މަންކީޕޮކްސް ރާއްޖެއިން ފެނުމުގެ ފުރުސަތު ކުޑަ، އެކަމަކު ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހޭ: އެޗްޕީއޭ
މަންކީޕޮކްސް ރާއްޖެއިން ފެނުމުގެ ފުރުސަތު ކުޑަ، އެކަމަކު ރައްކާތެރިވުމަށް ފިޔަވަޅު އަޅަންޖެހޭ: އެޗްޕީއޭ

އެކި ގައުމުތަކުން މިހާރު ފެނިފައިވާ މަންކީޕޮކްސް ރާއްޖެއިން ފެނުމުގެ ފުރުސަތު ކުޑަ ކަމަށާއި ނަމަވެސް އެ ބަލިން ރައްކާތެރިވުމަށް ފަރުދީ ގޮތުން އެޅެން ހުރި ފިޔަވަޅުތައް އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތުގައި މަންކީޕޮކްސްގެ ކޭސްތަކެއް ރިޕޯޓްކުރުމާ އެކު އެޗްޕީއޭ އިން އެ އައުޓްބްރޭކްގެ ހާލަތު ބަލަމުން ކަމަށެވެ. އަދި އިއްޔެގެ ނިޔަލަށް 12 ގައުމަކުން 92 ކޭސް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އަށް ރިޕޯޓްކޮށްފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި މަންކީޕޮކްސްގެ ކޭސްތައް އާންމުކޮށް ފެންނަނީ ހުޅަނގު އަދި މެދުތެރޭ އެފްރިކާގެ ގައުމުތަކުން ނަމަވެސް އެއިން އެއްވެސް ގައުމަކާ ގުޅުމެއް ނެތް ތަންތަނުގައި ބަލި ފެތުރެން ފެށި ގޮތް ނޭނގި އެ ބަލި ފެތުރޭ މިއީ ފުރަތަމަ ފަހަރެވެ. އެހެންވެ ބައްޔާ ގުޅޭ ގޮތުން ޑަބްލިއުއެޗްއޯ އިން ދިރާސާތައް މިހާރު ފަށާފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.

މަންކީޕޮކްސްއަކީ ކަށިވިދުރި ޖައްސާ ވައިރަހާ އެއް އާއިލާއެއްގެ ވައިރަހަކުން ޖެހޭ ބައްޔެކެވެ. ކަށިވިދުރި ނައްތާލުމަށް ޖެހި ވެކްސިނުން މަންކީޕޮކްސް ވެސް ރައްކާތެރިކޮށްދެ އެވެ. ދުނިޔެއިން ކަށިވިދުރި 1980 ގައި ނައްތާލެވުނު ނަމަވެސް މިދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި މަންކީޕޮކްސް ފެތުރުނު ގައުމުތަކުގައި އެ ބަލި އިތުރުވި ކަމަށް ވެސް އެ އެޖެންސީން ބުންޏެވެ.

• ހުން އައުން

• ގައިގައި ރިއްސުން

• ވަރަށް ބޮޑަށް ވަރުބަލިވުން

• ބޮލުގައި ރިއްސުން

• ކިހިލީގައި ނުވަތަ އުކުޅުވަޅުގައި ގޮށްލުން

އެ އަލާމާތްތަކަށް ފަހު 1-4 ދުވަސް ތެރޭގައި ހަށިގަނޑު ބިހިތަކެއް ނަގަ އެވެ. އެ ބިހިތައް ފުރަތަމަ ނަގާއިރު ފަތިކޮށް ހުއްޓަސް ފަހުން ފެންފޮޅަށްވެ އޭގެ ފަހުން ފޮޅުތަކުގައި ދޮސްލަ އެވެ. އަދި ފޮޅުތައް ފަޅައިގެން ފަހުން ކުރަލަ އެވެ.

