ތުނޑި
ތުނޑި

ބުދަ ދުވަހާ ގުޅޭ

އެއީ ސާދަވިލޭރޭގެ ހަނދެއް ނޫނެވެ. ފަޅިހަނދެކެވެ. އެކަމަކު އެ ދަނޑިވަޅަށް އަހަރެން ބޭނުންވި ވަރުގެ އަލިކަމެއް ހުއްޓެވެ. ދޯނީގެ މިސްރާބު ހުރީ، ފަޅުރަށުގައި ކުރިން ދޯނި އޮތް ތަނަށެވެ. ކުރިން އަހަރެން ކުރީ ހީތަކެއް ނަމަވެސް ހާލަތު ބަދަލުވެއްޖެއެވެ. އަހަރެންނަށް ފެންނަން ފެށީ، ދުވަހަކު ވެސް ހިތުން ނުފިލާނެ ކަހަލަ މަންޒަރެކެވެ. "އޭނަ" އިނީ އުނަގަނޑާ ހަމައަށް މޫދަށް އެރިއެވެ. ހަނދުވަރުގެ އަލި ހުރި ގޮތުން އޭނަ ފެންނަނީ އަނދިރިކޮށެވެ. އޭރު އޭނަގެ ސައިޒު، އާދައިގެ ދެ އިންސާނުންނަށް ވުރެ ބޮޑުވާނެހެން ހީވެއެވެ. އޭނަ މޫދަށް އަތްކޮއްޕައިލައިފައި މަހެއް ނަގައެވެ. މަހުގެ އެއްބައި ކާލައިފައި އަނެއް ބައި އަހަންނާ ދިމާއަށް ހޫރުވައިލައެވެ. ވަރަށް ދުރުން އެއްލީމައި ވެސް، ލޭތަކާ އެކުގައި އެ ބައި އައިސް ވެއްޓެނީ ދޯނި ތެރެޔަށެވެ. އަހަރެންގެ ގަޔަކު ނުޖެހެއެވެ. ދޯނިން ބޭރަކަށް ވެސް ނުދެއެވެ. ދެން ދެއަތުގެ އިޝާރާތުން އަހަރެން ގާތުގައި އަންނާށޭ ބުނާ ކަހަލައެވެ. ނުވަތަ އެއީ އޭނަ ކައިރިޔަށް ދޯނި ގެންދިޔުމަށް ޓަކައި އޭނަ ހަދާ މަންތަރެކެވެ. އަނެއްކާ އަނެއް މަސް ނަގައެވެ. ހަމަ އެހެން ހަދައެވެ. ދޯނި ދިޔައީ އޭނަޔާ ދިމާއަށެވެ. ދޯނި ހުއްޓުވަން އަހަންނަށް ކުރެވޭނެ އެއްވެސް ކަމެއް ނެތެވެ. ބިރުން ތުރުތުރުއެޅިޔަސް އަހަރެން ޖެހުނީ އިންނާށެވެ. ދަސްވެފައި ހުރި ހުރިހައި ހެޔޮއެއްޗެއް ކިޔެވީމެވެ. ދޯންޏެއް ނުހުއްޓެއެވެ. ފަހަރަކަށް ވުރެ ފަހަރެއް އޭނަޔާ ކައިރިވިއެވެ. އޭނަގެ ކަރުތެރެއިން ބިރުވެރި އަޑެއް ނެރިގެން، ދޭތެރެއަކުން ހޭރިގަނެއެވެ. އެ ފަދަ ކޮންމެ ފަހަރަކު، އަހަރެންގެ ލޯލިތައް ކޮޅަށްޖެހޭ ކަމުގެ އިހުސާސް އަހަންނަށް ކުރެވެއެވެ.

