23 މެއި 2022 - 12:00

ރައްޔިތުންގެ މަޖިލީހުގައި ވަޒީރުންނާ ސުވާލު ކުރަން އޮންނަ ވަގުތު އިތުރު ކުރުމަށް މަޖިލީހުގެ އާންމު ކޮމިޓީން މިއަދު ފާސްކޮށްފި އެވެ.
މަޖިލީހަށް ހާޒިރުވާ ވަޒީރުންނާ އިތުރު ސުވާލު ކުރުމުގެ ފުރުސަތު ލިބޭ ދިގުމިނާ ގުޅިގެން ބައެއް މެމްބަރުން ކަންބޮޑުވުން ފާޅުކުރައްވާފައިވާތީ އާންމު ކޮމިޓީގެ މަޝްވަރާއެއް ދިނުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އޮތީ އެދިވަޑައިގެންފަ އެވެ.
މަޖިލީހުގެ ގަވައިދުގައި މިހާރު އޮންނަ ގޮތުން ވަޒީރާ ސުވާލު ކުރުމުގެ ފުރުސަތު ލިބޭނީ 20 މިނިޓް ވަންދެންނެވެ.
އެ މައްސަލައިގައި މިއަދު ބޭއްވި އާންމު ކޮމިޓީގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ނުރަސްމީކޮށް މަޝްވަރާ ކުރުމަށް ފަހު، މެމްބަރުން ނިންމީ ވަޒީރުގެ އިއުތިރާޒެއް ނެތް ނަމަ 30 މިނިޓަށް ބަދަލު ކުރުމަށެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން އެ ނިންމުން ފާސްކުރި އެވެ.
މެމްބަރުން ފޮނުވާ ސުވާލުތަކަށް 14 ދުވަހުގެ ތެރޭގައި ޖަވާބުދާރީވާން ޖެހޭ ކަމަށް މަޖިލީހުގެ ގަވައިދުގައި ބުނެފައިވާ އިރު، ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވަޒީރަކު މަޖިލީހަށް ވަޑައިގެން މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަ އެވެ.