އެޗްޕީއޭ އިން ބުނި ގޮތުގައި ކުރައިގެ ދަށުން އާ ހަންގަނޑު އުފެދި ކުރަ ވެއްޓެންދެން ބަލި މީހާގެ ފަރާތުން އެހެން މީހުންގެ ގަޔަށް ބަލި ފެތުރުމުގެ ފުރުސަތު އޮވެ އެވެ. އަދި އެބަލި ޖެހުމުން ނަގާ ބިހިތަކަކީ ބައެއް ފަހަރު ފާނަބަސަންދު ޖެހުމުން ނަގާ ބިހިތަކާ އެއްގޮތަށް ނަގާ ބިހިތަކަކަށް ވެދާނެ ކަމަށާއި މިހާތަނަށް ބައްޔަށް ސީދާ ފަރުވާއެއް ނެތް ނަމަވެސް ބަލީގެ އަލާމާތްތަކަށްދޭ ފަރުވާއިން ބަލިން ރަނގަޅުވާ ކަމަށް ވެސް އެޗްޕީއޭ އިން ބުންޏެވެ.

މަންކީޕޮކްސް އަކީ އާންމުކޮށް އެ ބަލީގެ ވައިރަސް ހުންނަ ޖަނަވާރުން ޖެހޭ ބައްޔެކެވެ. ނޭވާލާ ނިޒާމުގެ ޒަރިއްޔާއިން ފެތުރޭ އެހެން ބަލިތަކާ ތަފާތުކޮށް އިންސާނުންގެ ތެރޭގައި މަންކީޕޮޮކްސް ފެތުރެނީ ބަލިޖެހިފައިވާ މީހަކާ ގިނައިރު ކޮންޓެކްޓްވެގެންނެވެ.

އެޗްޕީއޭ އިން ބުނީ އިންސާނުންގެ ތެރޭގައި ބަލި ފެތުރެނީ މީހެއްގެ ކުޅުގައި ހުންނަ ޖަރާސީމު ނޭވާލުމުގެ ނިޒާމަށް ގޮސްގެންނާއި ބަލި މީހާގެ ހަމުގައި ނަގައި ބިހިތަކުގައި ނުވަތަ އެއިން ނުކުންނަ ދިޔައިގައި ޖެހުމުންނާއި ބަލި މީހާގެ ހެދުމާއި ބެޑްޝީޓް ނުވަތަ ތުވާލި ފަދަ ތަކެތި ބޭނުންކުރާ ނަމަ ކަމަށެވެ.

މިހާތަނަށް ރާއްޖެ އަދި އަވަށްޓެރި ގައުމަކުން ވެސް މި ބަލި ނުފެނެ އެވެ. އަދި މިއީ ގިނައިރު މީހުންނާ ކޮންޓެކްޓްވެގެން ހުރުމުން ޖެހޭ ބައްޔަކަށްވާތީ ރާއްޖެއިން ބަލި ފެތުރުމުގެ ރިސްކު ކުޑަ ކަމަށް ވެސް އެޗްޕީއޭ އިން ލަފާކުރެ އެވެ.

އެކަަމަކު އިތުރު ގައުމުތަކުން ވެސް ބަލި ފެތުރިދާނެތީ އާއި ރާއްޖެއާ ހިސާބަށް ވެސް މަންކީޕޮކްސްގެ ކޭހެއް އަތުވެދާނެތީ އެޗްޕީއޭ އިން އިލްތިމާސްކުރަނީ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށެވެ.

• ގިނަގިނައިން އަތް ސާފުކުރުން

• މާސްކް އެޅުން

• އެއްވެސް އަލާމާތެއް ހުރި ނަމަ އެހެން މީހުންނާ ބައްދަލުވެ ގައިގޯޅި ނުވުން.

• ބަލީގެ އަލާމާތްތައް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުން

އެޗްޕީއޭ އިން ބުނި ގޮތުގައި ދުނިޔޭގައި ފެތުރޭ އެހެން އާދަޔާ ހިލާފު އައުޓްބްރޭކްތަކެކޭ އެއްގޮތަށް މި އައުޓްބްރޭކާ ގުޅިގެން ވެސް އެޗްޕީއޭ އިން ދަނީ މޮނިޓާކޮށް ރިސްކް އެސެސްމަންޓް ހަދަމުންނެވެ.