ހޮލީވުޑްގައި މަސައްކަތްކުރަން ބިރުގަނޭ: އާލިއާ
ހޮލީވުޑްގައި މަސައްކަތްކުރަން ބިރުގަނޭ: އާލިއާ

ބޮލީވުޑްގެ ޒުވާން ބަތަލާ އާލިއާ ބަޓްގެ ފުރަތަމަ ހޮލީވުޑްގެ މަސައްކަތް ފެށުމަށް އެމެރިކާ އަށް ގޮސްފައިވާއިރު، ވަރަށް ބިރުގަންނަ ކަމަށް އޭނާ ބުނެފި އެވެ.

އާލިއާގެ ފުރަތަމަ ފިލްމު އޮތީ "ވޮންޑާ ވުމަން" ގެ ތަރި ގަލް ގެޑޮޓްއާ އެކު އެވެ. ހޮލީވުޑްގެ ކުޅަދާނަ ޑައިރެކްޓަރު ޓޮމް ހާޕާގެ ޑައިރެކްޓް ކުރާ ސްޕައި ތުރިއްލާއެއް ކަމަށްވާ، "ހާޓް އޮފް ސްޓޯން" އިން އާލިއާ ހޮލީވުޑަށް ނުކުންނަ ގޮތަށް އޮތްއިރު އާލިއާ ވަނީ ފުރަތަމަ ފަހަރަށް އޭނާގެ އުދާސްތައް ބަންޑުންކޮށްލައިފަ އެވެ.

އާލިއާ ބުނީ އޭނާގެ ފުރަތަމަ ހޮލީވުޑްގެ ފިލްމުގެ ޝޫޓިންތައް ފަށަނީ ކަމަށާއި، އިހުސާސް ކުރެވެނީ ފިލްމީ ދާއިރާ އަށް މުޅިން އަލަށް ނުކުންނަ އުޅޭ ކަަމުގެ އިހުސާސެއް ކަމަށެވެ. އަދި ވަރަށް ބިރުގަންނަ ކަމަށް ވެސް ބުންޏެވެ.

އެ ޕޯސްޓުގައި އާލިއާ ވަނީ އޭނާ އަށް ހިތްވަރު ދިނުމަށް ވެސް ސަޕޯޓަރުންގެ ކިބައިން އެދިފަ އެވެ.

އާލިއާ ކުރިން ބުނި ގޮތުގައި ހޮލީވުޑްގެ ފިލްމެއް ކުޅުމަށް އޭނާ އެއްބަސްވީ މުޅިން އާ ތަޖުރިބާތަކެއްކޮށް، ރަނގަޅު މަަސައްކަތެއް ވެސް ކޮށްލުމުގެ ބޭނުމުގަ އެވެ. އެއީ ކޮންމެހެން އެހެން ބޮލީވުޑްގެ ތަރިން ވެސް މަސައްކަތްކުރާތީ ކުރަން އުޅޭ ކަމެއް ނޫން ކަމަށް ބުންޏެވެ.

ހޮލީވުޑްގައި މަސައްކަތް ފެށިއިރު އާލިއާގެ ބޮލީވުޑްގެ ދެ މަސައްކަތެއް ވެސް ކުރިއަށް އެބަ އޮތެވެ. އޭގެ ތެރެއިން އެއް ފިލްމަކީ ފިރިމީހާ ރަންބީރް ކަޕޫރާ އެކު އޭނާ ކުޅެފައިވާ "ބްރަހްމަސްތުރާ" އެވެ. އެ ފިލްމުގެ ޝޫޓިންތައް އެމީހުން ވަނީ ކައިވެނީގެ ކުރިން ނިންމާލައިފަ އެވެ. އެ ފިލްމު މި އަހަރު ރިލީޒްކުރާނެ އެވެ.

ދެން އޮތް ފިލްމަކީ ރޮކީ އޯރް ރާނީކީ ޕްރޭމް ކަހާނީ އެވެެ. ކަރަން ޖޯހަރް ޑައިރެކްޓްކުރާ އެ ފިލްމުގައި ރަންވީރް ސިންގް ވެސް ފެންނާނެ އެވެ. އެ ފިލްމަކީ އަންނަ އަހަރުގެ ފެބްރުއަރީ 10 ގައި ނެރޭ ފިލްމެކެވެ.