22 މެއި 2022 - 18:36

ވ. ތިނަދޫގައި އެކަށީގެންވާ ވަރުގެ މިސްކިތެއް ނެތް ކަމަށް ބުނެ ރައްޔިތުން އިހުތިޖާޖު ކުރުމުން، އެ ރަށުގައި މިސްކިތް އަޅަން ތިން މީހަކު ޝައުގުވެރިކަން ފާޅުކޮށްފި އެވެ.

މިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދަށް ފަހު އެެ ރަށުގެ ރައްޔިތުން ކުރި އިހުތިޖާޖުގައި އިސްކޮށް ހަރަކާތްތެރިވި އަބްދުﷲ މަޖީދު މިއަދު "މިހާރު" އަށް ބުނީ އެ ވާހަކަ ޚަބަރުގައި ޖެހުމުން ތިން މީހަކު މިސްކިތް އަޅަން ޝައުގުވެރިކޮށް ފާޅުކޮށްފައިވާ ކަމަށެވެ.
"އެއީ ކޮން ބައެއް ކަން އެއްބަސްވުމުގައި ސޮއިކުރާ ހިސާބަށް ދިއުމުން އަންގާލާނަން،" އޭނާ ބުންޏެވެ.
ތިނަދޫ މިސްކިތް އެޅީ ގަބުރުމަތީގައި ކަމަށް ބުނެ އެތަން ތަޅާލިތާ މިހާރު 10-15 އަހަރުވެއްޖެ އެވެ. ރައްޔިތުން މިހާރު ނަމާދުކުރަނީ ކުރިން އަންހެނުންގެ މިސްކިތެއްގެ ގޮތުގައި އެ ރަށުގައި ބޭނުންކުރި ކުޑަ މިސްކިތެއްގަ އެވެ.
"ހުކުރު ދުވަހެއް ނޫނީ އީދު ދުވަހެއް ވިޔަސް 100 މީހުންގެ ޖާގަ ހަމަނުވާތީ މި ތިބެން ޖެހެނީ ދޭހައި އަތްވަކާއި ވެހޭހާ ވާރެއެއްގައި. ރަށުގައި އެހެން މަޝްރޫއުތައް ހިންގިޔަސް، މިސްކިތުގެ ވާހަކަ އެއްވެސް ގޮތަކަށް ނުދައްކާ،" މަޖީދު ކުރިން ބުނެފައިވެ އެވެ.
އެ ކުޑަ މިސްކިތުގެ ހާލަތު ވެސް ގޯސް ކަމަށާއި މިސްކިތުގައި ދާއިމީ އިމާމެއް ނުހުންނަ ކަމަށާއި އަދި ފޮޅައި ސާފުކޮށް ބަލަހައްޓާނެ މީހަކު ވެސް ނުހުންނަ ކަމަށް ބުންޏެވެ.
މަޖީދު ބުނީ އެ ރަށުން 30 ގޯތި ދޫކޮށްފައި އޮތުމުން މީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް މިހާރު ވެސް މިސްކިތުގެ ޖާގަ ނެތްއިރު، އެ މައްސަލަ މީގެ ކުރިން ވެސް ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލު ކަމަށް ގެނެސްފައިވާ ކަމަށެވެ.
ތިނަދޫ އަކީ 200 މީހުންގެ އާބާދީއެއް އޮންނަ ރަށެކެވެ. ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރިކުރަމުން އަންނަ އެ ރަށުގައި ގިނަ އަދަދެއްގެ ބިދޭސީންނާއި އެހެން ރަށްރަށުން ވަޒީފާ އަށް ގޮސް އުޅޭ ދިވެހިން ވެސް އުޅެ އެވެ.