ކުއްލިއަކަށް އަހަރެންގެ ހިޔާލު ބަދަލުވިއެވެ. ފަލިނެގީމެވެ. އިދިކޮޅަށް ފަލިޖެހުމުގެ ބަދަލުގައި އެއް ފަލިން ޖަހަން ފެށީމެވެ. އެހެން ހެދުމުން، އެއްސީދަލަށް ދިޔުމުގެ ބަދަލުގައި، އެއް ތަންކޮޅެއްގައި ދޯނި އެނބުރެން ފެށިއެވެ. އޭނަޔާ ކައިރިއެއް ނުވެއެވެ. މަޑުމަޑުން އެހެން ދިމާއަކަށް ދޯނީގެ މިސްރާބު ބަދަލުވާން ފެށިއެވެ. އެ ވާ ގޮތް އޭނައަށް ވިސްނުނީކަން ނޭނގެއެވެ. އޭނަ އެ ދިމާއަށް އަންނަން ފެށިއެވެ. އިސްކޮޅުކާ ހިސާބަށް ދެވުމާ އެކު އަހަރެން ދޯނިން ފުންމައިލީމެވެ. އޭރު އޭނަޔާ ވިއްސަކަށް ފޫޓުގެ ދުރުމިން ހުންނާނެހެން ހީވެއެވެ. އަހަރެން އެއްގަމާ ދިމާއަށް ފަތައިގަތީމެވެ. އޭނަ ނުއެއް ފަތައެވެ. ހީވަނީ ހިނގާފައި އަންނަހެންނެވެ. އެކަމަކު އޭނަ އަންނަނީ، އެގޮތް މިގޮތަށް ދެއަތް ހޫރުވަމުންނެވެ. ނަސީބަކުން މާ ކުރިން އަހަންނަށް އެއްގަމަށް އެރުނެވެ. އަހަރެން ވަލުތެރެއަށް ދުއްވައިގަތީމެވެ. އޭނަ ވެސް އެއްގަމަށް އަރައި، އަހަރެންނާ ދިމާއަށް އަންނަން ފެށިއެވެ. ކާޅެއްހެން ފުންމަމުންނެވެ. ދިޔަ ގޮތަށް ވަލުތެރެއަށް ވަދެފައި ވެސް އަހަންނެއް އެ ފަހަރަކު ނުއެއް ހުއްޓެމެވެ. ގަސްގަހުގައި ޖެހެމުން، އަރިއަޅަމުން، ބައެއް ފަހަރު ވެއްޓެމުން ދުވީމެވެ. އޭނަ ވަލުތެރެއަށް ވަދެފި ނަމަ، އަހަރެން ފިލަން ވަންނާނެ ތަނެއް ނޯންނާނެއެވެ. އެއީ ކަނޑާއި ވަލަށް ވެސް ގަދަ މަހުލޫގެކެވެ. އަހަރެން ޖެހުނީ، ސިކުންތުކޮޅެއް ތެރޭގައި ނިންމުމެއް ނިންމާށެވެ. ވިސްނާކަށް ވަގުތެއް ނުލިބުނެވެ. ދިޔަ ގޮތަށް ގޮސް ރުކަކަށް އެރީމެވެ. އަހަންނަށް ފެނުނު އެންމެ މޮޅު ގޮތަކީ އެއީއެވެ.

އަހަންނަކީ ރުކަށްއަރަން ފަރިތަ މީހެކެވެ. ގެންފައި ހުރި ބިރާއި، ވަރުބަލިކަމާ އެކުގައި ވެސް، ޅާނބު ނުލައި ރުކަށް އެރީމެވެ. ވަރަށް ހަލުވިކޮށެވެ. ދެ ފަހަރަކު ކައްސައިލި ވެސްމެއެވެ. ފަންތަކާ ހަމައަށް އެރުމަށް ފަހު، ވީހާ ވެސް ބޮޑަކަށް ފަންތަކު ތެރޭގައި ފިލީމެވެ. ދެން މަޑުމަޑުން ޝަހާދަތް ކިޔާލަކިޔާލާ އިނީއެވެ. ކުރެވޭނެ އެހެން އެއްވެސް ކަމެއް ނެތެވެ. ހިތަށްއެރިއެވެ. އޭނަ ރުކަށް އަރަން ފަށައިފި ނަމަ، އަހަރެން ރުކުން ފުންމައިލާނީއެވެ. މަރުވިއްޔާ މަރުވީއެވެ. ޔަގީނުން ވެސް އޭނަގެ އަތަކު ނުޖެހޭނަމެވެ.

