މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް
މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް

މޭރީ ދަންޖެހިގެން މަރުވި ކަމަށް ބުނާ އޮކްޓޫބަރު 19، 2021 އަކީ ދެމަފިރިންގެ ހަތް ވަނަ އެނިވާސަރީ އެވެ. މާވިން އަދި މޭރީ ދަންނަ މީހުން ކިޔައިދީފައިވާ ގޮތުގައި އެ ދުވަހު މޭރީ ހުރީ ވަރަށް އުފަލުންނެވެ. އެއީ ފިލިޕިންސްގައި އުޅޭ މޭރީގެ ބޭބެ ވެސް އެ ދުވަހު ރާއްޖެއަށް އަންނަން ހަމަޖެހިފައި އޮތީމަ އެވެ. މާކުރިން އައީ އެ ދުވަހަށް ތައްޔާރުވަމުންނެވެ.

މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް
މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް

މިއީ އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިިލިޕިންސްގެ ނަރުސް މޭރީ ގްރޭސްގެ މަރުގެ މައްސަލާގައި މިހާތަނަށް އަދި ހާމަވެފައި ނުވާ ވާހަކަތަކެކެވެ. މަރުގެ މައްސަލާގައި މޭރީގެ ފިރިމީހާ މާވިން ވާގަސް އާއި މާވިންގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ދައުވާ އުފުލާފައި ވާއިރު ދައުލަތުގެ ދައުވާތައް ސާބިތުކުރުމަށް ދައުލަތުން އެތައް ސަތޭކަ ހެއްކެއް ވަނީ ހުށަހަޅައިފަ އެވެ.

މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް
މޭރީގެ މަރާ ގުޅޭ ނޭނގޭ އެތައް ވާހަކައެއް

މާވިން ތަހުގީގަށް ކިޔައިދީފައިވާ ގޮތުގައި އެ ދުވަހު ވަރަށް ހެނދުނު މޭރީ ހޭލި އެވެ. ބޭބެ އަންނާތީ ކެއުން ވެސް ތައްޔާރުކުރި އެވެ. މޭރީ ދަންނަ ބައެއް މީހުން ބުނެފައިވަނީ މޭރީ ދަންޖެހިގެން މަރުވެދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށާއި މަރުވި ދުވަހު ހޮސްޕިޓަލުގައި ހުރެފައި ބްރޭކް ގަޑިއަށް ގެޔަށް ދިޔައީ ވެސް ޗުއްޓީ ނަގައިގެން އެކި ރަށްރަށަށް ދާން ނިންމާފައި އޮތުމުން އެ ކަމަށް ތައްޔާރުވާން ހޮސްޕިޓަލްގެ އެޗްއާރަށް ގޮސް ޕާސްޕޯޓް ވެސް ހިފައިގެން ކަމަށެވެ.

މާވިން ބުނެފައިވާ ގޮތުގައި މޭރީ އެ ދުވަހު އޮފީހަށް ގެންގޮސްދިނީ ވެސް އޭނާ އެވެ. އެކަމަކު މެންދުރު 12:00 ހާއިރު މޭރީ ގެޔަށް ދިޔައީ ޕާސްޕޯޓް ހިފައިގެން ކަމަށާއި ހުރީ ކޮންމެވެސް ކަމަކާ ވަރަށް ހިތްހަމަނުޖެހިފައި ކަމަށް ބުންޏެވެ. ފުލުހުންނަށް ދިން ބަޔާނުގައި މާވިން ބުނި ގޮތުގައި މޭރީ ގެ އަށް ދިޔަ ގޮތަށް ފެށީ ޒުވާބުކުރާށެވެ. މާވިން ބުނެފައިވާ ގޮތުން ނަމަ މަ މޭރީގެ އަތުން ބޮލުގައި ތަޅައި ފާރުގައި ދެ ފަހަރު ބޯ ވެސް ޖެހި އެވެ. އޭނާ ބުނި ގޮތުގައި މޭރީ އަމިއްލަ އަށް އަނިޔާވާން ފެށުމުން އަތުގައި ހިފެހެއްޓުމުން ދޫކޮށްލަން ބުންޏެވެ.

އެއީ މާވިން އާއި އޭނާގެ މަންމަ އާއި ބައްޕަ ވެސް އުޅޭ ގެ އެވެ.

