28 ޑިސެމްބަރ 2016 - 06:19

އުފަން ވީއިރު އަތް ނެތް މީހެއްގެ ހަށިގަނޑަށް އެހެން މީހެއްގެ އަތެއް، ޕޮލެންޑްގައި، ކާމިޔާބުކަމާ އެކު ގުޅުވައިފި އެވެ. މިއީ އަތެއް ލެއްވުމުގެ ފުރަތަމަ އޮޮޕަރޭޝަން ކަމަށް، އެކަމުގައި އުޅުނު ޑޮކްޓަރުންގެ ޓީމުން ބުނެ އެވެ.
އުމުރުން 32 އަހަރުގެ ފިރިހެންމީހާ މިހާތަނަށް ދިރިއުޅުނީ އެއް އަތް ނެތި އެވެ. ނަމަވެސް މިދިޔަ ހަފުތާގައި ކުރި 13 ގަޑިއިރުގެ އޮޕަރޭޝަނަށް ފަހު އޭނާއަށް ވަނީ މުޅިން އާ ގުނަވަނެއް ލިބިފަ އެވެ. އެ އަތް ހަދިޔާކުރީ މަރުވި މީހަކެވެ.
އާ އަތުން މާ ބޮޑު ކަމެއް އަދި ނުކުރެވުނަސް އިނގިލިތައް ގޮތްގޮތަށް ތަޅުވާ ހެދެ އެވެ. ޑޮކްޓަރުން އުންމީދުކުރަނީ އެ އަތް ބޭނުންކޮށްގެން ގިނަ ކަންތަައްތަކެއް އަދި ކުރެވޭނެ ކަމަށެވެ.
ޕޮލެންޑްގެ ރޯސްލާފް މެޑިކަލް ޔުނިވަސިޓީގައި ކުރި އޮޕަރޭޝަންގައި އިސްކޮށް ހުންނެވި އެޑަމް ދޮމަންސިވެޒް ވިދާޅުވީ އުފަން ވީއިރު ވެސް އައިބުވެފައި ހުރި ބޮޑު މީހެއްގެ ހަށިގަނޑަށް އެހެން މީހެއްގެ އަނގުނެއް މީގެ ކުރިން ލައްވާފައި ނުވާ ކަމަށާއި މިއީ މުޅި ދުނިޔޭގައި ވެސް އެފަދަ އޮޕަރޭޝަނެއް ކުރި ފުރަތަމަ ފަހަރު ކަމަށެވެ.
"އަހަރެމެން މި ދައްކަނީ 32 އަހަރު ވަންދެން އެއް އަނގުނު މަދުން ދިރިއުޅުނު ފިރިހެނެއްގެ ވާހަކަ. މިއީ ޓްރާންސްޕްލާންޓް ކުރުމަށާއި ނިއުރޯފިޒިއޮލޮޖީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. ކުރިން ގަބޫލުކުރެވިފައިވަނީ އުފެދުމުގައި އައިބު ހުންނަ މީހުންނަށް މިގޮތަށް ގްރާފްޓެއް ނުހެދޭނެ ކަމަށް،" ޑޮކްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ދުނިޔޭގެ ކަންކޮޅުތަކުގައި ތިބި އަނގުން މަދު މީހުންނަށް މި އޮޕަރޭޝަންގެ ސަބަބުން ވަރަށް ބޮޑު އުންމީދެއް ލިބޭނެ ކަމަށެވެ. މިފަދަ މީހުންނަށް މީގެ ކުރިން އޮންނަ ހަމައެކަނި ހައްލަކީ މަސްނޫއީ ގުނަވަނެއް ޖެހުމެވެ. އެކަމަކު ދާއިމީ އަތެއް ޖެހުމުގެ ފުރުސަތު ވެސް މިހާރު އެމީހުންނަށް އެބަ އޮތް ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.
މިހާތަނަށް އަތް ލެއްވުމުގެ 80 ވަރަކަށް އޮޕަރޭޝަން ދުނިޔޭގެ އެކި ގައުމުތަކުގައި ކޮށްފައިވެ އެވެ. އެކަމަކު އެއީ ވިހާއިރު ގުޅިފައި ތިބޭ ކުދިންގެ އާއި އެކްސިޑެންޓްތަކުގައި އަތް ބުރިކޮށްލަން ޖެހުނު މީހުންގެ އެވެ. ކުރިންސުރެ އަތް ނެތް، އަދި 32 އަހަރު ދުނިޔޭގައި ހުރި މީހެއްގެ އެފަދަ އޮޕަރޭޝަނެއް ކޮށްފައެއް ނުވެ އެވެ.
އަތް ލެއްވުމުގެ އޮޕަރޭޝަން ގާތްގަނޑަކަށް ހަ ގަޑިއިރާއި ބާރަ ގަޑިއިރަށް ދެމިގެންދެ އެވެ. މި ސާޖަރީގައި ޑޮކްޓަރުންގެ ދެ ޓީމު މަސައްކަތް ކުރާނެ އެވެ. އެއް ޓީމުގެ ޒިންމާއަކީ އަތް ހަދިޔާކުރި މީހާގެ އަތް ވަކިކޮށްލުމުގެ މަސައްކަތެވެ. އަލުން އަތް ލައްވާ މީހާގެ ހަށިގަނޑާ އެ ގުނަން ގުޅާލުމުގެ ބައި ކުރިއަށް ގެންދާނީ އަނެއް ޓީމުންނެވެ.
އަތް ލެއްވުމުގެ ގޮތުން ޓައިޓޭނިއަމް ޕްލޭޓުގައި އިސްކުރު ޖަހައިގެން ކަށިތައް ގުޅުވަ އެވެ. އަދި ކަށިތައް ބިނދިގެން އޭގެ ޒާތުގައި ފަސޭހަވާ ގޮތަށް އާ އަތުގެ ކަށިތައް ވެސް ގުޅި، ފަސޭހަވެ އެވެ. ނަމަވެސް އެ ޕްލޭޓްތަކެއް ނުނަގާނެ އެވެ.
ލޭ ހޮޅިތައް ގުޅާލުމުގެ ކުރިން މުހިއްމު ޓެންޑަންތަކާއި މަސްތައް ގުޅުވާލުމުގެ މަސައްކަތް ޑޮކްޓަރުން ކުރެ އެވެ. ލޭ ހޮޅިތައް ގުޅާލުމާ އެކު ގުޅާލި އަތާއި އެމީހާގެ އަސްލު އަތުގެ ބަޔާ ދެމެދު ލޭ ދައުރުވާން ފަށަ އެވެ. ބާކީ ހުރި ނާރުތަކާއި ޓެންޑަންތައް އަދި މަސްތައް ހަރުކުރަނީ އޭގެ ފަހުންނެވެ.
ގުޅާލި އަތަށް އިހްސާސް ވާން ފަށަނީ އޭގެ ފަހުންނެވެ.