އެންމެ ފަހުން ރިވަޑޭލް ނިންމާލަނީ
އެންމެ ފަހުން ރިވަޑޭލް ނިންމާލަނީ

މިފަހުން ގިނަ ބަޔަކަށް އެންމެ ކަމުނުދިޔަ ޓީވީ ސީރީޒްގެ ގޮތުގައި ނަން މަޝްހޫރުވެފައިވާ ޓީން ޑްރާމާ "ރިވަޑޭލް" އެންމެ ފަހުން ހުއްޓާލަން ނިންމައިފި އެވެ.

ސީޑަބްލިއުގެ އެންމެ މަގުބޫލު އެއް ސީރީޒްގެ ގޮތުގައި އޮތް ރިވަޑޭލްގެ ސީޒަނެއް ނިމޭއިރަށް މުޅި އިންޓަނެޓް އިންތިޒާރުކުރާނީ އެއް ޚަބަރަކަށެވެ. އެއީ އެ ސީރީޒް ކެންސަލުކޮށްލާނެ ކަމުގެ ޚަބަރަށެވެ. ނަމަވެސް ކޮންމެ އަހަރަކު ޝޯގެ އާ ސީޒަނެއް ނެރެމުން އަންނައިރު، ގިނަ ބައެއްގެ މެދުގައި އެ ސީރީޒް ވަނީ ބޮޑު ޖޯކަކަށް ވެފަ އެވެ.

ނަމަވެސް ދާދި ފަހުން ސީޑަބްލިއު އިން ހާމަކޮށްފައިވާ ގޮތުގައި އެ ސީރީޒްގެ ހަތް ވަނަ ސީޒަނަށް ފަހު ނިމޭނެ އެވެ.

މިހާރު އެ ސީރީޒްގެ ހަވަނަ ސީޒަން ދައްކަމުން އަންނަ އިރު، ދެން އޮންނާނީ އެންމެ ފަހު ސީޒަނެވެ. އެހެންވީމާ އަންނަ އަހަރަށް ފަހު ރިވަޑޭލް ނިމޭނެ އެވެ.

ސީރީޒްގެ ކާސްޓުން ވެސް ވަކި ހިސާބަކަށް ދިޔައިރު އެ ސީރީޒާއެކު ކުރިއަށް ދާން ބޭނުންނުވާ ކަމަށް ބުންޏެވެ. އެހެންވީމާ ސީރީޒްގެ ލީޑް އެކްޓަރުން ކޭޖޭ އެޕާ އާއި ކޯލް ސްޕްރައުސް އަދި ލިލީ ރެއިންހާޓް އާއި ކެމިލާ މެންޑޭޒް އަދި މެޑަލިން ޕެޝް މިވަގުތު ތިބީ ވަރަށް ހިތްހަމަޖެހިފައިވާ ކަމަށް ބައެއް ނޫސްތަކުން ބުންޏެވެ.

ސީރީޒް ނިންމާލާކަން އިއުލާނުކުރުމާއެކު އިންޓަނެޓުގައި ވެސް އެ ވާހަކަ ވައިރަލްވި އެވެ. އަދި އެކަމާ ގިނަ ބަޔަކު އުފާފާޅު ވެސް ކުރި އެވެ.