މުޅި ތަނަށް އޮތީ ހަމަހިމޭންކަން ވެރިވެފައެވެ. އެތައް އިރެއްވީ އިރު ވެސް އަހަރެން ތިރިއެއް ނުބަލަމެވެ. އަހަރެން ވިސްނީ އަޑަށެވެ. އޭނަ ވީ ތަނެއް ނޭނގެއެވެ. އިރުގަނޑަކަށް ފަހު، ހިނގާ އަޑު ކަހަލަ އަޑަކާއި ނޭވާލާ އަޑު ކަހަލަ އަޑެއް އިވެން ފެށިއެވެ. ހޭރޭއަޑާއި، ގަސްގަހުގެ ގޮފިތައް އިރާ އަޑު ވެސް އިވެން ފެށިއެވެ. ހިތް ބުންޏެވެ. އޭނަ އަހަރެން ހޯދަނީއެވެ. އޭނަ އަންނަނީއެވެ. ވަރަށް ބިރުގަތް ވަގުތެކެވެ. މާތް ﷲ އަށް ވަކީލުކޮށްލައިގެން އަހަރެން ލޯމަރައިލައިގެން އިނީމެވެ. ބޭނުންވީ އެންމެ ކަމެކެވެ. އިރުއަރާށެވެ. އަވަހަށް އިރުއަރައި، މުޅި ތަން އަލިވާށެވެ. އެކަމަކު އިރެއް ނޭރިއެވެ. ތިން ދުވަސް ވަންދެން އެ ތަނުގައި އިނދެވުނުހެން އަހަންނަށް ހީވި އިރު ވެސް އިރެއް ނޭރިއެވެ.

އަޑެއްބަޑެއް ނީވި އެތައް ވަގުތެއް ހޭދަވިއެވެ. ގައިގެ ބައެއް ތަންތަނުން ދިލަނަގާކަން އަހަންނަށް އިހުސާސްކުރެވުނެވެ. އެއީ، ލިބުނު ކުދިއަނިޔާތަކުގެ ނަތީޖާއެވެ. އަހަންނަށް ވިސްނުނު ގޮތުގައި، މާ ގިނަ އިރު އަހަންނަކަށް ރުކަކު ނީނދެވޭނެއެވެ. ޖެހޭނީ ރުކުން ފައިބާށެވެ. އެހައި މައްޗަށް އެރުމުން ފިނި ވައިޖެހެއެވެ. ނިދިޖެހުމަކީ ވެސް ނުވާނެ ކަމެއް ނޫނެވެ. ވަރަށް ދުރުން އޭނަ ހޭރިގަތް އަޑުއިވުނެވެ. ހިތަށްއެރިއެވެ. އޭނަ ދުރަށް ދިޔައީ ހެއްޔެވެ؟ އަހަންނަށް އޮޅުވައިލަނީ ހެއްޔެވެ؟ މަޑުމަޑުން ތިރިޔަށް ފައިބަން ފެށީމެވެ. މީހެއްގެ އިސްކޮޅާ ހަމައަށް ތިރިއަށް ފައިބައިފައި މަޑުކޮށްލީމެވެ. އަހަންނަށް ހިޔާލުދޭ ހަމަ އެކަނި ބައިވެރިޔަކީ އަހަރެންގެ ހިތެވެ. ހިތާ ސުވާލުކުރީމެވެ. އޭނަ ކޮބައި ހެއްޔެވެ؟ ހިތްބުނަނީ އެ ދިމާގައި އޭނަ ނެތްކަމުގައެވެ. ވަރަށް ޔަގީންކޮށްފައި، މަޑުމަޑުން ތިރިޔަށް ސޮއްސައިލީމެވެ. މަށައިގެން ގޮސްފައި ހުރި ތަންތަނުން އިތުރަށް ދިލަނެގިއެވެ. ވީ ތަދުން ހަދައިލެވުނު ގޮތަކުން، ކުއްލިއަކަށް އައިސް ބިމަށް ޖެހުނެވެ. އެ ޖެހުނު ގޮތަށް، އެތައް އިރަކު އަހަރެން އޮތީމެވެ. ނަގަން އަންނާނީ ކާކު ހެއްޔެވެ؟ ހިތަށްއެރިއެވެ. ފަހަތުގައި މީހަކު އެބަ ހުއްޓެވެ. ކުއްލިއަކަށް ފަހަތް ބަލައިލީމެވެ. އެކަކު ވެސް ނެތެވެ.

