21 މެއި 2022 - 23:59

ތަހުގީގުގެ މަރުހަލާގައި މީހުން ބަންދު ކޮށްގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން ބޭއްވި ޖަލްސާގައި އެ މަނިކުފާނު ވިދާޅުވިގޮތުގައި، އާދައިގެ ކުށެއްގެ ތުހުމަތުގައި ތަހުގީގުގެ މަރުހަލާގައި ބަންދު ކުރުމަކީ ކޮށްގެން ވާނެ ކަމެއް ނޫނެވެ. ހައްޔަރު އަމުރު ހޯދަނީ ތުހުމަތުތަކަށް ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި ކަމަށް ވާތީ އިންޓެލިޖެންސް ރިޕޯޓް ހަދައިގެން މީހުން ހައްޔަރު ކުރަން ކޯޓު އަމުރު ހޯދަން ފުރުސަތު އޮވެގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.

"މިއަދު ނިކުމެދާނެ ޕޮލިސް އިންޓެލް ރިޕޯޓެއް މީހަކާ ބެހޭގޮތުން ކޮންމެ އެއްޗެކޭ ކިޔާފައި ވެސް. ހަމަ ނިކުތީ ފަނޑިޔާރުން އެވީ އޭގެ މައްޗަށް ބިނާކޮށް މީހަކު ހައްޔަރު ކުރަން. މިއީ އަޅުގަނޑަށް ގަބޫލު ކުރެވޭ އުސޫލެއް ނޫން،" ޔާމީން ވިދާޅުވި އެވެ.

އިދިކޮޅު ލީޑަރު ޔާމީން އެ ގޮތަށް ވިދާޅުވީ 'އިންޑިއާ އައުޓް' ކެމްޕެއިން ހިންގާ ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލް ދެ ފަހަރަށް ހައްޔަރު ކުރުމުންނެވެ. އެކަމަކު ދެ ފަހަރު ވެސް ކޯޓުން ނިންމީ އޭނާ ދޫކޮށްލުމަށެވެ.

"ތުހުމަތެއް އުފުލޭ ވަރަށް މައުލޫމާތު އެއްކޮށްފައި އޭނާގެ މައްޗަށް ޗާޖު ކުރަންވީ. ޓްރަޔަލްގެ ކުރިން ޑިޓެންޝަނެއް އޭނާއަކަށް އައިސްގެން ނުވާނެ،" ޕީޕީއެމްގެ ރައީސް ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމްގެ އޮފީހުގައި އޮތް ހަފުލާގައި ޔާމީން ވިދާޅުވީ ޖަވާބުދާރީވާން ފުރުސަތު ދިނުމެއް ނެތި ހައްޔަރު އަމުރު ނެރުމަކީ ވެސް ބަދަލުވާންޖެހޭ ނިޒާމެއް ކަމަށެވެ. އަދި އެ ގޮތަށް އެތައް ދުވަހަކު ބަންދުގައި ބެހެއްޓުމަށް ފަހު، ދޫކޮށްލުމުން އެ މީހަކަށް ލިބޭ ސިއްހީ އަދި އެ ނޫން ވެސް ގެއްލުންތަކަށް ބަދަލު ލިބޭނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.
"އެންމެ ކުޑަމިނުން މިހާރު ބަދަލު ނަގައި ދޭންޖެހޭއިރު އެންމެ ކުޑަމިނުން އެބަޖެހޭ މި މީހުންގެ މި ކަހަލަ މައްސަލައެއް ދިމާވެއްޖެ ކަމަށް ވަންޏާ ދައުލަތުގެ ހަރަދުގައި ބޭސްކޮށްދޭން. އެއީ ބަދަލު ނަގައިދެވޭނެ އުސޫލެއް މިތާނގައި ނެތީމާ،" ޔާމީން ވިދާޅުވި އެވެ.
ޕީޕީއެމަށް ބައެއް މީހުން ސޮއިކުރުމަށް ބޭއްވި ހަފުލާގައި ޔާމީން ވިދާޅުވިގޮތުގައި، ރާއްޖޭގެ ގާނޫނުތައް ވެސް ބަދަލުވާން ޖެހެ އެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ގިނަ ގާނޫނުތައް ހުރީ ރައްޔިތުން ކުށްވެރިންނަށް ހެދޭ ގޮތަށް ކަމަށް ވާތީ އެވެ. އެ ގޮތުން މީހުންގެ އަމިއްލަ ބޭންކް އެކައުންޓްތަކުގެ ހުރިހާ މައުލޫމާތެއް ތަހުގީގީ އިދާރާތަކަށް ލިބޭ ކަމަށާއި އެއީ ދުނިޔޭގެ އެހެން އެއްވެސް ގައުމެއްގައި އޮންނަ ގޮތެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ. އަދި ފުލުހުން ބޭންކްތަކަށް ބިރުދައްކައިގެން ކަސްޓަމަރުންގެ އެކައުންޓްތަކުގެ މައުލޫމާތު ހޯދާ ކަމަށް ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ މުޅި ގާނޫނީ ވެށި ބަދަލުވެފައި ބިނާވެފައި މި އޮތީ އަދަބު ދިނުމަށް އުގޫބާތުގެ މައްޗަށް. މި އެއް ނޫން ގާނޫނު ހުންނަންވީ ސަބަބަކީ. ގާނޫނު ހުންނަންވީ ކަންކަން ފަހިކޮށްދޭން. ގާނޫނު ހުންނަންވީ މީހުންގެ މުދަލާއި މީހުންގެ ފައިސާ އާއި މި ކަހަލަ މުއާމަލާތްތައް ރައްކާތެރިކޮށްދޭން،" ޔާމީން ވިދާޅުވި އެވެ.
ސަރުކާރުން ރައްޔިތުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށާއި އެ ކަންކަމާ ދެކޮޅަށް ކޯޓުތަކަށް ހުށަހަޅާ މައްސަލަތައް އަވަހަށް ނިންމަންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ. އަދި "ހުރިހާ މަސައްކަތްތަކެއް ހުއްޓާފައި" އެފަދަ މައްސަލަތައް ބަލަންޖެހޭ ކަމަށް ވިދާޅުވި އެވެ.
"ފުރަތަމަ ކޯޓުގައި ތިން ހަފުތާ. ދެވަނަ ކޯޓުގައި 25 ހަފުތާ. ދެން އަންނަ ކޯޓެއްގައި އެ އަށް ވުރެ ގިނަ ހަފުތާކޮށްފައި ނިންމީމާ އަސާސީ ހައްގެއް ކަށަވަރެއް ނުވޭ ދެއްތޯ. މިއީ އަސާސީ ހައްގުގެ ތެރޭގައި ހިމެނޭ ކަމެއް،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ކުރިން ނިމިފައި ހުރި މައްސަލަތަކުގެ ހުކުމް ފަނޑިޔާރުން ބަދަލުވުމުން ބަދަލުވެގެން ނުވާނެ ކަމަށެވެ.