23 މެއި 2022 - 11:56

ސްޓެލްކޯގެ އިންޖީނުގެތައް ސާފުކުރުމުގެ ޕްރޮގްރާމެއް ފަށައިފި އެވެ.
އިއްޔެ ފެށި އެ ޕްރޮގްރާމަކީ، ސްޓެލްކޯ އިން ބުނި ގޮތުގައި ދާއިމީކޮށް ކުރިއަށް ގެންދާނެ ޕްރޮގްރާމެކެވެ. އެ ޕްރޮގްރާމްގެ ދަށުން ކުނި ނައްތާލައި، ބޭނުން ނުހިފޭ ސާމާނު ނީލަން ކިޔާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ.
އިއްޔެ މި ޕްރޮގްރާމް ފަށައިފައި ވަނީ ސްޓެލްކޯގެ 35 އިންޖީނުގޭގައި އެއް ވަގުތެއްގަ އެވެ. ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަރީފެވެ.
ސްޓެލްކޯ އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން، ގިނަ ވަގުތުތަކެއް ވަޒީފާގައި ހޭދަކުރާއިރު ތަންތަން ސާފުކޮށް ބެހެއްޓުމުގެ ޒިންމާ އުފުލާނީ އެތަނެއްގެ މުވައްޒަފުންކަން ފާހަގަކުރައްވައި، ޝަރީފް ވަނީ އެކަން އެފަދައިން ކުރުމަށް ސްޓެލްކޯގެ މުވައްޒަފުންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެ ޕްރޮގްރާމްގެ ތެރެއިން ހިންގާ މިފަދަ ކަންކަމަކީ ހުއްޓާނުލައި ކުރިއަށް ގެންދާނެ މަސައްކަތްތަކަކަށް ހަދާނެ ކަމަށް ވެސް ސްޓެލްކޯއިން ބުންޏެވެ. އަދި ކުނި އުކާލުމާއި ނައްތާލުމަށް ހާއްސަ ނިޒާމެއް ގާއިމްކުރުމަށް ވެސް އެ ކުންފުނިން ވަނީ ހަމަޖައްސައިފަ އެވެ.