22 މެއި 2022 - 10:56

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ އިންޑިއާ އައުޓް ހަރަކާތަށް ހަރަދުކުރާ މައިގަނޑު އެކަކީ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް ކަމަށް ފުލުހުން ކޯޓުގައި ބުނެފި އެވެ.
އިންޑިއާ އައުޓް ހިންގާތީ އޭނާ ދެ ފަހަރަކު ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ގެންދިއުމުން ދެ ފަހަރު ވެސް ދޫކޮށްލީ އެވެ. ފުރަތަމަ ފަހަރު އޭނާ ދޫކޮށްލަން ޖެހުނީ ކޯޓު އަމުރު ނުދައްކާ ހައްޔަރު ކުރުމުންނެވެ. ދެވަނަ ފަހަރަށް ދޫކޮށްލީ އޭނާ ޖިނާއީ ކުށެއް ކުރިކަމަށް ފުލުހުންނަށް ހެކި ނުދެއްކުމުންނެވެ.
މުހައްމަދު އިސްމާއިލް ދެވަނަ ފަހަރަށް ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ގެންދިއުމުން، ފުލުހުން ކޯޓުގައި ބުނެފައިވަނީ އިންޑިއާ އައުޓް ހަރަކާތަށް ހަރަދުކުރާ މައިގަނޑު އެކަކީ އޭނާ ކަމަށެވެ. ނަމަވެސް، އެ ތުހުމަތުގެ މައްޗަށް ބާރު ދިނުމަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވާކަމަށާއި ހުށަހަޅާފައިވާ ފޮޓޯ ރިޕޯޓުންނާއި ކުށުގެ ރެކޯޑް ފޯމުން އެކަން އެނގެން ނެތްކަމަށް މުހައްމަދު އިސްމާއިލް ދޫކޮށްލަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނެފައިވެ އެވެ.
އެ ކޯޓު އަމުރުގައިވާ ގޮތުން އޭނާގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން ހެކި ގަރީނާގެ ގޮތުގައި ހުށަހަޅާފައިވަނީ މައިގަނޑު ތިން ކަމެއް ކަމަށެވެ. އެއީ އިންޓެލިޖެންސް ރިޕޯޓަކާއި ފޮޓޯ ރިޕޯޓާއި ކުށުގެ ރެކޯޑެވެ.
އެއިން އެއްވެސް ހެއްކަކުން، މުހައްމަދު އިސްމާއިލް ޖިނާއީ ކުށެއް ކުރާ މަންޒަރު ނުވަތަ އެފަދަ ކަމެއް ދައްކުވައިދޭ ކަމެއް ފާހަގަކުރެވޭ ފަދަ ކަމެއް ފެންނަން ނެތް ކަމަށް ކޯޓު އަމުރުގައި ބުނެފައިވެ އެވެ.
މުހައްމަދު އިސްމާއިލް ހައްޔަރުކުރި އަމުރުގައިވާ ގޮތުން އާންމުކޮށް ފެންނާނެހެން އިންޑިއާއާ ދެކޮޅުކަން ހާމަވާ ފަދަ ގޮތަށް އިންޑިއާގެ ގައުމީ ދިދައިގެ ކުލަތަކާއި ނިޝާން ބޭނުންކޮށްގެންނާއި އިންޑިއާ އައުޓް އަދި އިންޑިއާ އައުޓް ރަމްޒުވާނޭހެން ލިޔެފައިވާ ބެެނާތަކާއި ކުރެހުންތައް ތަކުރާރުކޮށް މާލެ އާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް އޭނާ ފޯރުކޮށްދިން ކަމުގެ ތުހުމަތުކުރެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމުން ފެށި އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ވަނީ ކަނޑައަޅައިފަ އެވެެ. އެކަމާ ގުޅިގެން ރައީސް ނެރުއްވި ގަރާރުގައި ވެސް ވަނީ އިންޑިއާ އާ މެދު ނަފްރަތު އުފެއްދުމަށް ހިންގާ ހަރަކާތްތައް ހުއްޓުވުމަށް ސަލާމަތީ ބާރުތަކަށް އަންގައިފަ އެވެ.