27 ޑިސެމްބަރ 2016 - 11:07

އަންނަ މަހުން ފެށިގެން ސަރުކާރުގެ އޮފީސްތަކުން ނެެރޭ އިއުލާންތައް ގެޒެޓް ކުރުން އެ އޮފީހަކުން އަމިއްލަ އަށް ކުރާ ގޮތަށް ރައީސް އޮފީހުން ހަމަޖައްސަވައިފި އެވެ.
ރައީސް އޮފީހުން އިއްޔެ ނެރުނު ދެންނެވުމެއްގައިވާ ގޮތުން އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރު އޮފީސްތަކުން ނެރޭ އިއުލާންތަކާއި ދެންނެވުން އަދި ނޫސް ބަޔާންތައް ގެޒެޓްކުރަން ޖެހޭނީ އެ އޮފީހަކުން އަމިއްލައަށެވެ. އެގޮތަށް ހަމަޖެއްސެވީ ސަރުކާރު އޮފީސްތަކުގެ ހިންގުން ހަރުދަނާ ކުރުމަށާއި މަސައްކަތްތައް ހަލުވި ކުރުމުގެ ގޮތުންނެވެ.
އެގޮތަށް ހަމަޖެއްސިޔަސް އޮފީސްތަކުން އާންމުކުރާ ގަވާއިދުތަކާއި އުސޫލުތަކާއި ގާނޫނީ އެހެން ލިޔުންތައް ގެޒެޓް ކުރާނީ މިހާރެކޭ ވެސް އެގޮތަށް ރައީސް އޮފީހުން ކަމަށް އެ ދެންނެވުމުގައިވެ އެވެ.
މިހާރު އޮންނަ ގޮތުން ސަރުކާރު ހުރިހާ އޮފީހަކުން ނެެރޭ އިއުލާންތައް ވެސް ގެޒެޓް ކުރާނީ ރައީސް އޮފީހަށް ފޮނުވައި، އެ އޮފީސް މެދުވެރިކޮށެވެ.