29 ޑިސެމްބަރ 2016 - 06:10

ފްރާންސްގެ އެންމެ މަތީ އެވޯޑާއި އެޑިންބަރާ ޔުނިވަސިޓީގެ އޮނަރަރީ ޑޮކްޓަރޭޓަށް ފަހު ބޮލީވުޑް އެކްޓަރު ޝާހްރުކް ޚާނަށް މިހާރު ވަނީ ތިން ވަނަ އޮނަރަރީ ޑޮކްޓަރޭޓެއް ލިބިފަ އެވެ. މިފަހަރު މައުލާނާ އާޒާދު ނެޝަނަލް އުރުދޫ ޔުނިވަސިޓީ އިންނެވެ. ޝާހްރުކަށް މި ޑޮކްޓަރޭޓް ދޭން އެ ޔުނިވަސިޓީން ނިންމީ އުރުދޫ ބަހާއި ސަގާފަތް ޕްރޮމޯޓްކުރަން އޭނާ ކޮށްދެމުން އަންނަ މަސައްކަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.
ހޯމަ ދުވަހު އޮތް އެ ޔުނިވަސިޓީގެ މި އަހަރުގެ ދަސްވެނިމުމުގެ ރަސްމިއްޔާތުގައި މި ޝަރަފުވެރި ޑޮކްޓަރޭޓާ ހަވާލުވުމަށް ފަހު ޝާހްރުކް ބުނީ އޭނާގެ ބައްޕަ ދުނިޔޭގައި ހުރި ނަމަ އެ ޝަރަފާ މެދު ވަރަށް އުފާކޮށް ފަޚުރުވެރި ވީސް ކަމަށެވެ. އަދި މިއީ އޭނާގެ މައިންބަފައިންގެ ހަނދާނަށް ހަދިޔާ ކުރާ އެއްޗެއް ކަމަށް ވެސް ބުންޏެވެ.
ކުރިން ހަމަޖެހިފައި އޮތި މި ޝަރަފު އިންޑިޔާގެ ރައީސް ޕްރަނާބު މުކަރުޖީގެ އަތްޕުޅުން ޝާހްރުކަށް ދޭ ގޮތަށެވެ. ނަމަވެސް ދިމާވި ސަބަބުތަކާ ހުރެ ރައީސަށް ވަޑައިގެންނެވޭ ގޮތް ނުވީ އެވެ.
މި ރަސްމިއްޔާތުގައި ޔުނިވަސިޓީގެ ކިޔަވާ ކުދިންނާ މުޚާތަބުކޮށް ޝާހްރުކް ވަނީ ވަރަށް އިބްރަތްތެރި ވާހަކަކޮޅެއް ވެސް ދައްކާފަ އެވެ. އެގޮތުން ވަކި މީހަކު ބުނެގެން ކެރިއަރެއް ޚިޔާރުކުރުމުގެ ބަދަލުގައި އަމިއްލަ ހިތް އެދޭ ރޮނގަކުން ކުރިޔަށް ދާން އޭނާ ވަނީ ދަރިވަރުންނަށް އިލްތިމާސް ކޮށްފަ އެވެ.