ބަދަލު ގެނެސް، ގްރޭޑް 1ގެ ޖާގައަށް ހުޅުވާލައިފި
ބަދަލު ގެނެސް، ގްރޭޑް 1ގެ ޖާގައަށް ހުޅުވާލައިފި

ގްރޭޑު އެކަކަށް ދަރިވަރުން ވެއްދުމުގައި މިދިޔަ އަހަރު ބެލި އުމުރުފުރަށް ބަދަލުތަކެއް ގެނެސް، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑު 1 އަށް ވަންނަން އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ ސްކޫލްތަކުގެ ގްރޭޑު އެކަކަށް ކުދިން ވެއްދުމަށްޓަކައި އަންނަ މަހުގެ 30 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެން ގްރޭޑުތަކުން ޖާގަ ހޯދުމަށް އަންނަ ޖުލައި އެކެއްގެ ފަހުން ފޯމު ހުށަހެޅޭނެ އެވެ.

މާލޭ ސަރަޙައްދުގެ ސަރުކާރު ސްކޫލުތަކުން ޖާގަ ހޯދުމަށް އެދި myoffice.moe.gov.mv/forms/id/2 އިިން ހުށަހެޅޭނެ އެވެ.

މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ސްކޫލްތަކަށް ފޮނުވި ސާކިއުލާގައި ބުނީ ގްރޭޑް އެކަކަށް ވައްދާނީ ޕްރީ ސްކޫލްގައި ދެ އަހަރު ފުރިހަމަކޮށް ޖުލައި 31، 2022 އަށް ހަ އަހަރު ފުރި ހަތް އަހަރު ނުފުރޭ ކުދިން ކަމަށެވެ.

އެކަމަކު، މިދިޔަ އަހަރުގެ އޮގަސްޓް މަހު ފެށީ ދިރާސީ އާ އަހަރަށް ގްރޭޑު އެކަކަށް ވެއްދުމުގައި ބެލީ ޑިސެމްބަރު 31، 2021 އަށް ހަތް އަހަރު ފުރިފައިވާ ކުދިންނަށެވެ.

ބޭބީ ނާސަރީން ޖާގަ ދެނީ އޮގަސްޓް 1، 2022 އަށް ދެ އަހަރު ފުރި، ތިން އަހަރު ނުފުރޭ ކުދިންނެވެ. ނާސަރީއަށް އެ މުއްދަތުގައި ތިން އަހަރު ފުރި ހަތަރު އަހަރު ނުފުރޭ ކުދިންނެވެ.

އެލްކޭޖީން ޖާގަ ދިނުމުގައި ޖުލައި 21، 2022 އަށް ހަތަރު އަހަރު ފުރި، ފަސް އަހަރު ނުފުރޭ ކުދިން އަދި ޔޫކޭޖީއަށް ވަންނައިރު ބަލަނީ ހަމަ އެ މުއްދަތަށް ފަސް އަހަރު ފުރި، ހަ އަހަރު ނުފުރޭ ކުދިންނެވެ.