އެ ތަނުގައި އަހަރެން އޮތީ ކިތައް ގަޑިއިރުކަމެއް ނޭނގެއެވެ. ކުޑަކުޑަކޮށް އަލިވާހެން ހީވާން ފެށިއެވެ. ނޫނެކެވެ. އެއީ ހީއެއް ނޫނެވެ. ތަންދޮރު އެނގެން ފެށިއެވެ. އަަހަރެންގެ ހަށިގަނޑުގައި ހުރި އަނިޔާތައް ފެންނަން ފެށިއެވެ. ދުޅަވެ، ކެފި، މަށައިގެން ގޮސްފައިވާ ތަންތަން ހުއްޓެވެ. އަންނައުނު ހުރީ އެތައްމިތަނުން އިރައިގެން ގޮސްފައެވެ. ކުރެވޭނެ ކަމެއް ނެތެވެ. މަޑުމަޑުން ހިނގަމުން ވަލުން ނުކުތީމެވެ. ނުކުމެވުނީ ފުއްޓަރު ފަރާތަށެވެ. އަލުން ވަލަކަށް ނުވަންނަމެވެ. އަތިރިމަތިން ތުނޑިޔާ ދިމާއަށް ހިނގަން ފެށީމެވެ. ޒާތެއްގެ ކޮރެއް ވެސް ޖެހުނެވެ. ކަކުލަށް ހުރީ އަނިޔާވެފައެވެ. ހީވަނީ ތަނެއްގައި ޖެހުނީހެންނެވެ. އޭރު ވެސް އިރެއް ނާރައެވެ. އެހެނަސް އައްޔެވެ.

އަތިރިމަތިން ހިނގަމުން ދިޔަ އިރު ހިތަށްއެރިއެވެ. އިރުގެ އައްޔަކީ ވެސް ހާދަހާ ބޮޑު ނިއުމަތެކެވެ. ހާދަހާ މުހިންމު އެއްޗެކެވެ. ކުރިން އަހަރެންނަކަށް އެ ކަމެއް ނުވިސްނެއެވެ. ތަންކޮޅަކަށް ދެވުނު ތަނާ، ކުއްލިއަކަށް "އޭނަ" ފެނުނެވެ. އަހަރެން ހުއްޓުނީމެވެ. އެކަމަކު ބަލަން ހުރީއެވެ. އަލި ހުރި ވަރުން އޭނަގެ މޫނު އެނގޭ ވަރެއް ނުވެއެވެ. އޭނަ ކުރާކަމަކީ މަސްކަށި އެއްކުރުމެވެ. އެއްކޮށްފައި އެ ހިފައިގެން ގޮސް މޫދަށް އުކައިލަނީއެވެ. އޭނަޔަށް އަހަރެން ނުފެންނަ ކަހަލައެވެ. އެ ކުރި ކަމެއް ކޮށް ނިންމައިފައި، އޭނަ ދިޔަ ގޮތަށް ގޮސް ވަލަށް ވަނެވެ. ދެނެއް ނުނިކުތެވެ. އިރުއަރައި ރަނގަޅަށް އަލިވަންދެން އަހަރެން ހުރީމެވެ. އޭނަގެ ޚަބަރެއް ނުވިއެވެ. އެ ދުވަހުގެ އަތްވަކީ، މުޅި ހަޔާތުގައި ވެސް އަހަންނަށް ލިބުނު އެންމެ އަގުހުރި ހަދިޔާއެވެ. ﷲ އަށް އަހަރެން ޝުކުރުކުރީމެވެ. ކިތައް ސަތޭކަ ފަހަރު ކަމެއް އަހަންނަކަށް ނޭނގެއެވެ.

ދޯނި ކައިރިޔަށް އަހަރެން ދިޔަ އިރު، އެއްވެސް ލެޔެއް ނުވަތަ މަހެއް އެ ތާކު ނެތެވެ. ކަށްޓެއް ވެސް ނެތެވެ. ކަމެއްވިހެން ވެސް ހީނުވެއެވެ. ދޯނި އޮތެވެ. އަދި އެއް ފަހަރު އަހަރެން ބަލައިލީމެވެ. އޭނަގެ ފިޔަވަޅުތައް ސާފުކޮށް ފެންނަން ހުއްޓެވެ. ހިތަށްއެރިއެވެ. އެއީ ކޯޗެއް ހެއްޔެވެ؟ ކޮން ތާކުން، ކީއްކުރަން އައި، ކާކު ހެއްޔެވެ؟ އޭނަ ވަލުތެރޭގައި ކުރިން ވެސް އުޅޭނެތާއެވެ. އަހަންނާ ދިމާނުވީއެވެ. އޭނަ ހޯދަން ވަލުތެރެއަށް އަލުން ވަންނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. އަހަރެން ހުރީ ވަރަށް ވަރުބަލިވެފައެވެ. ފެންބޮވައިފައެވެ. ބަނޑުހައިވެފައެވެ.

