21 މެއި 2022 - 10:01

ރ. އަތޮޅުގައި އޮންނަ އިންޓަކޮންޓިނެންޓަލް މޯލްޑިވްސް މާމުނަގައު ރިސޯޓުގައި މަސައްކަތްކުރަމުން އައި ދިވެހި ޒުވާނަކު އިމާރަތަކުން ވެއްޓި މަރުވެއްޖެ އެވެ.
އެނގިފައިވާ ގޮތުގައި، މަރުވެފައި ވަނީ ޒައިދު އިބްރާހިމް، 28 އެވެ. އޭނާ އަކީ ފުވައްމުލަކު މީހެކެވެ.
ޒައިދު މަރުވީ ސްޓާފް ބާގެ ހަތަރު ވަނަ ފްލޯއިން ވެއްޓިގެން ލިބުނު ޒަހަމްވެގެންނެވެ.
ޒައިދު ވެއްޓި ބޮލަށް ވަރަށް ބޮޑަށް އަނިޔާވި ކަމަށާއި އުނގޫފާރުގައި ހުންނަ ރ. އަތޮޅު ރީޖަނަލް ހޮސްޕިޓަލަށް އޭނާ ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އެނގިފައިވެ އެވެ.
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއާ ކަސްޓަމާ ރިލޭޝަން އޮފިސަރު، ހަސަން ފަޒީލް، "މިހާރު" އަށް ވިދާޅުވީ ރޭ ދަންވަރު 1:50 ގައި ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ޒައިދު އޮތީ މަރުވެފައި ކަމަށެވެ.
ގިނަ ޒަހަމްތަކެއް އޭނާގެ ހަށިގަނޑުން ފެންނަ ހުރި ނަމަވެސް ތަފްސީލެއް އޭނާ ނުދެއްވަ އެވެ.
ހެނދުނު 6:00 ހާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާގެ ހަށިގަނޑު މާލެ ފޮނުވާފައިވާ ކަމަށް ވެސް ފަޒީލް ވިދާޅުވި އެެވެ.