަށް ބާރަށް ބުންޏެވެ. "މަ ދޭނީ އެންމެ މިނެއްޓެއް. ތިޖޫރީން ލާރި ނެގީ ކީއްކުރަންކަން ނުބުނެފިއްޔާ ފުލުހުންނަށް ގުޅާނީ. ދުނިޔޭގަ ލެއްވި ހުރިހާ ނުބައިކަމެއްތަ އަހަރުމެންނަށް ދަސްކޮށްދެވުނީ؟"
ޒުބޭރުގެ ސުވާލު ވަކި ދަރިއަކަށް ރައްދުނުކުރި ނަމަވެސް، ސުވާލު އަމާޒުވަނީ ކާކަށްކަން އެންމެންނަށް އެނގެއެވެ. އެއީ ޖަނާއެވެ. ޖުމާނާގެ ބޭބެއެވެ. ޑުރަގުގެ މައްސަލައިގައި ބަންދުކޮށްފައި ޖަނާ ދޫކޮށްލިތާ ހައެއްކަ މަސް ނުވެއެވެ. ޖަނާ ޒުވާބެއް ނުކުރެއެވެ. އެހެންނަމަވެސް، ގޭގައި ހުންނަ އަގުހުރި އެއްޗެހި ވިއްކައިގެން ދެ ފަހަރަކު ޖަނާ ބޭޒާރުވެއްޖެއެވެ. އެހެންވެ، ކޮންމެ މީހަކު ވެސް ބަލަނީ ޖަނާއަށް ނުފެންނަ ހިސާބުގައި އަގުހުރި އެއްޗެހި ގެންގުޅެވޭތޯއެވެ. އޭގެ ނަތީޖާ ރަނގަޅެވެ. ޖަނާއަށް ހެޔޮ ބަދަލެއް އައިހެން ވެސް ހީވިއެވެ. ދެން ފެނުނީ ޒުބޭރުގެ ތިޖޫރިއަށް ތަޅުދަނޑި ޖަހައިފައި ހުއްޓައެވެ. ޒުބޭރުގެ ނަޒަރުގައި، ވައްކަން ކުރި މީހަކަށް ތަޅުދަނޑި ނަގާނެ ވަގުތު ނުލިބުނީއެވެ. ތިޖޫރީގެ ތަޅުދަނޑި އޮންނަ ތަން އެނގޭނީ ޢާއިލާގެ މީހުންނަށް އެކަންޏެވެ.
"ތިޖޫރިން ވައްކަންކުރުމަކީ ވަރަށް ސީރިޔަސް މައްސަލައެއް،" ޒުބޭރު ބަލައިލީ ޖަނާއަށެވެ. "އެއް ލައްކަ ރުފިޔާ އެބަ މަދުވޭ. މަގޭ ވާހަކައަކީ އެހާ ބައިވަރު ފައިސާއިން ކުރަން ތި އުޅެނީ ކޮން ކަމެއްހޭ؟ ޖަވާބުދީ!"
"މަށެއް ނުނަގަމޭ!" ޖަނާ މަޑުމަޑުން ބުނެލިއެވެ. "މަ ގެއަށް އައީ އެކެއްޖެހިއިރު. އޭރު ޖުމާ އިން ސޯފާގަ ޓީވީބަލަން. މަ އިރުކޮޅަކު ސޯފާގަ އިނދެލާފަ ގޮސް ނިދީ. އޭރު ވެސް ޓީވީގެ އަޑު އިވޭ! ނޫންތަ ޖުމާ؟"
ޖުމާނާއާ ދިމާއަށް ޒުބޭރު ބަލައިލި ނަމަވެސް، ޖުމާނާ އެއްވެސް ޖަވާބެއް ނުދިނެވެ. ދޮގެއްހަދަން އޭނަ ބޭނުން ނުވާ ކަހަލައެވެ. މައްސަލަ އިތުރަށް ގޯސްވީ އެ ހިސާބުންނެވެ. ޒުބޭރު އެތަކެއް ފަހަރަކު ޖުމާނާއާ ސުވާލުކުރިއެވެ. އެންމެ ފަހުން ޖުމާނާ ރުޅިއައިސްފައި ބޭބޭއާ ދިމާއަށް ބަލައިލިއެވެ.
"ދޮގުނަހަދާ!" ހަތަރުކަޅި ހަމަކޮށްފައި ޖުމާނާ ބުނެލިއެވެ.
