އެމްއެންޔޫ އިން 89 ކޯހަކަށް އިއުލާނުކޮށްފި
އެމްއެންޔޫ އިން 89 ކޯހަކަށް އިއުލާނުކޮށްފި

މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) ގެ ދެވަނަ ޓާމުގައި 89 ކޯހެއް ހިންގަން ނިންމައި އެ ކޯސްތައް އިއުލާނުކޮށްފި އެވެ.

އެ ޔުނިވާސިޓީން ބުނީ ސްކޮލަޝިޕަށް ހުށަހެޅުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވައިލާނެ ކަމަށެވެ. ދެވަނަ ޓާމުގައި ހިންގަން ނިންމާފައި ވަނީ ސެޓްފިކެޓް ލެވެލުން ފެށިގެން މާސްޓާސް ލެވެލުގެ ކޯސްތަކަށެވެ. އެއީ 5،615 ޖާގައެވެ.

އެމްއެންޔޫ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރެޖިސްޓްރާ މުހައްމަދު ލޯމިރު ވިދާޅުވީ، ނަރުހުންގެ ކޯސްތައް ފިޔަވައި ހުރި އެހެން ހުރިހާ ކޯހަކަށް ދަރިވަރުން ހޮވާނީ އެޕްލައިކުރާ ތަރުތީބުން ކަމަށެވެ. ނަމަވެސް ނާސިން ކޯހަށް ދަރިވަރުން ހޮވާނީ މެރިޓް އުސޫލުން ތައުލީމީ ފެންވަރަށް ބަލައިގެން ކަމަށް ވިދާޅުވި އެވެ. މެރިޓް އުސޫލުން ހޮވޭ ދަރިވަރުންނަށް ޖުލައި 28 އިން ފެށިގެން 14 ދުވަހުގެ ތެރޭގައި އެކަން އަންގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އެމްއެންޔޫ އިން ދެވަނަ ޓާމުގައި ހިންގާ ކޯސްތަކުގެ ތެރޭގައި މަތީ ތައުލީމަށް ކިޔަވައިދޭ މީހުންގެ ތެރެއިން ޓީޗިން ނުހަދާ ތިބި މީހުންނަށް ހާއްސަ ކޯހެއް ވެސް ހިމެނެ އެވެ. އެމްއެންޔޫގައި މިހާރު ކިޔަވައިދޭ ލެކްޗަރާއިންނާއި އާއްމުންނަށް ވެސް އެ ކޯހުގައި ބައިވެރިވެވޭނެ އެވެ.

މި ފަހަރު އިއުލާނުކުރި ކޯސްތަކުގެ ތެރޭގައި ހިމެނެނީ ފެކަލްޓީ އޮފް އާޓްސްގެ 12 ކޯހަކާއި ފެކަލްޓީ އޮފް ޝަރީއާ އިން ލޯގެ 10 ކޯހަކާއި ފެކަލްޓީ އޮފް އިންޖިނިއަރިންގެ 14 ކޯހެކެވެ.

ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލާނީ މި މަހުގެ 29 އިން ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ފޯމު ހުށަހަޅަން ޖެހެނީ އެމްއެންޔޫގެ މައި މަރުކަޒުގެ އިދާރާއަށެވެ. ނުވަތަ އޮންލައިންކޮށް އެމްއެންޔޫގެ ޕޯޓަލަށް ވެސް ލެވޭނެ އެވެ.

އެމްއެންޔޫގެ ކޯސްތަކާ ބެހޭ އިތުރު މައުލޫމަތު އެމްއެންޔޫގެ ވެބްސައިޓު https://mnu.edu.mv ލިބެން ހުންނާނެ އެވެ.