21 މެއި 2022 - 22:27

އިންޑިއާގެ، އައި ލީގުގެ ޗެމްޕިއަން ގޯކުލަމް ކެރެލާ އެފްސީގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، އޭއެފްސީ ކަޕްގައި ދެމިއޮތުމަށް މާޒިޔާއިން އުންމިދު ދަމަހައްޓައިފި އެވެ.
މިއަދުގެ މެޗުގެ ނަތީޖާތަކުން ދެކުނު އޭޝިއާގެ ސަރައްދުގައި ވާދަކުރާ ހަތަރު ޓީމުން ވެސް ވަނީ އެއް މެޗުން މޮޅުވެ އެއް މެޗުން ބަލި ވެފަ އެވެ. މާޒިޔާ އަތުން މޮޅުވި ބަށުންދަރާ ކިންގްސް، މޯހަންބަގާން އަތުން ބަލިވީ 4-0 ންނެވެ. ދެކުނު އޭޝިއާ ޒޯނުން، އަނެއް ބުރަށް ދަތުރު ކުރާނީ އެއްވަނަ ހޯދާ ޓީމެވެ. އެއްވަނަ ކަނޑައެޅުމުގައި ބަލަނީ ހެޑް ޓް ހެޑް ނަތީޖާ އަށެވެ. މޯހަން ބަގާން، އިދާ ދެ ގޯލާއެކު އޮތީ ތާވަލުގެ އެއްވަނައިގަ އެވެ. ދެވަނައިގައި އޮތީ ފައިދާ އެއް ގޯލާއެކު އޮތް ގޯކުލަމް އެވެ. ފައިދާ އަދި ގެއްލުން ގޯލެއް ވެސް ނެތި މާޒިޔާ އޮތީ ތިންވަނައިގަ އެވެ. ގެއްލުން ތިން ގޯލާއެކު ބަށުންދަރާ އޮތީ ހަތަރުވަނައިގަ އެވެ.
އިންޑިއާގެ ކަލްކަތާގެ ސޯލްޓް ލޭކް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މާޒިޔާގެ ލަނޑު ޖެހީ ކޯނޭލިއަސް ސްޓެވާޓް (ކޯނޭ) އެވެ.
މާޒިޔާއިން ލީޑް ނެގީ މެޗުގެ 50 ވަނަ މިނެޓްގަ އެވެ. ކެރެލާ ޓީމުގެ ހާފުގެ ތެރެއިން ޕެޑްރޯ ޑޮމިންގޭޒް (ޓާނާ) ރަނގަޅު ބޯޅައެއް ކޯނޭ އަށް ދިނެވެ. ކޯނޭ ވަނީ އޭރިއާ ތެރެއަށް ވަދެ ބޯޅަ ގޯލަށް އަމާޒުކޮށް ފޮނުވައިލައިފަ އެވެ. އެބޯޅަ ދިފާއު ކުރަން ކެރެލާގެ ޑިފެންޑަރު މަސައްކަތް ކުރި އެވެ. އޭނާ ފައިގައި ބޯޅަ ޖެހިފައި ދިއުމުން އެޓީމުގެ ކީޕަރު ރަކްޝިޓް ޑާ އަށް ވެސް ބޯޅައިގެ މިސްރާބު އޮޅުނެވެ.
ފުރަތަމަ ހާފުގައި ވެސް ކޯނޭ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. މެޗުގެ 17 ވަނަ މިނެޓްގައި އިބްރާހިމް އައިސަމް (ޓޯނީ) ތަނަވަސްކޮށް ދިން ފުރުސަތަކުން ކޯނޭ އަށް މުޅިން ހުސްކޮށް ކަހަލަ ގޮތަކަށް ފުރުސަތެއް ލިބުނެވެ. އޭނާ ކައިރީގައި ބޯޅަ އަށް ވިއްދާނެ ކުޅުންތެރިޔެއް ނެތް ނަމަވެސް ކޯނޭ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑި މަތިން ބޭރަށެވެ.
