އެއްމާބަނޑު ކޮއްކޮ އުފަންވީ ދޮޅު މަސް ފަހުން!
އެއްމާބަނޑު ކޮއްކޮ އުފަންވީ ދޮޅު މަސް ފަހުން!

އެއްމާބަނޑު ކުދިން ވިހަނީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. އެކަމަކު އިނގިރޭސި ވިލާތުގައި އަންހެނަކު އޭނާގެ އެއްމާބަނޑު ދެ ކުދިން ވިހެއީ ދޮޅު މަހުގެ ދުރުމިނުގަ އެވެ. މާނަ އަކީ ބޭބެ އަށް ވުރެ ކޮއްކޮގެ އުމުރު ދޮޅު މަސް ތަފާތުވުމެވެ. މަންމަ އަށް ވިހެއުމުގެ ވޭންވަރު ވެސް ގިނަ ދުވަސްތަކަކަށް ފަހު އެވެ.

އިނގިރޭސި ވިލާތުގެ ބްރެޑްފޯޑްޝިޔާ އަށް ނިސްބަތްވާ ކިމް އެއްމާބަނޑު ދެ ކުދިންނަށް ބަލިވެއިން އިރު ފުރަތަމަ ހަ މަސް ދުވަހު ސިއްހީ އެއްވެސް މައްސަލައެއް ކުރިމައްޗެއް ނުވެ އެވެ. ނަމަވެސް އޭގެ ފަހުން އެއް ދުވަހު ބުރަކަށީގައި ރިއްސާތީ ބްރެޑްފޯޑް ހޮސްޕިޓަލަށް ދިޔަ އެވެ. އެ ދުވަހު ޑޮކްޓަރުން ބޭހެއް ދިނުމަށް ފަހު ފޮނުވާލީ އެވެ.

އަނެއް ދުވަހު ހެނދުނު ހޭލެވުނީ ވެސް ފެންދުލި ފަޅައިގެން ގޮސް ވިހެއުމުގެ ވޭންވަރު އަރަން ފެށުމުންނެވެ. ހޮސްޕިޓަލަށް ދިޔަތަނާ މާ ގިނައިރެއް ނުވެ ވިހެއީ އެވެ. އެމީހުން އެ ދަރިފުޅަށް ކީ ރެއިޑެން އެވެ.

އެކަމަކު ރެއިޑެން އުފަން ވީއިރު ވެސް ނޭވާއެއް ނުލަ އެވެ. ކުއްޖާ ސަލާމަތްކުރެވޭތޯ ޑޮކްޓަރުން މަސައްކަތްކުރަމުން ދަނިކޮށް މަރުވީ އެވެ.

އެންމެން ވެސް ހީކުރީ ކިމް ވަރަށް އަވަހަށް ދެ ވަނަ ކުއްޖާ ވިހާނެ ކަމަށެވެ. ނަމަވެސް ހައިރާންވީ ކިމްގެ ބަނޑުގައި ރިހުން މުޅިން ހުއްޓުނީމަ އެވެ. ޑޮކްޓަރުންނާއި ނަރުހުން އެ ދުވަހު ވަރަށް ގިނައިރު ވަންދެން ތިބީ ވިހެއުމުގެ އަލާމާތެއް ފެންނާނެ ކަމަށެވެ. ނަމަވެސް އޭނާގެ ބަނޑުގައި އެއްގޮތަކަށް ވެސް ނުރިއްސި އެވެ.

ކިމް ބަނޑުގައި ރިއްސާނެ ކަމަށް ބަލައި، ފަސް ހަފުތާ ވަންދެން ހޮސްޕިޓަލުގައި ބޭއްވި އެވެ. އޭނާ ދޫކޮށްލީ ބަނޑުގައި އޮތް ދަރިފުޅުގެ ހެދިބޮޑުވުމަށާއި ސިއްހަތަށް އެއްވެސް މައްސަލައެއް ނެތް ކަމަށް ޑޮކްޓަރުންނަށް ފެނިގެންނެވެ.

ނަމަވެސް ގެއަށް ދޫކޮށްލިތާ ހަފުތާއެއް ފަހުން އަނެއްކާވެސް ބަނޑުގައި ރިއްސަން ފެށި އެވެ. އޭރު އޭނާގެ ބަނޑަށް 30 ހަފުތާ އެވެ. ހޮސްޕިޓަލަށް ދިޔަތާ މާ ގިނައިރެއް ނުވެ ވިހައިފި އެވެ. މި ދަރިފުޅަށް ދިން ނަމަކީ ޑީލަން އެވެ.

ޑީލަން ވެސް ކުޑަ އެވެ. އަދި ސިކުނޑި އަށް ހުރީ ލޭ އެޅިފަ އެވެ. ފުއްޕާމޭގައި ވަރަށް ވަރުގަދަ އިންފެކްޝަނެއް ހުއްޓެވެ. ހިތުގެ އެއް ނާރުގައި މައްސަލަ ޖެހުނެވެ.

ދަރިފުޅު އުރާލުމުގެ ފުރުސަތު އޭނާގެ މައިންބަފައިންނަށް ލިބުނީ ދެ ހަފުތާ ވަންދެން އިންކިއުބޭޓާގައި ބޭއްވި ފަހުންނެވެ. ކިމް ސިފަކުރި ގޮތުގައި އެއީ އާދަޔާޚިލާފު އިހްސާސެއް ކުރެވުނު ވަގުތުކޮޅެކެވެ.

އޭގެ ފަހުން ވެސް ދެ މަހެއްހާ ދުވަހު ޑީލަން ހޮސްޕިޓަލުގައި އޮތެވެ.

މިހާރު އޭނާއަށް ދެ އަހަރު ފުރިއްޖެ އެވެ. އަދި ވިހޭއިރު ކުރިމަތިވި ހުރިހާ މައްސަލައަކުން ވަނީ ސަލާމަތްވެފަ އެވެ.