21 މެއި 2022 - 09:51

މަރިއުޕޯލް (މެއި 21) - މަސްތަކެއް ވަންދެން ހަނގުރާމަ ކުރުމަށް ފަހު ދަގަނޑު ކާރުޚާނާގައި ތިބި ޔުކްރޭން ސިފައިން ނެރެ، އެ ގައުމުގެ ބަނދަރުމަތީގެ ސިޓީއެއް ކަމަށްވާ މަރިއުޕޯލް ފަތަހަކޮށްފި ކަމަށް ރަޝިޔާ ސިފައިން ބުނެފި އެވެ.
އަޒޮވްސްޓަލް ދަގަނޑު ކާރުޚާނާ ދިފާއު ކުރަމުން ދިޔަ ޔުކްރޭންގެ އެންމެ ފަހު ހަނގުރާމަވެރިންތައް ވެސް އަމާންދީފައިވާ ކަމަށް މޮސްކޯގެ އޮފިޝަލަކު ވިދާޅުވި އެވެ. ކާރުޚާނާގެ ކޮންޓްރޯލް ރަޝިޔާ އަށް ނުދިނުމަށްޓަކައި ޔުކްރޭން ސިފައިން ވަނީ އެ ތަނުގައި ތިބެ އެތައް ދުވަހެއް ވަންދެން ހަނގުރާމަކޮށްފަ އެވެ.
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ކާރުޚާނާގައި އެންމެ ފަހުން ތިބި ޔުކްރޭނުގެ 531 މީހުން ވެސް އެތަނުން ނެރެފައިވާ ކަމަށެވެ.
"ދަގަނޑު ކާރުޚާނާގެ ބިންގަރާހުގައި ތިބި ޔުކްރޭން ސިފައިން ވެސް ނެރެ އެތަން މުޅިން މިނިވަން ކުރެވިއްޖެ،" ޑިފެންސް މިނިސްޓްރީން ބުނެފައިވެ އެވެ.
ޔުކްރޭނުގެ ރައީސް ވޮލްޑޮމީރް ޒެލެންސްކީ ވިދާޅުވީ ކާރުޚާނާ ދިފާއު ކުރުމުގައި ހަނގުރާމަކުރަމުން ދިޔަ ޔުކްރޭން ސިފައިން އެ ތަނުން ނުކުތުމަށް ހުއްދަ ދީފައިވާ ކަމަށެވެ.
ކާރުޚާނާގައި އާއްމުންގެ ގިނަ ބަޔަކު ވެސް ތިއްބެވެ. އޭގެ ތެރޭގައި އަންހެނުންނާއި ކުޑަ ކުދިން ވެސް ހިމެނެ އެވެ. ރަޝިޔާ ސިފައިން ވަނީ އެތަނަށް އެއްވެސް އިންސާނީ އެހީއެއް ފޯރުކޮށްދިނުން ހުއްޓުވައިފަ އެވެ. އަދި އެ ކާރުޚާނާ އަށް ދިޔައީ ބޮން އަޅަމުންނެވެ.
ޔުކްރޭނުގެ ގިނަ މީހުން ގަބޫލްކުރާ ގޮތުގައި އެ ކާރުޚާނާގައި ތިބި މީހުންނަކީ ގައުމީ ބަތަލުންނެވެ.
ޔުކްރޭން ހަނގުރާމައިގައި އެންމެ ބޮޑު ގެއްލުމެއް ދީފައި ވަނީ މަރިއުޕޯލް އަށެވެ. ޔޫކްރޭންގެ ދެކުނުން، ކަޅު ކަނޑުގެ އައްސޭރީގައި އޮންނަ ބަނދަރުމަތީ ރަށް، މަރިއުޕޯލް މިހާރު އޮތީ ރަޝިޔާ ސިފައިންގެ ފުރިހަމަ ބާރުގެ ދަށުގަ އެވެ. އެ ސިޓީގައި ރަޝިޔާ ސިފައިންނާ ހަނގުރާމަކުރި، ޔޫކްރޭން ސިފައިން ފައިބައިގެން ދިއުމުން، ސިޓީން ނުނިކުމެވުނު ސިފައިން، ރައްކާތެރިކަން ހޯދުމަށްޓަކައި ވަނީ، އެ ސަހަރުގައި ހުރި ދަގަނޑު އުފައްދާ ކާރުޚާނާގެ ތެރައަށެވެ.
ދަގަނޑު އުފައްދާ ކާރުޚާނާއެއްގެ ގޮތުގައި މިހާރު ބޭނުންކުރާ އެތަނަކީ، ނިއުކްލިއާ ހަމަލާއަކުން ރައްކާތެރިކަން ހޯދުމަށް ވަންނާނެ ބިންގަރާހެއްގެ ގޮތުގައި ދެ ވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު، އޭރުގެ ސޮވިއެޓް ޔޫނިއަނުން ހެދި ތަނެކެވެ. ގިނަ ދުވަސްތަކެއް ވަންދެން އެތައް ހާސް ބަޔަކަށް ދިރިއުޅެވޭ ގޮތަށް ހަދާފައިވާ އެ ތަނުގެ ބިމު އަޑީގައި ދުރަށް ދެމިފައިވާ ބިންގަރާސް އެތައް މަގެއްވެ އެވެ.
މަރިއުޕޯލް ރަޝިޔާގެ ބާރުގެ ދަށަށް ދިއުމުން، ރަޝިޔާ ސިފައިންގެ ބާރުގެ ދަށަށް މިހާރު ގެނެސްފައިވާ ޔޫކްރޭންގެ އިރުމަތީ ސަރަހައްދާއި، 2014 ވަނަ އަހަރު ރަޝިޔާ އިން ހިފި ޔުކްރޭންގެ ކްރީމިއާއާ ދެމެދު އެއްގަމުން މަގުން ދަތުރުކުރެވޭނެ މަގު ރަޝިޔާ އަށް ފަހިވީ އެވެ. ހަމައެއާ އެކު، ކަޅު ކަނޑާ ގުޅިފައިވާ ޔޫކްރޭންގެ އައްސޭރިފަށުގެ ގާތްގަޑަކަށް 80 ޕަސެންޓް ރަޝިޔާގެ ފުރިހަމަ ކޮންޓްރޯލްގެ ދަށަށް ދިޔައީ އެވެ.