23 މެއި 2022 - 11:41

މިހާރުގެ އެންމެ ބޮޑު ޓާގެޓަކީ، އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަންގެ މުބާރާތަކަށް ރާއްޖެ ކޮލިފައިކޮށްދިނުން ކަމަށް، އުމުރުން ހަގު ޓެނިސް ކުޅުންތެރިޔާ ނަބާ ނިޝާން ބުނެފި އެވެ.

މިދިޔަ ހުކުރު ދުވަހު ބަންގަލޫރުގައި ނިމުނު، އޯލް އިންޑިއާގެ ޓެނިސް އެސޯސިއޭޝަން މުބާރާތުގެ 14 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދި ނަބާ، 12، ބުނީ އޭނާ ކުރިއަށް ދާނީ ކުރު ރާސްތާ އަދި ދިގު ރާސްތާ ޓާގެޓްތަކާ އެކު ކަމަށެވެ.

"މި ވަގުތު އެންމެ ބޮޑު ޓާގެޓަކީ އައިޓީއެފް ދެކުނު އޭޝިއާ ކޮލިފިކޭޝަން މުބާރާތުން އައިޓީއެފް އޭޝިއާ މުބާރަތަށް ކޮލިފައިވުން. އެއީ ޓީމު އިވެންޓް މުބާރާތެއް،" މިދިޔަ އަހަރު ޕާކިސްތާންގައި ބޭއްވި ކޮލިފިކޭޝަންގައި ތިންވަނަ ހޯދި ރާއްޖޭގެ އަންހެން ޓީމުގައި ހިމެނުނު ނަބާ "މިހާރު" އަށް ބުންޏެވެ.
އައިޓީޓީއެފް ދެކުނު އޭޝިއާ ކޮލިފިކޭޝަންގެ މި އަހަރުގެ މުބާރާތް އަންނަ މަހު ބާއްވަން ހަމަޖެހިފައި ވަނީ ނޭޕާލްގަ އެވެ. އެ މުބާރާތުގެ ފައިނަލަށް ދާ ދެ ޓީމު އައިޓީޓީއެފް އޭޝިއާ މުބާރާތަށް ކޮލިފައި ވާނެ އެވެ.
ނަބާ ޓްރޭނިން ހަދަމުން އަންނަނީ، ބެންގަލޫރުގެ "ޕަޑްކޯން ޑްރަވިޑް ސްޕޯޓްސް އެކަޑަމީ" ގަ އެވެ. ނަބާ ބުނީ ބެންގަލޫރުގައި ބޭއްވި ދެ މުބާރާތް އޭނާ އަށް ކާމިޔާބުކުރެވުނީ ހަމައެކަނި އިންޑިއާގައި ހެދި ޓްރޭނިންތަކުން އެކަނި ނޫން ކަމަށެވެ.
"ރާއްޖޭގައި ހެދި ޓްރޭނިންތަކުން ދަސްވި ކަންތައްތަކާ އެކު އިންޑިއާގެ މި ދެ މުބާރާތް ވެސް ކާމިޔާބު ކުރެވުނީ،" ނަބާ ބުންޏެވެ. "އެކަމަކު އިންޑިއާގެ ޓްރޭނިންތަކުގައި ފެސިލިޓީސް ގިނަ ވީމަ ރިކަވަރީ އާއި އައިސް ބާތު ރިހިބިލިޓޭޝަން ވެސް ކުރިއަށްގެންދެވޭ."
ބެންގަލޫރުގައި ކޮންމެ ދުވަހަކު، ގާތްގަނޑަކަށް ފަސް ގަޑިރު ޓްރޭނިން ހަދާ ކަމަށް ނަބާ ބުންޏެވެ. ބެންގަލޫރުގައި އޭނާގެ ޓްރޭނިން ކުރިއަށް ގެންދަނީ އޮންލައިން ސްކޫލިންއާ އެކު އެވެ.
"ހެނދުނު ކިޔަވާފައި މެންދުރު ފަހު ޓްރޭނިން އަށް ދަނީ. ދެން އެ ދުވަހެއްގެ ފިލާވަޅުތައް ދުވަހަށް ނިންމާލަން. ފަހުން ނިންމާކަށް ނުބަހައްޓަން. އެގޮތަށް ކިޔެވުމާއި ކުޅުން މެނޭޖްކުރަނީ،" ނަބާ ބުންޏެވެ.
މިދިޔަ މާޗު މަހު ބޭއްވި، މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހޯދި ނަބާ، މީގެ ކުރިން "މިހާރު" އަށް ދިން އިންޓަވިއުއެއްގައި ބުނެފައި ވަނީ، ލޯންގް ޓާމް ޓާގެޓަކީ ޓެނިސް ގްރޭންޑް ސްލޭމް މުބާރާތެއްގައި ކުޅުން ކަމަށެވެ.
ސްރީ ލަންކާގައި ބޭއްވި ޖޫނިއާ އިންޓަނޭޝަނަލް ހަތަރު މުބާރާތެއްގައި ވާދަކޮށް ތިން މުބާރާތް ކާމިޔާބުކުރި، ނަބާގެ އިތުރު ޓާގެޓްތަކެއްގެ ގޮތުގައި އޮތީ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި މެޑަލް ހޯދުން ކަމަށް އޭނާގެ ބައްޕަ ޑރ. އަހްމަދު ނިޝާން ވިދާޅުވި އެވެ.