އޭޣެ ދެ މިނެޓް ފަހުން ޓާނާ ނަަގައިދިން ހުރަހަކުން، ޑިފެންޑަރު ނެމެންޏާ ކާޓަލް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބިގެން ދިޔަ އެވެ. އެކަަމަކު ކާޓަލް އަށް ރަނގަޅަށް ބޯޅަ ފޮނުވައި ނުލެވުނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަމްޒާ މުހައްމަދު (ހަމްޕް) އަށް ވަނީ ޓާނާ އަށް ބޯޅަ ދޭން ރަނގަޅު ބޯޅައެއް އޭރިއާގެ ތެރެއަށް ކަޓުކޮށް ދީފަ އެވެ. އެކަމަކު ޓާނާ އަށް އެބޯޅަ ލިބުމުގެ ކުރިން ކެރަލާ ޓީމުގެ ޑިފެންޑަރު އެލެކްސް ސާޖީ ދިފާއުކޮށް ކޯނަރަކަށް ބޭރު ކޮށްލި އެވެ. ދެވަނަ ހާފުގެ ކުރީކޮޅު ވެސް ހަމްޒާ އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އެޓީމުން ނެގި ހުރަހަކުން ލިބުނު ބޯޅައިން، ރަނގަޅު ފުރުސަތެއް އޭނާ އަށް ތަނަވަސް ކުރެވުނީހެވެ. އެކަމަކު ބޯޅަ ފޮނުވާލުމުގެ ބަދަލުގައި އޭނާ ދިނީ ޓާނާ އަށެވެ. ޓާނާ ފޮނުވާލި ބޯޅަ ކެރަލާ ޓީމުގެ ޑިފެންޑަރު ބްލޮކް ކުރީ އެވެ.
މާޒިޔާއިން ލީޑް ނެގުމުން، ކެރަލާއިން ވަނީ ކުރިއަށް ޖެހިލައި ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތް ކޮށްފަ އެވެ. އެޓީމުގެ މުހައްމަދު އުވައިސް ނަގައިދިން ހުރަހަކުން ޖަމައިކާގެ ފޯވާޑް ޖޯޑިން ފްލެޗާ އަށް ލިބުނެވެ. އެކަމަކު އޭނާ ފޮނުވާލި ބޯޅަ ދިޔައީ ބޭރަށެވެ.
މެޗުގެ ފަހު ވަގުތު މާޒިޔާ އަށް ވަނީ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. އެޓީމުގެ ޓާނާ ނެގި ކޯނަރު، ޑިފެންޑަރު ކާޓަލް ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލް ދަނޑި އަށެވެ.
މިއަދު ބަށުންދަރާ އާއި މޯހަން ބަގާން ކުޅުނު މެޗު ފަށައިގެން 11 ވަނަ މިނެޓްގައި މެޗު މެދުކަނޑަލަން ޖެހުނީ ބޯ ވާރޭގެ ތެރޭގައި މެޗު ކުޅެވެން ނެތުމުންނެވެ. މެޗު އަލުން ކުރިއަށް ގެންދިޔައީ ގާތްގަނޑަކަށް ގަޑިއެއްހާއިރު ފަހުންނެވެ. މޯހަން ބަގާންގެ ތަރިއަކަށްވީ އިންޑިއާގެ ގައުމީ ޓީމުގެ ފޯވާޑް ލިސްޓަން ކަލާކޯ އެވެ. އޭނާ ވަނީ ހެޓްރިކު ހަދައިފަ އެވެ. އަނެއް ލަނޑު ޖެހީ ޑޭވިޑް ވިލިއަމްސް އެވެ.
މާޒިޔާ އަށް ދެން އޮންނާނީ މޯހަން ބަގާން އާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ ރޭ، ރާއްޖޭގަޑިން 8 ޖަހާއިރު އެވެ. އެދުވަހު ހަވީރު ބަށުންދަރާ ނުކުންނާނީ ކެރަލާ އާ ދެކޮޅަށެވެ.