މާވިން ބުނީ އަތުން ދޫކޮށްލުމުން މޭރީ ދިޔައީ މަންމަގެ ކޮޓަރިއަށް ކަމަށެވެ. ކަން ހިނގި ގޮތް ކަމަށް ބުނެ މަންޒަރު ސިފަކޮށްދެމުން މާވިން ބުނީ މަންމަގެ ކޮޓަރިއަށް ގޮސް ފާހާނާގައި ހުރި ހަރެއްގައި ފައިން ޖަހައި ވައްޓާލުމުން މޭރީގެ ފަޔަށް ވެސް އަނިޔާވި ކަމަށެވެ. އަދި އެ ރުޅިގަނޑުގައި މާވިން އެ ތަނުން ދާން ބުނުމުން ދިޔައީ ކަމަށާއި އެ ވަގުތު ލަމްހާއާ އެކު ބޭރަށް ގޮސްވީ ދަރިފުޅު ގެޔަށް އައި ކަމަށް ބުންޏެވެ.

ތަހުގީގުގައި އޭނާ އެއްފަހަރު ކިޔައިދިން ގޮތުގައި މޭރީ ދަންޖެހިފައި ހުރިކަން އެނގުނީ ދަރިފުޅު ގެޔަށް ދިއުމުން އައިޕެޑް ހިފައިގެން އެ ކުއްޖާއާ އެކު ކޮޓަރިއަށް ގޮސް އިރުކޮޅެއް ފަހުން، ބްރޭކް ގަޑި ނިމި އަލުން އޮފީހަށް ދާންޖެހޭ ގަޑި ޖެހޭތީ ގޮސް ކޮޓަރި ދޮރު ހުޅުވުމުންނެވެ.

ދަންޖެހިފައި ހުރީ މަންމަގެ ކޮޓަރީގައި ކަމަށް ބުންޏަސް ދަންޖެހެން ބޭނުންކުރި ކަމަށް ބުނާ ބެޑްޝީޓަކީ އެ ކޮޓަރީގައި އޮންނަ ބެޑްޝީޓެއް ނޫނެވެ. މާވިން ވެސް ބުނެފައިވާ ގޮތުގައި އެއީ އެ ރޭ ވެސް މޭރީ ނިދަން ބޭނުންކުރި ބެޑްޝީޓެކެެވެ. އެ ބެޑްޝީޓް އެހާ ކުޑަ ވަގުތުކޮޅެއްގެ ތެރޭ އަނެއް ކޮޓަރިއަށް ގެންގޮސް ދަންޖެހުނު ގޮތަކާ ބެހޭ ގޮތުން ސުވާލުކުރުމުން މާވިން ތަހުގީގުގައި ބުނީ މޭރީ އޭނާގެ ކޮޓަރިން އެ ބެޑްޝީޓް ގެންދިޔައީ ކަމަށް ބެލެވޭ ކަމަށާއި އެކަން ހިނގި އިރު އޭނާ ހުންނާނީ ފާހާނާގައި އެއްޗެއް ސާފުކުރަން ކަމަށެވެ.

މި ހުރިހާ ކަމެއް ހިނގަމުން ދިޔަ ކަމަށް ބުނާ ވަގުތަކީ ހަތަރު އަހަރުގެ ދަރިފުޅު ގެޔަށް އައި ވަގުތު ކަމަށް ބުނެ އެވެ. ދަރިފުޅު ގެ އަށް ގެންނަން ގުޅީ ލަމްހާ އަށް ކަމަށާއި ދަރިފުޅު ގެޔަށް ވައްދަން ތަޅުދަނޑި ވައްޓާލީ ލަމްހާ އަތަށް ކަމެއް ނުވަތަ ލަމްހާގެ ދައްތަ އަތަށް ކަމެއް މާވިން އަށް މިހާރު ޔަގީނެއް ނުވެ އެވެ. އެކަމަކު އެ ދިޔަ މީހަކު ލައިގެން ހުރީ ފިޔާތޮށި ކުލަޔަކަށްދާ އަތްދިގު ޓީޝާޓެއްކަން މާވިން އަށް އެނގެ އެވެ. ދަރިފުޅު ގޮވައިގެން ދިޔަ މީހަކާ މާވިން ވާހަކައެއް ވެސް ނުދައްކަ އެވެ.