ޖަނާއަށް ހީވީ މޫނުމަތީގައި މީހަކު އެތިފަހަރެއް ޖެހިހެންނެވެ. ހައިރާންވެފައި އެތައް އިރަކު ޖުމާނާއަށް ބަލަހައްޓައިގެން ޖަނާ ހުއްޓެވެ. ޒުބޭރުގެ ނަޒަރުގައި ޖަނާ ހެދީ ދޮގެކެވެ. ދަނޑިވަޅެއްގެ އިންތިޒާރުގައި ހޭލާއިނީ ޖަނާއެވެ. އެ ދޮގަކީ ޖަނާ ކުށް ކުރިކަން ޒުބޭރަށް ސާބިތުވި ވަރުގަދަ ހެއްކެކެވެ. ފުލުހުންނަށް ގުޅަން ފޯނުގެ ނަންބަރުތަކަށް ފިއްތަނިކޮށް ހަމްދާ ހުރަސްއެޅިއެވެ. އެއީ ޖަނާއާއި ޖުމާނާގެ ވެސް މަންމައެވެ. ދަރިފުޅު އަނެއްކާ ވެސް ޖަލަށް ފޮނުވަން މައިލަނގޮޑިއަށް ކެތްނުވީއެވެ. ޒުބޭރުގެ ނަޒަރުގައި ޖަނާއަށް މަގު އޮޅުނީ އެ ދަރިފުޅަށް މަންމަ ދިން ނުބައި ތަރުބިއްޔަތެއްގެ ސަބަބުންނެވެ. ޖަނާ ކުރާ ކުށްތައް ފޮރުވައި ނުވަތަ އޮއްބަންހަދައިގެންނެވެ. މާޒީގައި ހިނގައިފައިވާ ހާދީސާތައް އެ ކަމަށް ހެކިދެއެވެ. ޖަނާ އެންމެ ފުރަތަމަ ސިނގެރޭޓު ބުއި ދުވަހެވެ. ދެން ޑުރަގު ބޭނުންކުރި ދުވަހެވެ. މީހެއްގައިގައި ތަޅައިގަތް ދުވަހެވެ. ގެއިން އެއްޗެހި ވަގަށްނެގި ދުވަހެވެ. ޒުބޭރާ ޒުވާބުކުރި ދުވަހެވެ. ކޮންމެ ފަހަރަކު ވެސް ޖަނާ ދިފާޢުކުރީ ހަމްދާއެވެ. ވަކި ހިސާބަކަށް އެ ކަން އާންމުވުމުން ފުލުހުންނަށް ޒުބޭރު ރިޕޯޓުކުރިއެވެ. ދަރިފުޅަށް ރަނގަޅު މަގުދައްކަން ބޭނުންވީތީއެވެ. ޖަލުގައި ވެސް ޖަނާ ހުންނަންޖެހުނެވެ. އެކަމަކު، މާ ގިނަ ދުވަސް ޒުބޭރަށް ބޭކާރު ކުރެވުނީއެވެ. މާ ބޮޑަށް ލަސްވީއެވެ. ޖަނާގެ އާވާރާ ދިރިއުޅުމަށް ބަދަލެއް އައިތަނެއް ޒުބޭރަކަށް ނުފެނުނެވެ. ހާމުންޑިއެއްހެން ހޭވިފައިވާ އިސްތަށިގަނޑު ކޮށި ތަނެއް ނުފެނުނެވެ. ހެދުންއަޅާ އުޅުނު ގޮތަށް ބަދަލެއް ނައެވެ. ގެންގުޅުނު އެކުވެރިން ދޫކޮށްލައި، ވަޒީފާއެއް ހޯދައި، ދަން ނުވަނީސް ގެއަށް އައި ތަނެއް ވެސް ނުމެ ފެނުނު މެއެވެ. އެންމެ ފަހުން ޒުބޭރު އުންމީދު ކަނޑައިލިއެވެ. ތިޖޫރިން ވައްކަންކުރި ހާދިސާ ހިނގީ، ޖަނާއަށް އެންމެ ފަހު ފުރުޞަތު ޒުބޭރު ދީގެން ހުއްޓައެވެ.
"އޮތީ ދެ ގޮތް،" ހަމްދާއަށް ޒުބޭރު ދިނީ އާދަޔާޚިލާފު ފުރުޞަތެކެވެ. "އެއްގޮތަކީ، ފުލުހުންނަށް ގުޅާފަ އޭނަ ގެންގޮސް ބަންދުކުރުން. އަނެއްގޮތަކީ، ހަމަ މިހާރު އޭނަ ގެއިން ނެރިލުން. ބޭނުން ގޮތެއް ބުނޭ!"
