އެމެރިކާ އެމްބަސީގެ ރާއްޖެ އަށް ހާއްސަ ވެބްސައިޓް ނުވަ އަހަރަށް ފަހު އާކޮށްފި
އެމެރިކާ އެމްބަސީގެ ރާއްޖެ އަށް ހާއްސަ ވެބްސައިޓް ނުވަ އަހަރަށް ފަހު އާކޮށްފި

ސްރީ ލަންކާގައި ހުންނަ އެމެރިކާގެ އެމްބަސީން ރާއްޖެ އަށް ހާއްސަކޮށް ހިންގާ ވެބްސައިޓް، ނުވަ އަހަރަށް ފަހު އަލުން ފަރުމާކޮށް، އިއްޔެ ލޯންޗުކޮށްފި އެވެ.

ރާއްޖެ އާއި ލަންކާ އަށް ކަނޑައަޅާފައި ހުންނަ އެމްބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި އާ ވެބްސައިޓް ފަރުމާކޮށްފައި ވަނީ ފޯނާއި އެ ނޫން ވެސް މޮބައިލް އާލާތްތަކުން ފަސޭހަ އިން ބަލައިލެވޭނެ ގޮތަށް ކަމަށެވެ. އަދި ރާއްޖެ އާއި އެމެރިކާއާ ދެމެދު އޮންނަ ގުޅުމުގެ އިތުރަށް، އެމެރިކާގައި ދިވެހިންނަށް ހުރި ވިޔަފާރި އާއި ކިޔެވުމުގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް މި ވެބްސައިޓް މެދުވެރިކޮށް ފަސޭހަ އިން ލިބޭނެކަން އެ ތަނުން ފާހަގަކުރި އެވެ.

އޭގެ އިތުރުން، އެމެރިކާ އިން ރާއްޖޭގައި ހިންގާ ހަރަކާތްތަކާއި އެ ނޫން ވެސް ގުޅުން ހުރި ކަންކަމާ ގުޅޭ މައުލޫމާތާއި ޚަބަރު މި ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ.

"މިއީ 2007ގެ ފަހުން، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި އެމެރިކާގެ އެމްބަސީތަކާއި ކޮންސިއުލޭޓުތަކުގެ ވެބްސައިޓަށް ބޮޑު ބަދަލެއް ގެނައި ފުރަތަމަ ފަހަރެވެ،" ބަޔާނުގައިވެ އެވެ.

އާ ވެބްސައިޓާ އެކު، އެ ވެބްސައިޓުގެ ލިންކު ވެސް ވަނީ ކުރުކޮށް، ފަސޭހަކޮށްފަ އެވެ. އެހެންވެ، އެމެރިކާގެ އެމްބަސީން ކުރިން ހިންގި ވެބްސައިޓަށް ވަނުމުން އާ ވެބްސައިޓަށް ރީޑައިރެކްޓް ކުރާނެ އެވެ.

ރާއްޖެ އާއި އެމެރިކާ އިން ހާރިޖީ ގުޅުން ގާއިމްކުރީ، ރާއްޖެ އަށް މިނިވަންކަން ލިބުނުތާ އަހަރެއްހާ ދުވަސް ފަހުން 1966 ގަ އެވެ. އޭގެ ފަހުން، އެެމެރިކާ އިން އަންނަނީ ރާއްޖެ އަށް އިގްތިސާދީ ގޮތުންނާއި ފަންނީ އެހީތެރިކަން ވެސް ފޯރުކޮށްދެމުންނެވެ.

ރާއްޖޭން ވަނީ އެމެރިކާއާ އެކު މިނިވަން ވިޔަފާރީގެ އެއްބަސްވުމަކަށް ދާން ނިންމައި އެ ކަމުގެ ދައުވަތު ވެސް ދީފަ އެވެ. މީގެ އިތުރުން، ރާއްޖެ އާއި އެމެރިކާ އިން ވަނީ ވިޔަފާރި އާއި އިގްތިސާދީ ދާއިރާ އިން އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި އޮކްޓޯބަރު 2014 ގައި ސޮއިކޮށްފަ އެވެ. އަދި އެެމެރިކާ އިން ގެންގުޅޭ ޖެނެރަލައިޒްޑް ސިސްޓަމް އޮފް ޕްރިފަރެންސް (ޖީޕީއެސް)ގެ ދަށުން ރާއްޖެ އަކީ ހާއްސަ އިނާޔަތްތަކެއް ދޭ ގައުމެކެވެ. އެހެންވެ، ރާއްޖޭގައި އުފައްދާ ބައެއް ތަކެތި ޑިއުޓީއަކާ ނުލާ އެމެރިކާ އަށް އެތެރެ ކުރުމުގެ ފުރުސަތު ވިޔަފާރިވެރިންނަށް މިހާރު ވެސް ލިބެ އެވެ.