ލަމްހާ ފުލުހުންނަށް ކިޔައިދިން ގޮތުގައި ހެނދުނު 10:30 ހާއިރު ލަމްހާގެ ގެޔަށް މާވިން އާއި މޭރީގެ ދަރިފުޅު ގެންގޮސްދިނީ މާވިން އެވެ. ލަމްހާގެ ގޭގައި އެ ކުއްޖާ މާގިނައިރު ނުގެންގުޅޭ ކަމަށާއި މެންދުރު 12:20 ހާއިރު ކުއްޖާ ގެޔަށް ގެންގޮސްދީފައި ވާނެ ކަމަށް ތަހުގީހުގައި ލަމްހާ އެއްބަސްވި އެވެ. ގެޔަށް ދިއުމުން މަތިން ތަޅުދަނޑި ވައްޓާލީ މާވިން ކަމަށާއި އެކަމަކު ގެޔަށް ނުވަންނަ ކަމަށް އޭނާ ބުންޏެވެ. ސަބަބެއް ކަމަށް ބުނީ މޭރީ އަބަދު "ފާރަޔަށް" ހުރުމެވެ.

އޭނާ ބުނި ގޮތުން ނަމަ ދެން ސައިކަލުގައި ގެޔަށް ގޮސް އޭނާ ނިދީ އެވެ. މޭރީ މަރުވިކަން އެނގުނީ ނިދާފައި އޮއްވައި މީހަކު ގުޅާފައި ބުނުމުން މެންދުރު 1:30 ހާއިރު ކަމަށް ބުނި ނަމަވެސް އޭގެ ވިއްސަކަށް މިނެޓް ކުރިން 1:10 ހާއިރު ލަމްހާ އެހެން މީހަކަށް ގުޅައި މޭރީ އަމިއްލަ ހަށިގަނޑަށް އެބަ ގެއްލުން ދޭ ކަމަށާއި މޭރީ މިއަދު މާވިން ޑީޕޯޓްކުރުވާ ވަރު ކޮށްލާނެއޭ ބުނި ކަމަށް ހެކި ބަސް ލިބިފައިވެ އެވެ. އެ މީހާ ގާތު، މޭރީ އުޅެނީ މާވިން ފްރޭމްކޮށް ޑީޕޯޓްކޮށްލަން ވެގެން ކަމަށް ލަމްހާ ބުނެފައިވެ އެވެ.

މޭރީ މަރާލި ކަމަށް ދައުލަތުގެ ދައުވާގައި ބުނާ ވަގުތަކީ މެންދުރު 12:00 އާއި 12:49 އާ ދެމެދު، ބޮލާއި ކަރަށް ހަމަލާދީގެންނާއި ނޭވާ ހާސްކޮށްގެންނެވެ.

އޭގެ ފަހުން ވެސް މޭރީއާ ގުޅޭ ގޮތުން ބައެއް މީހުންނަށް ލަމްހާ މައުލޫމާތު ދިންކަން ސާބިތުކޮށްދޭން ދައުލަތުން ހެކި ހުށަހަޅާފައިވެ އެވެ. މޭރީ ދަންޖެހި މަރުވީ ކަމަށް ބުނެ ހޮސްޕިޓަލަށް ގެންދިޔަ ފަހުން އެ ދުވަހު މެންދުރު ފަހު މޭރީ "އިންޓިއުބޭޓް ކޮށްފި" ކަމަށް 2:30 ހާއިރު މީހެއްގެ ގާތުން ބުންޏެވެ. އަދި 3:00 ހާއިރު ވަނީ މޭރީ މަރުވެއްޖެ ކަމަށް ބުނެފަ އެވެ.

ހެކިބަސް ދިން އެކަކު ބުނެފައިވާ ގޮތުގައި މޭރީ މަރުވީ ދަންޖެހި ކަމަށް ބުނެ ލަމްހާ ވާހަކަ ދެއްކީ އުފާވެފައި ހުރެގެންނެވެ. އޭނާ ބުނީ ދެމަފިރިން ބޮޑު ފައިޓެއް ގޮސް، މޭރީ ވަގުތުކޮޅެއް ދޭން އެދުމުން މާވިން ތިރިއަށް ގޮސް އައި އިރު ހުރީ ބެޑްޝީޓެއް ބޭނުންކޮށްގެން ދަންޖެހިފައި ކަމަށާއި ފުލުހުން ދިޔައިރު ތަން އޮތީ ސާފުކޮށްފައި ކަމަށާއި ބެޓްޝީޓް ވެސް ނެތް ކަމަށް ލަމްހާ ކިޔައިދިނެވެ.

