20 މެއި 2022 - 01:06

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ އޯލް އިންޑިއާ ޓެނިސް އެސޯސިއޭޝަންގެ ޖޫނިއާ މުބާރާތުގެ 14 އަހަރުން ދަށުގެ ކެޓަގަރީގެ ފައިނަލަށް، ރާއްޖޭގެ ނަބާ ނިޝާން ދަތުރުކޮށްފި އެވެ.

ބެންގަލޫރުގެ ސްޕޯޓްސް އެކަޑަމީ ޓިރޫގެ ކޯޓްގައި ކުރިއަށްގެންދާ މުބާރާތުގެ ސެމީ ފައިނަލްގައި މިއަދު ނަބާ ނުކުތީ ހަތަރުވަނަ އަށް ސީޑްކޮށްފައިވާ،. ތާނީޫ ވިޝްވާސް އާވާދަކޮށް 6-2، 6-2 ން ދެ ސެޓް ވެސް ކާމިޔާބުކޮށްގެންނެވެ.
މުބާރާތް ނަފާ ފެށީ ކޮލިފައިން ރައުންޑުންނެވެ. އެރައުްނޑުން ކޮލިފައިވެ. މެއިން ޑްރޯގައި އޭނާ ވާދަކުރީ ދެވަނަ އަށް ސީޑް ކޮށްފައިވާ އާރްނާ ރާޖް ސީދާ ދެ ސެޓުން ބަލިކޮށްގެންނެވެ. ނަބާ ސެޓްތައް ގެންދިޔައީ އާރްނާ 6-1 އަދި 6-3 ންނެވެ.
މާދަމާ (ރާއްޖޭ ގަޑިން ހެނދުނު 8) ޖާހާއިރު ކުޅޭ ފައިނަލްގައި ނަބާ ވާދަކުރާނީ އާކީޝާ ގޯޝް އާދެކޮޅަށެވެ. އާކީޝާ ފައިނަލަށް ދަތުރުކުރީ ޓޮޕް ސީޑް ކޮށްފައިވާ ދިޝާ ކުމާރުގެ މައްޗަށް 6-3 އަދި 7-6 ކުން ހޯދައިގެންނެވެ.
އިންޑިއާޣެ ޓެނިސް އެސޯސިއޭޝަންގެ ސީ ސެވަންގެ ނަމުގައި ކުރިއަށްދާ މުބާރަތުގެ ފައިނަލަކީ އިންޑިއާގައި ނަބާ ވާދަކުރާ ދެވަނަ ފައިނަލެވެ. މީގެކުރިން އޭނާ ވަނީ ޕޭސް އޯޕަން ޖޫނިއާ ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ފެބްރުއަރީ މަހު ކުޅުނު މުބާރާތުގެ ފައިނަލްގައި ނަބާ ކާމިޔާބު ހޯދީ، ރިޝްކާ ކުމާރް އާވާދަކޮށް 6-1 ސެޓުން ކުރި ހޯދައިގެންނެވެ. އެ މުބާރާތުގެ ފައިނަލާ ހަމައަށް ކުރި ދަތުރުގައި ކުޅުނު ހަ މެޗު ވެސް ނަބާ ކާމިޔާބުކުރި އެވެ.
އެއް އަހަރު ދުވަހުގެ ޓްރޭނިން ޕްރޮގްރާމެއްގައި ނަބާ، 12، ތަމްރީން ހަދަމުން ގެންދަނީ އިންޑިއާގެ އެންމެ ބޮޑު އެއް އެކަޑަމީގަ އެވެ. ބެންގަލޫރުގައި ގާއިމުކޮށްފައިވާ މި އެކަޑަމީ އަކީ ދުނިޔޭގެ ކުރީގެ އެއްވަނަ ބެޑްމިންޓަން ކުޅުންތެރިޔާ ޕްރަކާޝް ޕަޑްކޯން އާއި ދުނިޔޭގެ ކުރީގެ އެންމެ މޮޅު ބެޓްސްމަން ރާހުލް ޑްރަވިޑް ގުޅިގެން އުފައްދާފައިވާ އެކަޑަމީ އެކެވެ.
މާޗް މަހު ބޭއްވި މޯލްޑިވްސް ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު އަންހެން ޓެނިސް ކުޅުންތެރިޔާގެ އެވޯޑް ހޯދި ނަބާ އަކީ ރާއްޖޭގެ ގައުމީ ޓެނިސް މުބާރާތުގެ ތާރީހުގައި ސިންގަލްސް ޗެމްޕިއަންކަން ހޯދި އެންމެ ޒުވާން އެތުލީޓެވެ. ނޮވެމްބަރު މަހު ބޭއްވި އެމުބާރަތުގެ އޯޕަން ސިންގަލްސްގެ އިތުރުން އެ މުބާރާތުގެ އިތުރު ދެ ކެޓެގަރީއަކުން އޭނާ ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.