އަހަރެން ރަށާ ދިމާއަށް ދަތުރު ފެށީމެވެ. އޭރު އަހަރެންގެ ހަމަހޭ ހުރިހެނެއް ހިޔެއްނުވެއެވެ. ސިކުނޑި ރަނގަޅަށް މަސައްކަތްކުރާހެނެއް ވެސް ހިޔެއް ނުވެއެވެ. ރަށަށް ދާން އަހަރެން ކުރީ ކީއްކަމެއް ވެސް ނޭނގެއެވެ. އެނގެނީ ރަށަށް އާދެވުނުކަމެވެ. ގޮނޑުދޮށަށް ދޯނި ބީއްސައިލެވުނުކަމެއް ވެސް ނޭނގެއެވެ. އަހަރެން ދޯނިން ފުންމައިލީމެވެ. ރަށުގައި ފައިޖެހުމާއެކު އަހަރެން އަނބުރައިގަތެވެ.

ތިން ދުވަސް ފަހުން ރަނގަޅަށް ހޭއެރި އިރު އަހަރެން އޮތީ ހެލްތު ސެންޓަރުގައެވެ. މީހުން ބުނި ގޮތުގައި އަހަރެން ފެނުނީ ރަށުގެ ގޮނޑުދޮށަށް ވެއްޓިފައި އޮއްވައެވެ. އޭރު އަހަރެންގެ ހަށިގަނޑުގެ އެތައް ތަނެއް ހުރީ އަވިން ފިހިފައެވެ. ކޮންމެވެސް އެއްޗެހިތަކެއް އަހަރެން ކިއެވެ. އެންމެ އަކުރެއް ވެސް ސާފެއް ނުވެއެވެ. އަހަރެން ރަނގަޅުކުރަން އަހަރެން ކައިރީގައި ޤުރުއާން ކިޔެވިއެވެ. ފަންޑިތަ ހެދިއެވެ. ފެންދީ، ބޭސްދީ ވެސް ހެދިއެވެ. ކުރެވެން ހުރި ހުރިހައި ކަމެއް ކުރިއެވެ.

ވީ ގޮތް އޮޅުންފިލުވަން ވަރަށް ގިނަ މީހުން މަސައްކަތްކުރިއެވެ. ކޮންމެ މީހަކަށް ވެސް އަހަރެން އެ ހާދިސާ ކިޔައިދިނީމެވެ. ކުދި ތަފާތު ހުރުން އެކަށީގެންވެއެވެ. އެކަކު ވެސް އަހަރެން ކުރިމައްޗަކު އެ ވާހަކަ ދޮގެއް ނުކުރެއެވެ. އެހެނަސް ގަބޫލުކުރިހެނެއް ހިޔެއްނުވެއެވެ. ކާފަ ފިޔަވައެވެ. ކާފަ ހުރިހައި ވާހަކައެއް ގަބޫލުކުރިއެވެ. އެކަމަކު "އޭއްޗަށް" ދޭނެ ނަމެއް ކާފަޔަކަށް ވެސް ނޭނގުނެވެ. ކާފަ ބުނި ގޮތުގައި، އިންސާނުންނަށް ނުފެންނަ ކިތަންމެ ބަޔަކު މި ބިންމަތީގައި އުޅޭނެއެވެ. އަހަރެން ދެން އެ ފަޅުރަށަށް ދާނެކަމެއް ނެތެވެ. އެ ބަސް ގަބޫލުކޮށް، އަހަރެން އެ ވަޒީފާ ދޫކޮށްލީމެވެ. މީ ހަގީގީ ހާދިސާއެކެވެ.

ނިމުނީ