24 މެއި 2022 - 06:22

އެމެރިކާގެ މަޝްހޫރު އެކްޓަރު ޖިމް ކެރީ އޭނާގެ އެންމެ އައިކޮނިކް އެއް ރޯލު ކަމަށްވާ "ދަ މާސްކް"ގެ ރޯލު އަލުން ކުޅެން ތައްޔާރުވަމުން އަންނަ ކަމަށް ބުނެފި އެވެ.
"ދަ މާސްކް" އަކީ 1994 ވަނަ އަހަރުގައި ނެރުނު ފެންޓަސީ އެކްޝަން ފިލްމެކެވެ. އާދަޔާ ހިލާފު މާސްކެއްގެ ސަބަބުން، އެ ބޭނުންކުރާ މީހުންނަށް ބާރުތަކެއް ލިބެ އެވެ. އެ ފިލްމުގައި މާސްކް ލިބެނީ ސްޓޭންލީ އިޕްކިސް އަށެވެ. ސްޓޭންލީގެ ރޯލުން ފެންނާނީ ޖިމް ކެރީ އެވެ.
ޖިމް ކެރީ އެ ރޯލުން ފެނި އެތައް ބަޔަކަށް ޖިމް ކެރީ ކަމުދިޔައީ އެހާ ހިސާބުންނެވެ. ގިނަ ބައެއްގެ މެދުގައި އޭނާ މަޝްހޫރުވީ ވެސް އެ ރޯލުންނެވެ.
މީގެ 28 ވަރަކަށް އަހަރު ކުރިން ނެރުނު "ދަ މާސްކް" ފިލްމުގެ އިތުރު ބައެއް ހަދާ ނަމަ، އޭގައި ލީޑް ރޯލު ކުޅެން ތައްޔާރު ކަމަށް ކެރީ ބުންޏެވެ.
ޑެޑްލައިން އަށް ދިން އިންޓަވިއެއްގައި ކެރީ ބުނީ އެ ރޯލަކީ އޭނާ އަދިވެސް ކުޅެން ބޭނުންވާ ރޯލެއް ކަމަށެވެ. ނަމަވެސް އެ ރޯލު އަލުން ކުޅޭނީ ޝަރުތެއްގެ މަތިން ކަމަށް ވެސް ބުންޏެވެ.
"މިސާލަކަށް ވަރަށް ވަރުގަދަ ޑައިރެކްޓަރަކު ފިލްމު ތައްޔާރު ކުރަން ބޭނުންވެއްޖެ ނަމަ، އަހަރެން އެ ފިލްމު ކުޅެން އެއްބަސް ވާނަން،" ކެރީ ބުންޏެވެ.
"ދަ މާސްކް"ގެ އިތުރު ބައެއް ނެރުމަށް ވިސްނާ ކަމަށް ބައެއް ޕްރޮޑަކްޝަން ކުންފުނިތަކުން ކުރިން ބުނެފައިވެ އެވެ. ނަމަވެސް އެ ފިލްމާ ގުޅޭ އިތުރު ވާހަކަތަކެއް އަދި އާންމުކޮށްފައެއް ނުވެ އެވެ.