ފުރަތަމަ އުފަންދުވަހާ ދިމާކޮށް ޕްރިންސް ފައްޒާގެ އެއްމާބަނޑު ބޭފުޅުންގެ ހާއްސަ ފޮޓޯއެއް
ފުރަތަމަ އުފަންދުވަހާ ދިމާކޮށް ޕްރިންސް ފައްޒާގެ އެއްމާބަނޑު ބޭފުޅުންގެ ހާއްސަ ފޮޓޯއެއް

ދުބާއީގެ ކްރައުން ޕްރިންސް ޝެއިހް ހަމްދާން ބިން ރާޝިދު އަލް މަކްތޫމް (ފައްޒާ) އަށް ލިބިވަޑައިގަތް އެއްމާބަނޑު ދެ ބޭފުޅުންގެ ފުރަތަމަ އުފަންދުވަހާ ދިމާކޮށް ވަރަށް ހާއްސަ ފޮޓޯއެއް ހިއްސާކުރައްވައިފި އެވެ.

ފައްޒާ އިންސްޓަގްރާމްގައި ހިއްސާކުރެއްވީ، އޭނާގެ ދަރިކަލުން ރާޝިދު އާއި ދަރިކަނބަލުން ޝައިހާ އުފަންވި ދުވަހު، މޭމަތީގައި އެ ބޭފުޅުން ބާއްވައިގެން ނެންގެވި ފޮޓޯއެކެވެ. އަދި އެ ފޮޓޯގައި އޭނާގެ މޫނުފުޅުމަތިން އުފާވެރިކަން ފެނެ އެވެ.

"ހީވަނީ މި ފޮޓޯ ނެގީ ހަމަ އިއްޔެހެން. [އެ ފޮޓޯ ނެގި ފަހުން] މިހާރު އެއް އަހަރު ވެއްޖެ. ރާޝިދާއި ޝައިހާ އަދި ދުނިޔޭގެ ހުރިހާ ކުދިންނަށް އުފާވެރި އުފަންދުވަހަކަށް އެދެން،" ފޮޓޯގެ ކެޕްޝަންގައި ފައްޒާ ލިޔުއްވި އެވެ.

އެ ބޭފުޅުންނަށް އަހަރެއްވީއިރު، މިދިޔަ އަހަރުގެ ތެރޭގައި ވަރަށް މަދުން ނޫނީ ފޮޓޯއެއް ފެނިފައެއް ނުވެ އެވެ. އާންމުކޮށް ކިރިޔާ ވެސް ފެނިފައި ވަނީ، އެ ބޭފުޅުންގެ ކާފާފުޅު އަދި ދުބާއީގެ ވެރިޔާ މުހައްމަދު ބިން ރާޝިދު އަލް މަކްތޫމް އެ މަނިކުފާނުގެ އިންސްޓަގްރާމްގައި ހިއްސާކުރައްވި ބައެއް ފޮޓޯތަކުންނެވެ.

ފައްޒާ އާއި އަނބިކަނބަލުން ޝައިހާ ބިންތު ސައީދު ބިން ތާނީ އަލް މަކްތޫމަށް އެ ދެބޭފުޅުން ލިބިވަޑައިގަތީ މިދިޔަ އަހަރުގެ މެއި 20 ގަ އެވެ. އެ ދެކަނބަލުން ކައިވެނި ބައްލަވައިގަތީ 2019 ވަނަ އަހަރު އެވެ.