ޖަނާއަށް ޖެހުނީ ގެއިން ނުކުންނާށެވެ. އެހެން ވެދާނެކަމަކަށް ޖުމާނާ ހިއެއްނުކުރެއެވެ. އެކަމަކު، އެ ގޮތް ޖަނާއަށް ކަމުދިޔަ ކަހަލައެވެ. ދެކޮޅެއް ނަހަދައެވެ. ޝަކުވާއެއް ނުކުރެއެވެ. ދާ ތަނެއް ނުވެސް ބުނެއެވެ. ކޮނޑުގައި ދަބަހެއް އަޅުވައިލައިގެން ނުކުތީއެވެ. މައްސަލަ އެ ހިސާބުން ނިމުނެވެ. އޭރު ހެނދުނު ހަތެއް ޖަހައިފިއެވެ. އެ ނިންމުން ކަމުނުދިޔައީ ޖުމާނާއަށެވެ. މައިންބަފައިން އަތުން ކޮންމެ އެއްޗެއް ވަގަށް ނެގިޔަސް، ދަރިއެއް ގެއިން ނެރެގެނެއް ނުވާނެއެވެ. ކޮންމެ ގޮތެއް ވިޔަސް ޖަނާއަކީ ޖުމާނާގެ ބޭބެއެވެ. އެ ގުޅުމެއް ނުކެނޑޭނެއެވެ. ހަމްދާ ވަރަށް ރުޔެވެ. ޒުބޭރު އެ އަޑެއް ނޭހިއެވެ. ބައްޕައަށް ވިސްނައިދެވޭތޯ ޖުމާނާ މަސައްކަތް ކުރިއެވެ. އެ އަޑެއް ވެސް ޒުބޭރު ނޭހިއެވެ.
"ޖަނާގެ ދިފާޢުގަ އެކަކު ވެސް،" ޝަހާދަތް އިނގިލި ދައްކައިލައިފައި ޒުބޭރު އިންޒާރުދިނެވެ. "އެކަކު ވެސް ވާހަކަދައްކައިގެން ނުވާނެ. މި ފަހަރު އޭނަ އެ ކުރީ ވަރަށް ބޮޑުކަމެއް. ދަރިފުޅަށްޓަކާ ހިތުގަ ކޮންމެވެސް އެއްޗެއް އޮތީމަ އެ ފައިސާ ހޯދަން މަ ނޫޅުނީ. އެކަމަކު އޭގެ ނާޖާއިޒު ފައިދާ އެކަކު ވެސް ނުނަގާތި!"
ޖަނާއަކީ ގިނަ ވަގުތު ގެއިން ބޭރުގައި އުޅޭ ދަރިއެކެވެ. ކާން ވެސް ގެއަށް ވަދެއުޅުނީ މަދު ފަހަރަކުއެވެ. އެހެންނަމަވެސް، ޖަނާ ގެއިން ނެރެލިކަން އެނގޭތީ އެ ދަރިފުޅުގެ ފަޅުކަން ހަމްދާއަށް ވަރަށް ބޮޑަށް އިހުސާސް ކުރެވުނެވެ. މުޅި ގޭތެރެއަށް ވެރިވެފައިއޮތީ ހަމަހިމޭންކަމެވެ. ޓީވީއެއް ހުޅުވައިލައި، ސަމާސާއެއްޗެއް ބުނެލައިހަދަން އެކަކު ވެސް ބޭނުން ނުވާ ކަހަލައެވެ. ޖަނާގެ ވާހަކަ ދެއްކުން މަނައެވެ. އެ ވާހަކަ ބާއްވައިފައި ދައްކާނެ އެހެން ވާހަކައެއް ނެތެވެ. ފޯނުން ޖަނާއަށް ނުގުޅައި އެންމެ ދުވަހަކު ވެސް ހަމްދާއަކަށް ނުހުރެވެއެވެ. ޒުބޭރަށް އެ ކަން އެނގެއެވެ. ގަސްތުގައި އަޅާނުލީއެވެ. ހަމްދާ ހީކުރީ އެ ފައިސާ އަނބުރައި ދީފިއްޔާ ޖަނާއަށް ގެއަށް އާދެވޭނެކަމަށެވެ.
"ދެބައިކުޅަ އެއްބައި ނަމަވެސް ދޭންވީނު ދަރިފުޅާ!" ހަމްދާ ވަރަށް އާދޭހާއެކުގައި އެދުނެވެ.
"ދިހަބައިކުޅަ އެއްބައި ވެސް ދެވޭނީ މަ އެ ނެގި ނަމަތާ މަންމާ!" ޖަވާބުގައި ޖަނާ ބުންޏެވެ. "އޭރު ވެސް މިހާރު ވެސް މި ބުނަނީ. މަށެއް އެ ނުނަގަމޭ. މަ ކީއްކުރާ ބައިވަރު ލާރިއެއް؟ ބައްޕައަށް އޮޅިގެން އެ އުޅެނީ. ކޭޝް ނުބައިކޮށް ގުނާފަ، ސޭފަށް އަމިއްލައަށް ތަޅުދަނޑިޖަހާފަ ހަނދާންނެތިގެން އެ އުޅެނީ. އަދި ހަނދާންވާނެ."
