ރައީސްގެ އިތުބާރު ފައްޔާޒަށް، 2023އަށް ޕާޓީގެ މިސްރާބު ރަނގަޅުވާނެ
ރައީސްގެ އިތުބާރު ފައްޔާޒަށް، 2023އަށް ޕާޓީގެ މިސްރާބު ރަނގަޅުވާނެ

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި، އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް (ފަޔާ) ޕާޓީ ހިންގާލައްވައި ގެންނަވާނެ ބަދަލުތަކުން 2023 އަށް ޔަގީންކަން ބޮޑު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޗެއާޕާސަންގެ ވާދަވެރި ރޭހަށް ނުކުންނަވައި ކާމިޔާބީ ހޯއްދެވި ފައްޔާޒްއާ ރައީސް އޮފީހުގައި ޗެއާޕާސަންގެ ހައިސިއްޔަތުން ފުރަތަމަ ފަހަރަށް ރައީސް މިއަދު ވަނީ ބައްދަލުކުރައްވައިފަ އެވެ. މަގާމަށް ވާދަކުރެއްވީ ރައީސްގެ ފުރިހަމަ ތާއީދާ އެކުގައި ކަމަށް ފައްޔާޒް ވިދާޅުވެފައިވެ އެވެ.

ރައީސް ކުރެއްވި ޓުވީޓުގައި ވިދާޅުވީ ފައްޔާޒްގެ ތަޖުރިބާ އިން ކާމިޔާބީއަށް ވާސިލްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.

"ފަޔާގެ ހިންގުމުގެ ތަޖުރިބާއާ އެކު ޕާޓީއާ އެކު ކުރިއަށް ގޮސް 2023 ކާމިޔާބުކުރުމަށް ރަނގަޅު މިސްރާބަކަށް ދަތުރުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް. ކުރިއަށް ކުރިއަށް ބާރަށް ކުރިއަށް،" ހިތްވަރު ދެއްވައި ރައީސް ވިދާޅުވި އެވެ.

އެމްޑީޕީގެ 17 އަހަރުގެ ތެރޭގައި މިހާތަނަށް ބޭއްވި އެންމެ ވާދަވެރި ޗެއާޕާސަންގެ އިންތިހާބު ފައްޔާޒް ކާމިޔާބު ކުރެއްވީ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާ ވާދަކުރައްވަ އެވެ. އެމްޑީޕީގައި ދެ ފެކްޝަނަކަށް ކެމްޕޭން ހިންގިއިރު، އޭނާ ނުކުންނެވީ ރައްޔިތުންގެ މަޖިލީހުުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާ އެކުގަ އެވެ.

އިންތިހާބުގައި މާލެ ފިޔަވައި މެޖޯރިޓީ ރަށްތަކުގެ އަޣުލަބިއްޔަތު ފައްޔާޒަށް ލިބިވަޑައިގަތެވެ. ކެމްޕޭންގައި ސަރުކާރަށް ޕާޓީގެ ތެރެއިން ކުރިމަތިވި ފާޑުކިއުންތަކާ އެކު އެ ނަތީޖާ އިން ސާފުވީ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ވިދާޅުވާ ގޮތުގައި ރައީސް އާއި މި ސަރުކާރަށް އިތުބާރާއި ތާއީދު އޮތް މިންވަރެވެ.

އިންތިހާބުގެ ކުރިން "މިހާރު"އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ފައްޔާޒް ވިދާޅުވެފައި ވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ނުކުންނަވައިގެން ނޫން ގޮތަކަށް އެމްޑީޕީ އަށް 2023 ކަށަވަރުވާނެ ތަނެއް އޭނާއަށް ފެނިވަޑައިނުގަންނަވާ ކަމަށެވެ. މިހާތަނަށް އިންތިހާބުގައި ވާދަކުރައްވާނެ އިއުލާން ނުކުރެއްވިޔަސް އޭނާގެ އުއްމީދުކުރައްވަނީ ރައީސް އިންތިހާބަށް ނުކުމެވަޑައިގަންނަވާނެ ކަމަށާއި އިންތިހާބު އެމަނިކުފާނަށް ކާމިޔާބުކޮށްދެއްވަން ވެސް މަސައްކަތް ކުރައްވާނެ ކަަމަށެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި ޗެއާޕާސަން ކަމަށް ވާދަކުރެއްވި މައިގަނޑު އަމާޒަކީ އެމްޑީޕީއަށް 2023 ކާމިޔާބު ކޮށްދިނުމެވެ. ފަސް އަހަރުގެ ދައުރަކަށް އަނިޔާވެރި ވެރިކަމެއް ރާއްޖެއަށް އަޔަ ނުދިނުމަކީ ޗެއާޕާސަންގެ މަގާމުގައި އޭނާ ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ވެރިކަމުގައި އެމްޑީޕީން ސަރުކާރަށް އެއްބާރުލުން ދީގެން ކަންކަން ހިންގި ނަމަ ދެ ވަނަ ދައުރެއް، ޕާޓީން އެކަނި ނުކުމެ ވެސް ކާމިޔާބުވީސް ކަމަށެވެ. އެކަމަކު މަޖިލީހުގެ މެޖޯރިޓީ ވެސް ލިބިފައި އޮވެމެ ސަރުކާރު ބަލިކަށިކޮށްލަން އަމިއްލަ ޕާޓީން ކުރި މަސައްކަތުން އެ ފުރުސަތު ގެއްލިފައި އޮތް ކަމަށް ވިދާޅުވި އެވެ.

ފައްޔާޒް ވިދާޅުވި ގޮތުގައި އެމްޑީޕީ އަށް 2023 ކާމިޔާބުވާން ދެން އޮތީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ނުކުންނެވުމުން އެކަންޏެވެ.

"ބައެއް ބޭފުޅުންނަށް ދަތިވެދާނެ މިކަން ގަބޫލުކުރައްވަން. އެކަމަކު އެއީ އަޅުގަނޑަށް ފެންނަން ގޮތް, ހަގީގަތް," އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ދެ ވަނަ ދައުރަކަށް، ރިޔާސީ ޕްރައިމަރީއަށް ނުކުންނަވާނެ ކަން ނަޝީދު ވަނީ އިއުލާންކުރައްވައިފަ އެވެ.

ޗެއާޕާސަންގެ އިންތިހާބުގައި 94،000 އަށް ވުރެން ގިނަ މީހުންނަށް ވޯޓުލެވޭ އިރު ފައްޔާޒް އިންތިހާބު ކާމިޔާބު ކުރެއްވީ ވޯޓުލާން ނުކުތް މީހުންގެ 58 ޕަސެންޓުންނެވެ.