21 މެއި 2022 - 11:18

ރާއްޖޭގެ މަޝްހޫރު ކަށީގެ ޑޮކްޓަރު، ޔޫސުފް ޝާން އައިޖީއެމްއެޗުން ވަކިވެވަޑައިގެންފި އެވެ.

އައިޖީއެމްއެޗްގެ ސޯޝަލް މީޑިއާ ޕޯސްޓެއްގައި ބުނެފައިވަނީ އެ ހޮސްޕިޓަލުގެ ކަށީގެ ސީނިއާ ކޮންސަލްޓަންޓް، ޑރ. ޝާން ވަޒީފާއިން ވަކިވެވަޑައިގަތީ އަބޫދާބީގައި "އާ ޗެލެންޖުތަކަކާ ކުރިމަތިލެއްވުމަށް" ކަމަށެވެ.
އެކަމަކު އެ ގައުމުގައި ޑރ. ޝާން މަސައްކަތްކުރައްވާނީ ކޮން ތަނެއްގައި ކަމެއް ބުނެފައެއް ނުވެ އެވެ.
ޑރ. ޝާން ވަނީ މިދިޔަ އަހަރުގެ ޖެނުއަރީން ފެށިގެން މިއަހަރުގެ މެއި މަހާ ހަމަޔަށް އައިޖީއެމްއެޗްގެ މެޑިކަލް ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ.
ޑރ، ޝާންގެ މަސައްކަތް ފާހަގަކުރައްވައި، ހޮސްޕިޓަލުން ވަނީ ފެއާވެލްއެއް ވެސް ބާއްވައިފަ އެވެ. އެ ހޮސްޕިޓަލުގެ ގިނަ އަދަދެއްގެ ޑޮކްޓަރުން މި ފެއާވެލްގައި ބައިވެރިވި އެވެ.
ގިނަ އަހަރުތަކެއް ވަންދެން އައިޖީއެމްއެޗުގައި މަސައްކަތްކުރެއްވި ޑރ. ޝާން ވަކިވާން ނިންމި ހަބަރާއެކު އެތައް ބަޔަކު އަންނަނީ އެއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ގެއްލުމެއް ކަމަށާއި ޑރ. ޝާނަކީ ވަރަށް "ޑެޑިކޭޓެޑް" ޑޮކްޓަރެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ. އަދި ޑޮކްޓަރަށް އިތުރު ކާމިޔާބީއަށް ގިނަ ބަޔަކު އެދިފައިވެ އެވެ.
ރާއްޖޭގެ ގިނަ ބައެއްގެ ލޯތްބާއި އިހުތިރާމު ހޯއްދަވާފައިވާ ޑރ. ޝާން ވަނީ އައިޖީއެމްއެޗުގެ އިތުރުން ވެސް ބައެއް އަމިއްލަ ކްލިނިކްތަކާއި ރަށްރަށުގެ ހޮސްޕިޓަލުތަކުގައި ވެސް ބަލި މީހުން ބައްލަވައިފަ އެވެ.