މިނިސްޓަރުންގެ ލަފަޔާއެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ހުށަހަޅައިފި
މިނިސްޓަރުންގެ ލަފަޔާއެކު ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރަން ހުށަހަޅައިފި

ޕާމަނަންޓް ސެކްރެޓަރީން އެ މިނިސްޓްރީއެއްގެ މިނިސްޓަރުގެ ލަފަޔާ އެކު އައްޔަން ކުރާ ގޮތަށް ހަމަޖެއްސުމަށް ސިވިލް ސާވިސް ކޮމިޝަންގެ ގާނޫނަށް އިސްލާހު ހުށަހަޅައިފި އެވެ.

ދިއްދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު އެ އިސްލާހު ހުށަހެޅުއްވި ސަބަބެއް ގޮތުގައި ވަނީ މިނިސްޓްރީތަކުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށް ދިނުމުގައި މިނިސްޓަރާއި ޕާމަނަންޓް ސެކްރެޓަރީ ގުޅިގެން ހަލުވިކަމާއި ފުރިހަމަކަމާ އެކު ހިދުމަތްތައް ދީ، މިނިސްޓްރީ ހިންގުން ހަރުދަނާ ކުރުމަށެވެ.

ސަރުކާރުން ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދެވޭނީ ސަރުކާރާއި ދައުލަތުގެ އެންމެހާ މުއައްސަސާތަކުގެ ހިންގުން ހަރުދަނާ ކުރެވިގެން ކަމަށް ވެސް އިސްލާހުގައި ފާހަގަކޮށްފައިވެ އެވެ.

"އިސްލާހުގެ ސަބަބުން ސަރުކާރުގެ ހިންގުން ހަރުދަނާވެ، ދައުލަތުގެ މުއައްސަސާތަކުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް މިހާރަށް ވުރެ ހަރުދަނާ ވެގެންދާނެ ކަމުގައި އަޅުގަނޑު ދެކެމެވެ،" އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް ލަތީފް ވިދާޅުވެފައިވެ އެވެ.

އެއް މަސް ދުވަހުގެ ޗުއްޓީއަކަށް ފަހު، މިއަދު ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ޖަލްސާގައި ވަނީ، ސިވިލް ސާވިސްގެ ގާނޫނަށް ލަތީފް ހުށަހެޅުއްވި އިސްލާހުގެ ފުރަތަމަ ކިޔުން އިއްވައިފަ އެވެ. އޭގެ މާނަ އަކީ މަޖިލިހުގެ ރިޔާސަތުން ކަނޑައަޅުއްވާ ތާރީހެއްގައި ދެން އޮންނާނީ އެ ބިލްގެ ބަހުސް ކުރިއަށް ގެންދިއުމެވެ.

ޕާމަނަންޓް ސެކެޓްރީންގެ ޒިންމާއަކީ އޭނާ ވަޒީފާ އަދާކުރާ މިނިސްޓްރީގެ، މިނިސްޓަރުގެ ލަފާ އާއި އިރުޝާދުގެ ދަށުން އެ މިނިސްޓްރީއެއް ހިންގުމާއި ބެލެހެއްޓުމެވެ.

ސިވިލް ސާވިސްގެ ގާނޫނުގައިވާ ގޮތުން ޕާމަނަންޓް ސެކްރެޓަރީން އައްޔަން ކުރާނީ ސިވިލް ސާވިސް ކޮމިޝަނުންނެވެ.