ލަމްހާ އެ ދުވަހު ޑިއުޓީއަށް ދިޔައީ ދާން އޮންނަ ގަޑިއަށް ވުރެ އަވަހަށް އެ ދުވަހުގެ 2:00 އާއި 2:30 އާ ދެމެދުގަ އެވެ. އޭނާ ގަޑިއެއްހާއިރު ކުރިން ޑިއުޓީ އަށް ދިޔައީ އެކުގައި މަސައްކަތްކުރާ މީހެއްގެ އަންހެނުން ދަންޖެހިގެން މަރުވެގެން، އަވަހަށް އަންނަން އެންގުމުން ކަމަށް މީހަކު ގާތު ލަމްހާ ބުނެފައިވެ އެވެ.

މަރުގެ މައްސަލާގައި މާވިން ޑީޕޯޓް ކޮށްކޮށްފާނެތީ ލަމްހާ އުޅުނު ކަމާއި ޖެހިގެން އައި ދުވަހު ވެސް މީހަކަށް ގުޅާފައި ދެން ވާނީ ކިހިނެއްތޯ އާއި މާވިން ޑީޕޯޓްކޮށްފާނެތޯ އެހި ކަމުގެ ހެކި ވަނީ ލިބިފަ އެވެ.

ލަމްހާގެ ކޮޓަރި ފާސްކުރި އިރު ފެނުނު، ހޮސްޕިޓަލްގައި ނޫނީ ގެންގުޅުން މަނާ ބޭސްތަކަކީ އައިޖީއެމްއެޗުން ގެންދިޔަ ތަކެތި ކަމަށާއި އޭގެ ތެރެއިން ބައެއް އިންޖެކްޝަންތަކަކީ ފުރާނަ އަށް ނުރައްކާވެދާނެ ތަކެތި ކަމަށް، ފާސްކުރި ފުލުހުން ގާތު ލަމްހާ ބުނެފައިވެ އެވެ. ގެއިން ފެނުނު ބޭސްތަކަކީ މީހުން ގެނެސްދޭ އެއްޗެހި ކަމަށާއި އެއީ ވަރަށް ކުރިއްސުރެ، އަމިއްލަ ބޭނުމަށް ގެންދާ ބޭސްތަކެއް ކަމަށް ލަމްހާ ބުންޏެވެ. ކޮޓަރި ބަލައި ފާސްކުރި އިރު، ބޭސްތަކަކީ އައިޖީއެމްއެޗުން ގެނައި އެއްޗެހި ކަމަށް ބުންޏަސް ތަހުގީގުގައި ބުނެފައި ވަނީ އެއީ ސެނަހިޔާ އިން ގެންނަ އެއްޗެހި ކަމަށެވެ.

އައިޖީއެމްއެޗްގެ ވަޒީފާގެ ކުރިން ލަމްހާ ވަނީ ސެނަހިޔާގައި މަސައްކަތްކޮށްފަ އެވެ.

މި ކަމާ ގުޅޭ ގޮތުން ތަހުގީގުން އެނގުނު ކަންކަމާއި ލަމްހާގެ ވާހަކަ ދިމާނުވާ ކަމަށް ދައުލަތުން ބުނެ އެވެ. ފެނުނު އެއްޗިއްސަކީ ކޮންޓްރޯލްޑް ޑްރަގްސް އަށް ވާތީ، އެ ވިއްކީ އެސްޓީއޯ އިން ސީދާ އައިޖީއެމްއެޗަށް ކަމާއި ބެޗް ނަންބަރު ދިމާވާ ކަމަށް ދައުލަތުން ބުނެ އެވެ.

ލަމްހާ އުޅޭ ތަން ކޯޓު އަމުރަކަށް ފާސްކުރި އިރު ފެނުނު އިންޖެކްޝަންތަކުގެ ތެރޭގައި ޕޮޓޭސިއަމް ކްލޮރައިޑް، ޕްރޮޕޮފޯލް އަދި ސަކްސިނައިލްކޮލިން ނަމަކަށް ކިޔާ އިންޖެކްޝަނަކާއި ބޭސްތަކެއް ހިމެނެ އެވެ. މިއީ ހުއްދަ ލިބިގެން ހިންގާ ސިއްހީ ހިދުމަތް ދޭ ތަންތަނުގައި ނޫނީ ނުގެންގުޅޭ، ސާޖަރީތަކުގައި މީހުން ހޭނެއްތުން ފަދަ ކަންކަމަށް ބޭނުންވާ އެއްޗިއްސެވެ. މަތީ ޑޯޒެއް ދީފި ނަމަ މީހަކު މަރުވެދާނެ މި އިންޖެކްޝަންތަކުގެ ތެރެއިން ސަކްސިނައިލްކޮލިންގެ އަސަރު މޭރީގެ ޕޯސްޓްމޯޓަމުން ވަނީ އެނގިފަ އެވެ.

