ރިތިކް އެދެނީ "ރައީސް" ވެސް ކާމިޔާބު ފިލްމަކަށް ވާން
ރިތިކް އެދެނީ "ރައީސް" ވެސް ކާމިޔާބު ފިލްމަކަށް ވާން

ރިތިކް ރޯޝަންގެ "ގާބިލް" އާއި ޝާހްރުކް ޚާންގެ "ރައީސް" ރިލީޒްކުރާ ދުވަސް ކައިރިވާ ވަރަކަށް ދެ ފިލްމުގެ ވާދަވެރިކަން ވެސް އަންނަނީ ބޮޑުވަމުންނެވެ. ފިލްމު އިންޑަސްޓްރީގެ މީހުންނާއި ހިންދީ ފިލްމަށް ލޯބިކުރާ ގިނަ ބަޔަކު މިހާރު ތިބީ މި ދެ ފިލްމުގެ ތެރެއިން ކުރި ހޯދަނީ ކޮން ފިލްމެއްތޯ ބަލާލަން ބޭނުންވެފަ އެވެ. ނަމަވެސް "ގާބިލް"ގެ ބަތަލު ރިތިކް ރޯޝަންގެ ހިތުގައި މިފަދަ ވާދަވެރިކަމެއް އަދި ދެކޮޅުވެރިކަމެއް ވެސް ނެތެވެ. އޭނާ ބުނަނީ ދެ ފިލްމު ވެސް ކާމިޔާބުވުމަކީ އޭނާ އެދޭ ގޮތް ކަމަށެވެ.

ރިތިކް، 42، ގެ ބައްޕަ ރާކޭޝް ރޯޝަން ބައެއް ފަހަރަށް ރުޅިގަދަވެގެން ޝާހްރުކް މެންނަށް ބަހުގެ ހަމަލާތައް ފޮނުވިޔަސް އަބަދުވެސް ރިތިކް ޚިޔާރުކުރަނީ އޭގައި އޮންނަ އެންމެ ރަނގަޅު އަދި ތެދުވެރި ގޮތެވެ.

ދާދި ފަހުން އޭނާ ދިން އިންޓަވިއުއެއްގައި ބުނީ ދެ ފިލްމު ވެސް ރަނގަޅަށް ހިނގަން އުންމީދުކުރާ ކަމަށެވެ. ސަބަބަކީ އެންމެ ފިލްމަކަށް ވެސް ގެއްލުން ވެއްޖެ ނަމަ އެއީ ފިލްމު އިންޑަސްޓްރީއަށް ލިބޭ 100 ކްރޯޑު (1000 މިލިއަން) ގެ ގެއްލުމަކަށް ވާނެތީ އެވެ.

ރިތިކް ބުނި ގޮތުގައި ކުރިން ހަމަޖެހިފައިވާ ގޮތަށް ދެ ފިލްމު ވަކިވަކި ދެ ދުވަހެއްގައި ރިލިޒްކުރި ނަމަ ކޮންމެ ފިލްމަކަށް ވެސް 1000 މިލިއަން ރުޕީސް ހޯދުމުގެ ފުރުސަތު ބޮޑުވީހެވެ.

"އަހަރެންގެ ބައްޕައަށް ވެސް މިކަން އޮތީ މިހެންކަން ވިސްނޭ އަދި އެކަމާ ވަރަށް ދެރަވޭ. މިފަދަ ކަމެއް ދިމާވެދާނެ ކަމަށް ތަންކޮޅެއް ކުރިއްސުރެ މަސައްކަތް ކުރެވުނު ނަމަ މިކަން ދިމާނުވެ ފަރުޖެއްސުނީސްކަމަށް ވެސް ބައްޕަ ގަބޫލުކުރޭ،" ރިތިކް ބުންޏެވެ.

"ނަމަވެސް ޝާހްރުކްގެ 'ރައީސް' އަކީ ވެސް ރިލީޒްނުކުރެވި ގިނަ ދުވަސްތަކެއް ވެފައިވާ ފިލްމަކަށް ވާތީ ވީހާވެސް އަވަހަކަށް އެ ފިލްމު ވެސް ރިލިޒްކުރަން ޕްރޮޑިއުސަރުން ބޭނުންވާނެކަން ގަބޫލުކުރަން ޖެހޭ،" ރިތިކް ބުންޏެވެ.

ރިތިކް ބުނީ ދެ ފިލްމަށް ކާމިޔާބުވެއްޖެ ނަމަ އެކަން ފާހަގަކުރާނީ އެންމެން އެކުވެގެން ކަމަށެވެ.

އަންނަ ޖެނުއަރީ 25 ގައި ރިލީޒްކުރާ ސަންޖޭ ގުޕްތާ ޑައިރެކްޓްކޮށްފައިވާ "ގާބިލް" ގައި ރިތިކްއާ އެކު ހަރަކާތްތެރިވާ ބަތަލާއަކީ ޔާމީ ގޯތަމް އެވެ. މި ފިލްމުގައި މި ދެ ތަރިން ވެސް ކުޅެނީ ލޯ އަނދިރި ދެ މީހުންގެ ބަ އެވެ.