"ދަރިފުޅު ބައްޕައަށް ދޮގުހެދީމަ ހުރިހާ ވެސް މައްސަލައަކީ،" ހަމްދާގެ އަޑުގައިވަނީ ހިތްދަތިކަމެވެ. "އެއީ ކީއްވެގެން ކުރި ކަމެއް؟"
"ނޯ ޗޮއިސް!" ޖަނާގެ ޖަވާބު ވަރަށް ކުރެވެ.
މާޒީގައި ޖަނާ ކޮންމެ ގޮތަކަށް އުޅެފައިވާ ނަމަވެސް، ދުވަހަކު ވެސް މަންމައަށް ދޮގެއްހަދައިފައެއް ނެތެވެ. ނުވެސް ހަދާނެއެވެ. އެ ޔަގީންކަން ހަމްދާއަށް އޮތެވެ. ދެން އެހެންވިއްޔާ ޒުބޭރަށް އޮޅުނީ ހެއްޔެވެ؟ އެ ކަން ކަށަވަރުވާނީ ކިހިނެއް ހެއްޔެވެ؟ ހަމްދާއަށް ވުރެ ބޮޑު ފިކުރެއްގެ ތެރެއަށް ގެއްލިފައި އިންދާ ފެންނަނީ ޖުމާނާއެވެ. އޭނަ ނުވެސް ކައެވެ. ކޮޓަރިން ނުކުންނަނީ އޮފީހަށް ދާން އެކަންޏެވެ. އެއީ ދިރިއުޅުމެއްކަމަކަށް ޖުމާނާ ނުދެކެއެވެ. މައްސަލައަށް ޙައްލެއް ހޯދަން ޖުމާނާ ބޭނުމެވެ. ފޯނު ރަނގަބީލުވާން ފެށިއެވެ. ޖުމާނާ ފޯނަށް ބަލައިލިއެވެ. އެކަމަކު، އެ ކޯލެއް ނުނަގައެވެ.
ދުވަހެއްގެ މެންދުރުފަހުގެ ވަގުތެވެ. އޮފީސް ނިންމައިފައި ގެއަށް އައި މަގުމަތީގައި ޖުމާނާގެ މިސްރާބު އެހެން ދިމާއަކަށް ބަދަލުކޮށްލިއެވެ. ޖުމާނާ ހުއްޓުނީ، އާދައިގެ ފެންވަރަކަށް ހަދައިފައިވާ ތިންބުރި އިމާރާތެއް ކައިރިއަށެވެ. ފޯނު ނަގައިފައި ނަންބަރަކަށް ގުޅައިލިއެވެ. ގޭގައި އުޅޭކަން ޔަގީންކޮށްފައި އެ އިމާރާތަށް ވަނެވެ. ފާރުގެ ތަންތަނުން ހުރީ ކުލަ ފައިބައިފައެވެ. ތަޅުންގަނޑުގައި ޖަހައިފައިވާ ބައެއް ތަށިމުށިތައް ހުރީ ނެއްޓިފައެވެ. ޖުމާނާ ގޮސް ދޮރެއްގައި ޓަކިޖަހައިލިއެވެ. ދޮރު ހުޅުވީ ޖަނާއެވެ. ޖުމާނާ އެތެރެއަށް ވަނެވެ. ވީރާނާވެފައިވާ އެ ކޮޓަރީގައި އެއްވެސް ދިރުމެއް ނެތެވެ.
"މި ތާ ކިހިނެއް އުޅެނީ؟" ޖުމާނާ އެހިއެވެ.
"އެހެން ތަންތަނުގަ ވެސް އުޅޭހެން،" ހިނިތުންވެލައިފައި ޖަނާ ބުންޏެވެ. "މަގޭ ރޫމްމޭޓު ނެތް ގަޑިއެއްގަ ތި އާދެވުނީ. އޭނަ އުޅެންޏާ ވަރަށް ފޫހިފިލާނެ. ކިހިނެއްކިހިނެއް ކަންތައްތައް؟ ކީއްކުރަން މި ތަނަށް ތި އައީ؟"
މާނައިން ފުރިގެންވާ ބެލުމަކުން ޖުމާނާ ބަލައިލިއެވެ. ދުލުން ބަޔާންނުކުރިޔަސް، ޖުމާނާ އައި ސަބަބު ޖަނާއަށް ނޭނގިނުދާނެކަން ޖުމާނާއަށް ކަށަވަރެވެ. އެއީ، ދައްކަން ފަސޭހަ ވާހަކައެއް ނޫނެވެ. ރީތި ވާހަކައެއް ވެސް ނޫނެވެ. ލަދުވެތި ވާހަކައެކެވެ.
"ބޭބެއަށް އެނގޭނެ މަ މި އައީ ކީއްކުރަންކަން؟" ޔަގީންކަމާ އެކީގައި ޖުމާނާ ބުންޏެވެ.
ނުނިމޭ