ހާދިސާ ހިނގައިގެން އުޅުނު ވަގުތު އެތަނަށް ދިޔަ މީހުން ގާތު މާވިން ބުނީ، ފާހާނާގެ އިސްކުރެއް ހަލާކުވެފައި ހުރުމުން އެ ހަދަން ގެންދިޔަ ތަކެތި ހަލާކުވެ މައްސަލަ ހައްލު ނުކުރެވިގެން މަންމަގެ ކޮޓަރި ފާހާނާ ތެރޭގައި ޒުވާބެއް ހިނގީ ކަމަށެވެ. ޒުވާބުކުރުމުގެ ތެރޭގައި، މާވިން އެހެން އަންހެނަކާ ހިންގާފައިވާ ލޯބީގެ ގުޅުމެއްގެ ވާހަކަ ދެއްކުމަށް ފަހު މޫނުގައި އަތުން ތަޅައި ފާރުގައި ބޯ ތަޅަން ފެށުމުން ހިފަހައްޓަން އުޅުމުގެ ތެރޭގައި އެތަނުގައި ހުރި ހަރެއް ވެއްޓުނު ކަމަށް މާވިން ބުންޏެވެ. އަދި އޭގައި ވަޅިއެއް އޮތުމުން އެ ވަޅި މާވިންއާ ދިމާލަށް އެއްލުމުން ކަކުލުގައި ޖެހި ޒަހަމްވެފައިވާ ކަމަށް ވެސް ބުންޏެވެ.

ހަރުން ވެއްޓުނު އެއްޗެހިތައް ތަރުތީބުކުރަން ހުއްޓާ "ލީވް މީ އެލޯން" އޭ މޭރީ ބުނުމުން މާވިން ގޮސް ހުރީ ކާއެއްޗެހި ހޫނުކުރަން ކަމަށާއި ދެން މޭރީ ދޮރު ލެއްޕީ ކަމަށާއި 15 ވަރަކަށް މިނެޓް ފަހުން މޭރީ ކޮބައިތޯ ބެލި އިރު ހުރީ ދަންޖެހިފައި ކަމަށް އޭނާ ބުނެފައިވެ އެވެ.

ދަންޖެހިފައި ހުރި ކަމަށް މާވިން ދެ ފަހަރު ބުނީ ދެ ގޮތަށެވެ. ފުރަތަމަ ބުނީ ބެޓްޝީޓް އިނީ ކުޑަދޮރެއްގައި ގޮށެއް ޖަހައި އައްސާފައި ކަމަށާއި އަނެއް ދެ ގޮށް އިނީ މޭރީގެ ކަރުގެ ފަހަތުގައި ކަމަށެވެ. ދަންޖެހިފައި ހުއްޓާ ބެޑްޝީޓް ބުރިކޮށްލީ އެއް އަތުން މޭރީ ހިފަހައްޓާފައި ކަތުރަކުން ކަމަށް ބުންޏަސް އެ ސުވާލު ތަކުރާރުކުރުމުން މާވިން ދިނީ ތަފާތު ޖާވާބެކެވެ. ފަހުން ބުނީ ބެޑްޝީޓް އައްސާފައި ހުރީ ކުޑަދޮރުގައި ހުރި ދަގަނޑުކޮޅެއްގައި ކަމަށެވެ. ކުޑަދޮރުގައި އައްސާފައި އިން ކޮޅުގައި އެއް ގޮށް ނުވަތަ ދެ ގޮށް އިން ކަމަށް ބުންޏެވެ.

މޭރީގެ ބަރުދަނުގައި 45 ކިލޯ އަދި އިސްކޮޅުގައި 5 ފޫޓް 2 ނުވަތަ 3 އިންޗި ހުންނަ ކަމަށާއި ދަންޖެހިފައި ހުރި އިރު ތަޅުންގަނޑުގައި ނުޖެހި ހުރީ ފޫޓެއްހާ ވަރު ކަމަށް ބުނެފައިވެ އެވެ.

