21 މެއި 2022 - 10:12

ބަންގަލަދޭޝްގެ ބަށުންދަދާ ކިންގްސް އާދެކޮޅަށް މާޒިޔާގެ ކުޅުންތެރިން ދެއްކި ކުޅުމާއެކު، މިރޭ އިންޑިއާގެ ގޯކުލަމް ކެރަލާއާ ދެކޮޅަށް ކުޅޭ މެޗުގައި ޓީމާމެދު އިތުބާރު އެބައޮތްކަމަށް މާޒިޔާގެ ކޯޗު މިއޮޑްރާގް ޖެސިޗް ބުނެފި އެވެ.
އިންޑިއާގައި މިހާރު ކުރިއަށްދާ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅުނު ފުރަތަމަ މެޗުގައި ބަށުންދަރާ އަތުން ބަލިވީ 1-0 ންނެވެ. އެމެޗުގައި މޮޅަށް ކުޅެ ގިނަ ހަމަލާތަކެއް އުފެއްދީ މާޒިޔާއިންނެވެ. މިރޭ ކެރަލާއާ ދެކޮޅަށް ކުޅޭ މެޗަކީ މުބާރާތުގައި ދެމިއޮތުމަށް މާޒިޔާ އަށް ލިބޭ ފަހު ފުރުސަތެވެ. އެކަމަކު އޭއެފްސީ ކަޕްގައި ދެމިއޮތުމުގެ އުންމީދު މާޒިޔާގެ ޓީމަށް ދެމެހެއްޓޭނެ ކަމުގެ ފުރިހަމަ އިތުބާރު ޖެސިޗް އަށް އެބައޮތެވެ.
"އަހަރެމެންގެ އޮތީ ވަރަށް ރަނގަޅު ޓީމެއް. ކުޅުންތެރިންނާ ކޯޗުން ސްޓާފުންނާ ވަރަށް ރަނގަޅު ގުޅުމެއް އެބައޮޔް،" ޖެސިޗް ބުންޏެވެ. "އަހަރެމެން މި ބަލަނީ މާދަމާ [މިއަދު] ގެ މެޗު ވާނީ ވަރަށް ވަރުގަދަ މެޗަކަށްކަމަށް. ވަރަށް ރަނގަޅު ފޯމެއްގައި އޮތް ވަރުގަދަ ޓީމަކާ ދެކޮޅަށް މިކުޅެނީ."
"އަހަންނަށް ހީވަނީ ބަށުންދަރާ އާދެކޮޅަށް ކުޅުނު މެޗުގައި ވެސް އަހަރެމެން ވަރަށް ރަނގަޅު ކުޅުމެއް ދެއްކިހެން. ގޯކުލަމް އާ ދެކޮޅަށް އަހަރެމެން ކުރަން ޖެހޭ ކަމަކީ މިސްޓޭކްތައް މަދުކޮށް ލިބޭ ފުރުސަތުތައް ނިންމާލުން."
ކެރަލާ ޓީމު ކުޅުނު ފުރަތަމަ މެޗުގައި އިންޑިއާގެ ގަދަބާރު އޭޓީކޭ މޯހަން ބަގާންގެ މައްޗަށް ކާމިޔާބު ހޯދީ 4-2 ންނެވެ. އެ މެޗުން ކެރަލާ މޮޅުވުމުން އިންޑިއާގެ ފުޓްބޯޅަ އަށް ވީ ސަޕްރައިޒް ނަތީޖާ އަކަށެވެ. އިންޑިއާގެ އައި ލީގުގެ ޗެމްޕިއަން ޓީމާ ދެކޮޅަށް ސުޕަ ލީގުގެ ގަދަ ހަތަރެއްގެތެރޭ ހިމެނޭ މޯހަން ބަގާން ކުޅުނު މެޗުގެ ކުރިން ފޭވަރިޓެއްގެ ގޮތުގައި އޮތީ މޯހަން ބަގާން އެވެ.
ވިންޗެންޒޯ އަލްބާޓޯ އަނީސޭ ބުނީ، މާޒިޔާ އާދެކޮޅަށް މިއަދު ކުޅޭ މެޗު ވެގެންދާނީ އޭނާގެ ކުޅުންތެރިން ކެރިއާ ބަދަލުކޮށްލަން ލިބޭ މެޗަށް ކަމަށެވެ. އޭނާ ބުނީ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިންނަށް އެހެން ޓީމުތަކުން ހުށަހެޅުންތައް ލިބެމުންދާ ކަމަށެވެ.
"އަހަރެމެންގެ ޒުވާން ކުޅުންތެރިން ކައިރީ ބުނަމުން މިއަންނަނީ މި މެޗު ވެގެންދާނީ އެކުޅުންތެރިންގެ ކެރިއާ ބަދަލުކޮށްލަން ލިބޭ މެޗަށޭ. މިމެޗަށް ސަމާލުކަން ދީގެން ތިބުން އެކޫލުންތެރިންނަށް ވެސް މުހިންމު،" އަނިސޭ ބުންޏެވެ.
މާޒިޔާ އާއި ކެރަލާ ކުޅޭ މެޗު ފަށާނީ ރާއްޖޭ ގަޑިން މިރޭ 8 ޖާއިރު އެވެ. މިއަދު 4 ޖަހާއިރު ބަށުންދަރާ އާއި މޯހަން ބަގާން ކުޅޭ މެޗު އޮންނާނެ އެވެ.