28 ޑިސެމްބަރ 2016 - 06:17

އިންޑިޔާގެ ޖައްމޫގެ ސަރުކާރު ހޮސްޕިޓަލެއްގައި ވިހައިގެން އޮތް މީހެއްގެ ދަރިފުޅުގެ ގައިގައި މީދާތަކެއް ދަތް އެޅުމުގެ ސަބަބުން އެ ކުއްޖާ މަރުވެއްޖެ އެވެ.
ޗަތުރޫ އަވަށުގައި ދިރިއުޅޭ ޣުލާމް ހަސަން އޭނާގެ އަންހެނުން ހޮސްޕިޓަލަށް ގެންދިޔަތާ މާ ގިނައިރެއް ވިހެއީ ފިރިހެން ކުއްޖެކެވެ. އަދި ވިހައިގެން ތިބޭ މީހުން ބައިތިއްބާ ވޯޑަށް އަންހެނުންނާއި ދަރިފުޅު ބަދަލުކުރި އެވެ. އޭނާ އެތަނަށް ވަން އިރު މީދާތައް ދަތްއެޅުމުގެ ސަބަބުން ދަރިފުޅު އޮތީ މަރުވެފަ އެވެ.
ހަސަން ބުނި ގޮތުގައި ދަރިފުޅު އޮތީ ލެއިން ތަތްތެޅިފަ އެވެ. އޭރުވެސް މީދާތައް ދަރިފުޅުގެ ގައިގެ ތަންތަން ކަމުން ދިޔަތަން އޭނާ އަށް ފެނުނު ކަމަށް ވެސް ހަސަން ބުންޏެވެ.
ޖައްމޫގެ ޑައިރެކްޓަ އޮފް ހެލްތު ސާވިސަސް ގުރްޖީތު ސިންގް ވިދާޅުވީ މިކަން ހިނގި ގޮތް ސާފުކުރަން ތަހުގީގު ފަށާފައިވާ ކަމަށެވެ. މި ހާދިސާ ތަހުގީގުކުރަނީ އެ ހިސާބުގަނޑުގެ ޗީފް މެޑިކަލް އޮފިސަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޓީއައި އަށް ދެއްވި އިންޓަވިއުއެއްގައި ސިންގް ވިދާޅުވީ މީދާތައް އޭނާގެ ގައި މައްޗަށް އެރިއިރު ވެސް ކުއްޖާ އޮތީ ކޮންމެވެސް ބައްޔެއްގެ ސަބަބުން މަރުވެފައި ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. ނަމަވެސް ހެލްތު ޑިޕާޓްމަންޓުގެ އެއްވެސް މީހެއްގެ އިހުމާލެއް އޮތް ނަމަ ވަގުތުން ފިޔަވަޅު އަޅާނެ ކަމަށް ވިދާޅުވި އެވެ.
އިންޑިޔާގެ ހޮސްޕިޓަލުގައި ތިބޭ ކުޑަކުދިންނަށް މީދަލުގެ ހަމަލާ އެރުމަކީ އާ ކަމެއް ނޫނެވެ. މިދިޔަ އަހަރުގެ އޮގަސްޓް މަހު އެފަދަ ހާދިސާއެއް ހިނގި އެވެ.
އަންދްރަ ޕްރަދޭޝް ސްޓޭޓްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި އޮގަސްޓް 17 ގައި މަރުވީ ކުޑަކުދިންގެ ވޯޑުގައި ފުއްޕާމޭގެ މައްސަލައެއް ހުރެގެން ފަރުވާ ދެމުންދިޔަ ތުއްތު ކުއްޖެކެވެ.
އެ ކުއްޖާގެ މަންމަ ލަކްޝްމީ ބުނެފައި ވަނީ އެއް ދުވަހެއްގެ ވަރަށް ހެނދުނާ ދަރިފުޅު ރޯ އަޑު އިވެން ފެށި ކަމަށެވެ. ދަރިފުޅު އޮތީ އިންކިއުބޭޓާގައި ކަމުން މައިންބަފައިންނަށް އެތަނަށް ދިއުމުގެ ހުއްދަ ނެތް ކަމަށާއި ދަރިފުޅު ރޮނީ ކީއްވެގެންތޯ ބަލައިދޭން ތަކުރާރުކޮށް ނަރުހުން ކައިރީ އެދުނު ކަމަށް ވެސް އޭނާ ބުންޏެވެ.
އޭނާ ބުނީ ނަރުހުންނަށް ވަގުތުވެގެން ގޮސް ޗެކްކުރިއިރު މީދާތައް ވަނީ ކުއްޖާގެ ކަނާއަތުގެ އިނގިލިތަކާއި ލޯ ވެސް ކާލާފައި ކަމަށެވެ.
ކުއްޖާ ވަގުތުން އައިސީޔޫ އަށް ގެންދިޔަ އެވެ. ނަމަވެސް ފުރާނަ ސަލާމަތްކުރެވޭ ގޮތެއް ނުވި އެވެ.
ކުއްޖާގެ ބައްޕަ ޗަވާލީ ނާގަރާޖޫ ބާބޫ ބުނީ އެމީހުންނަށް ލިބުނު ހިތާމަ ބޮޑުވީ ހޮސްޕިޓަލުން ބުނި އެއްޗަކުން ކަމަށެވެ.
"އެމީހުން ބުނި ހާސްވާނެކަމެއް ނެތޭ. އެބަ ހުއްޓެއް ނޫންހޭ އިތުރު ފިރިހެން ދަރިއެއް،" ބާބޫ ބުންޏެވެ.
ހޮސްޕިޓަލުގެ ޗީފް ޑރ. ވެނުގޯޕާލް ރާއޯ ދަ ހިންދޫ އަށް ވިދާޅުވެފައިވަނީ މީދާ އުޅޭކަން އެނގުނީ އޭގެ ފަހުން ކަމަށެވެ. އަދި އެކަން ފަންގިފިލާއިން ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން އެނގި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ ހާދިސާއާ ގުޅިގެން އެ ހޮސްޕިޓަލުގެ ތިން މުވައްޒަފަކު ސަސްޕެންޑްކުރި އެވެ.