ތަހުގީގަށް އެނގިފައިވާ ގޮތުގައި ހާދިސާ ހިނގި ދުވަހުގެ ހެނދުނު 10:20 ހާއިރު، މާވިން ވަނީ މީހަކު ހޭނައްތާނެ ރައްކާތެރި ގޮތް ފޯނުން ސާޗްކޮށްފަ އެވެ. އެކަމަކު މާވިން ބުނީ އެއީ ބަަޔަކު އޭނާ އަށް ބިރު ދައްކާތީ އަމިއްލަ ސަލާމަތަށް ހޯދި މައުލޫމާތު ކަމަށެވެ. އެކަމަކު އެ މައްސަލަ އެއްވެސް ތާކަށް ރިޕޯޓްކޮށްފައި ނުވާނެ ކަމަށް ބުންޏެވެ. މީހެއްގެ ކަރުގައި ހިފައި ނޭވާ ހާސްކުރުވާ ޕޮޒިޝަންގައި މީހަކު އިން ފޮޓޯތަކެއް ވެސް ފޯނުން ފެނުނެވެ. ތަހުގީގުގައި މާވިން ވަނީ މޭރީގެ ހަށިގަނޑު ހޮސްޕިޓަލުން ދޫކުރި ފަހުން މެޑިކަލް ލިޔުންތައް ހޯދަން އެހެން މުވައްޒަފަކަށް ގުޅައިގެން މަސައްކަތްކުރި ކަމަށް އެއްބަސްވެފަ އެވެ. އަދި އޭނާ އަށް އައިޖީއެމްއެޗުން ދީފައިވާ ލޮގިން ބޭނުންކޮށްގެން ވެސް އެ މައުލޫމާތު ހޯދަން މަސައްކަތްކުރި ކަމަށާއި މޭރީގެ ފޯނަށް ލަމްހާ ފޮނުވި މެސެޖުތައް ޑިލީޓްކުރި ކަމަށް ވެސް ތަހުގީގުގައި ބުނެފައިވެ އެވެ.

މޭރީ ވަނީ އޭނާ އަށް ލަމްހާ ފޮނުވާފައި ހުރި މެސެޖުތަކެއް އެހެން މީހަކަށް ދައްކާފަ އެވެ. ހުތުރު ބަސްތައް ވެސް ބޭނުންކޮށްފައި ހުރި އެ މެސެޖުތަކުގައި މޭރީއާ އެކު މާވިން އުޅެނީ އުފަލުން ނޫން ކަމަށާއި މޭރީ މާވިންގެ ދިރިއުޅުން ހަލާކު ކުރަނީ ކަމަށް ބުނެފައިވެ އެވެ. މީހަކު މޭރީ އަށް އެއްވެސް ކަހަލަ ހާނީއްކައެއް ނުވަތަ ގޯނާއެއް ކޮށްފި ނަމަ އެ މީހަކީ ލަމްހާ ކަމަށް ބުނި ކަމަށް ހެކިވެރިޔަކު ބުނެ އެވެ.

ތިމަންނާއަކީ ރައީސުލްޖުމްހޫރިއްޔާގެ އާއިލާގެ މީހެކޭ މޭރީ ޑީޕޯޓްކޮށްލާނަމޭ ވެސް ބުނެފައިވާ ކަމަށް ބުންޏެވެ.

ހޮސްޕިޓަލްގައި ތިބި މީހުންގެ ތެރެއިން ބައެއް މީހުން ކިޔައިދިން ގޮތުގައި މޭރީ ދަންޖެހިގެން ކަމަށް ބުނެ ގެންދިޔަ ކަމަށް އެންގީ މެންދުރު 1:15 ހާއިރު އެވެ. މޭރީ ގެންދިޔަ ވަގުތު އެ ތަނުގައި ހުރެ މާވިން ކަން ހިނގި ގޮތް ކަމަށް ބުނެ ދެއްކި ވާހަކާގައި ވެސް ފުށުއެރުން އެބަހުއްޓެވެ.

