28 ޑިސެމްބަރ 2016 - 06:14

އިނގިރޭސިވިލާތުގެ ލަވަކިޔުންތެރިޔާ ޖޯޖް މައިކަލް، އުމުރުން އެންމެ 53 އަހަރުގައި މަރުވި ޚަބަރުން މުޅި ދުނިޔެ ސިއްސުވާލި އެވެ. 'ކެއާލެސް ވިސްޕާ'، 'ލާސްޓް ކްރިސްމަސް' އަދި 'ވޭކް މީ އަޕް ބިފޯ ޔޫ ގޯ' ފަދަ މަޝްހޫރު ލަވަތަކަށް އަދިވެސް ފަނޑުކަމެއް ނާދެ އެވެ. ޕޮޕް ސްޓާރެއްގެ ގޮތުގައި 30 އަހަރުގެ ދިގު މުއްދަތެއް ވަންދެން ފެނުނު ޖޯޖްގެ ތަފާތު ސްޓައިލްތައް ވެސް އެހާމެ މަޝްހޫރުވި އެވެ.

އެންމެ ރީތި ފިރިހެނުންގެ ތެރޭގައި ހިމެނުނު ޖޯޖް މައިކަލް ފުރަތަމަ ފަހަރަށް ސްޓޭޖު މަތިން ފެނުނީ އޭނާގެ މިއުޒިކް ބޭންޑު 'ވޭމް' އާ އެކުގަ އެވެ. އޭނާ ބޭނުންކުރީ އެ ޒަމާނުގެ އެންމެ ފަހުގެ ސްޓައިލްތަކެވެ. އެގޮތުން ކުލަ ގަދަ ގަމީހާއި ސޯޓު އަދި އަދި ކޮނޑު ޕެޑުކޮށްފައި ހުންނަ ޖެކެޓަކީ ޖޯޖްގެ ވައްތަރުތަކެވެ.

'ކެއާލެސް ވިސްޕާ' ލަވަ ކިޔައިގެން ޖޯޖް އަށް 142 މިލިއަން ޕައުންޑް ލިބުނު ކަމަށްވެ އެވެ. އަދި އެލަވައިގައި ޖޯޖްގެ އިސްތަށިގަނޑާއި ހެދުން ސްޓައިލް ކޮށްފައި ހުންނަ ގޮތް ގިނަ ބަޔަކު ނަކަލުކޮށް ތައުރީފު ކުރި އެވެ. އެއީ އިސްތަށިގަނޑު ބޮޑުކޮށް 80ގެ ސްޓައިލަކަށް ފުނާ އަޅައިފައި، އެއް ކަންފަތުގައި މުދި ލައިފައި ކޮނޑަށް ފުޅާ ޖެކެޓެއް ބޭނުންކުރުމެވެ.

ޖޯޖްގެ ސްޓައިލް އެކި ޒަމާންތަކަށް ފިޓުވާ ގޮތަށް ބަދަލުކުރަމުން ދިޔަ އެވެ. އެގޮތުން 90ގެ އަހަރުތަކުގައި އޭނާގެ އިސްތަށިގަނޑު ކުރުކޮށް ބަހައްޓައިފައި، ތުނބުޅި މަތި މަސް، ފެނުނެވެ. 'ފްރީޑޮމް' އަދި 'ފެއިތު' ފަދަ ލަވަތަކުގައި ޖޯޖް ލި ލެދާ ޖެކެޓު އަދި ނޫ ޖިންސަކީ ކްލެސިކް އަދި ޒަމާނީ ސްޓައިލެކެވެ. މި ދެ ލަވައިގައި ވެސް އޭރުގެ އެންމެ މަޝްހޫރު ސުޕަ މޮޑެލުން ފެނުނެވެ. ކްރިސްޓީ ޓާލިންޓަން، ނައޯމީ އަދި ސިންޑީ ކްރޯފޯޑް ފަދަ ރީތި މޮޑެލުންނާ އެކު ލަވަ ކުޅުމުގެ ސަބަބުން؛ 'ފެއިތު' އާއި 'ފްރީޑޮމް' ވެގެން ދިޔައީ ވަރަށް ސްޓައިލިޝް އަދި ފެޝަން ދާއިރާގައި މިސާލެއްގެެ ގޮތުގައި ބޭނުންކުރާ ޕޮޕް ލަވަތަކެއް ގޮތުގަ އެވެ.

ޖޯޖް މައިކަލްގެ ސިގްނެޗާ ސްޓައިލަކީ ކަންފަތުގައި އެއްޗެއް ލައިފައި ހުރުމެވެ. އަދި 2000ގެ އަހަރުތަކުގައި ވެސް އޭނާގެ މި ސްޓައިލްއާ ގުޅޭ ގޮތަށް ހެދުމާއި ކުލަ ގުޅުވާފައިވެ އެވެ. ނަމަވެސް ފަހަކަށް އައިސް ކަޅު ފްރޭމު ހުންނަ އައިނަކީ އޭނާގެ ސްޓައިލެކެވެ. އަދި އެކި މިއުޒިކް ކޮންސެޓުތަކުގައި ޖޯޖް ފެނުނީ މިވައްތަރުގެ އައިނު އަޅައިގެން ހުއްޓަ އެވެ.
ޖޯޖް މައިކަލް އަކީ ހަމައެކަނި ނަލަކޮށް ހެދުން އަޅާ މޮޅަށް ލަވަކީ ފަންނާނެއް ނޫނެވެ. އޭނާގެ މަޖާ މިޒާޖު ވެސް މަޝްހޫރެވެ. އަދި ގިނަ ބަޔަކު އޭނާ އަކީ ރަނގަޅު މީހެއް ގޮތުގައި ދުށްޓެވެ. ޖޯޖްގެ ދީލަތި ކަމުގެ ވާހަކަތައް ވެސް އިވެ އެވެ.
މިއުޒިކް އަދި ފެޝަން ދާއިރާގެ ތަރިން ޖޯޖް މައިކަލްގެ ހަނދާނުގައި އެކި މެސެޖާއި ފޮޓޯ ޝާއިއުކޮށްފައިވެ އެވެ. އެގޮތުން، ސުޕަ މޮޑެލް ލިންޑާ އިވަންޖެލިސްޓާ އިންސްޓަގްރަމަށް ފޮޓޯއެއް ލުމަށް ފަހު ބުނެފައިވަނީ އޭނާއަށް މި ހަބަރު ލިބުމުން ވަރަށް ދެރަ ވެއްޖެ ކަމަށެވެ. 'ފްރީޑޮމް' ވިޑިއޯގައި ފެނުނު ނައޯމީ އަދި ސިންޑީ ކްރޯފޯޑް ވެސް ޖޯޖްގެ ހަނދާނުގައި އިންސްޓަގްރަމްގައި ފޮޓޯ އާއި ވިޑިއޯއެއް ލި އެވެ.