މާވިން ބުނި ކަމަށް އޮތީ، ބްރޭކަށް ގެޔަށް ދިޔަ ގޮތަށް ޒުވާބުކުރަން ފެށީ ކަމަށާއި ދެން މާވިން ގާތު ބޭރަށް ދާން ބުނުމުން ދަރިފުޅު ވެސް އަނެއް ކޮޓަރީގައި ބަހައްޓާފައި ބޭރަށް ގޮސްފައި ދިޔައިރު ދަންޖެހިފައި ހުރީ ކަމަށެވެ. އެކަމަކު އެހެން ބައެއް މީހުން ގާތު، މޭރީ ރުޅި އައުމުން ދަރިފުޅު ގޮވައިގެން ބޭރަށް ނުކުމެފައި ދިޔައީ ކަމަށް ވެސް ބުނެފައިވެ އެވެ.

މޭރީގެ ކަރުގައި ދަންޖެހުނު ކަމުގެ ނިޝާނެއް ނެތްކަން ހަށިގަނޑު ބެލި އެތައް ބަޔަކު ވަނީ ބުނެފަ އެވެ.

އެ ދުވަހުގެ ހަވީރު ލަމްހާ ވަނީ މީހަކަށް ގުޅައި "ސުއިސައިޑް ކަންތައްތަކުގެ" ތަހުގީގު އޮންނަނީ ކިހިނެއްތޯ އާއި އެކަމުގެ އަޕްޑޭޓް ބެލޭނީ ކިހިނެއްތޯ އަހައިފަ އެވެ. ކީގެ އިތުރުން ވެސް، މާވިން ޑީޕޯޓްކޮށްލާނެތޯ އާއި އޭނާ އަށް ދެން ވާނީ ކިހިނެއްތޯ ވެސް މީހަކު ގާތު އެހި އެވެ. މަރުގެ ކުރިން ލަމްހާ ބުނެގެން މީހަކު މޭރީއާ ބައްދަލުކޮށް ލަމްހާ މޭރީ އަށް ފޮނުވާފައި ހުރި މެސެޖުތައް އައިޖީއެމްއެޗަށް ހުށަހަޅައި ޝަކުވާކުރަން އުޅޭތީ އެ ކަން ހުއްޓުވި އެވެ. އެ ކަން ހުއްޓުވަން ވެސް ބުނެފައވަނީ ލަމްހާ އަކީ ސިޔާސީ ގޮތުން ނުފޫޒު ހުރި މީހެއް ކަމަށެވެ.

މީގެ ކުރިން ޝަރީއަތްތަކުގައި ވަނީ މަރުގައި ލަމްހާގެ ބައިވެރިވުން އޮތްކަން ސާބިތުކޮށްދިނުމަށް، އޭނާ އާއި މާވިންގެ ފޯނު މުއާމަލާތްތަކުގެ ބައެއް ވާހަކަތައް ހާމަކޮށްފަ އެވެ. ދަންޖެހިގެން މަރުވި ކަމަށް ބުނެ ރިޕޯޓްކުރި ނަމަވެސް ޝައްކުތައް ބޮޑުވެ ގަސްދު މަރެއްގެ ގޮތުގައި މައްސަލަ ބަލަން ފަށައި ދެ މީހުން ވެސް މިހާރު ތިބީ ޝަރީއަތް ނިމެންދެން ބަންދުގަ އެވެ. އެކަމަކު ލަމްހާ އަށް ޑޮކްޓަރު ދީފައިވާ ލަފަޔަށް ޖަލުގައި އަމަލު ނުކުރެވޭ ކަމުގެ ޝަކުވާއާ އެކު ބަންދަށް ލުއި ދިނުމަށް އަންނަނީ އެދެމުންވެ.

މާވިންގެ މައްޗަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގެ ދައުވާ އެވެ. އެ ކުށުގެ އަސާސީ އަދަބަކީ 10 އަހަރަށް ޖަލަށް ލުމެވެ.

މާވިންގެ ލޯބިވެރިޔާ ލަމްހާ އަށް ކުރާ ދައުވާތަކަކީ؛

• އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުން

• އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުން

• ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން

މީގެ ތެރެއިން އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ އަސާސީ އަދަބަކީ ހަ އަހަރަށް ޖަލަށް ލުމެވެ. މި ދައުވާކުރަނީ މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ އާއި މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިން އަށް މަގުފަހިކޮށްދީފައިވާތީ އެވެ.

ލަމްހާ އަށް ކުރާ އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އަސާސީ އަދަބަކީ ދެ މަހާއި 12 ދުވަހަށް ޖަލަށް ލުމެވެ.