19 މެއި 2022 - 12:45

ކޮލަމްބޯ (މެއި 19) - ކުރިއަށް އޮތް ދެ ދުވަސްތެރޭ ސްރީ ލަންކާގެ ރައްޔިތުންނަށް ޕެޓްރޯލް ދޫކުރަން ފެށޭވަރު ވާނެ ކަމަށް އެ ގައުމުގެ އެނާޖީ މިނިސްޓަރު ކަންޗަނާ ވިޖެސެކަރާ މިއަދު ވިދާޅުވެއްޖެ އެވެ.
ޕާލަމެންޓުގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ ލަންކާ އިން މިހާރު ގާތްގަނޑަކަށް ޕެޓްރޯލް ހުސްވެފައިވާތީ ތެޔޮ ސްޓޭޝަންތަކުގައި ކިޔޫ ނުހެދުމަށް އިލްތިމާސްކުރި ނަމަވެސް ބައެއް މީހުން ކިޔޫގައި ތިބޭ ކަމަށެވެ. ފުލުހުން ވެސް އެގޮތަށް އަންގާފައި ވަނިކޮށް މިއަދު ވެސް ދިގު ކިޔޫތައް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ޕެޓްރޯލް ހިފައިގެން ބަނދަރު ކުރި ބޯޓަށް ޕޭމަންޓް މިހާރު ދައްކާފައިވާ ކަމަށާއި ތެޔޮ ބޭލުމުގެ މަސައްކަތް މިއަދު ފަށާނެ ކަމަށެވެ.
ލަންކާގެ އާ ބޮޑުވަޒީރު ރަނިލް ވިކްރަމަސިންހަ މިދިޔަ ހޯމަ ދުވަހު ގައުމާ މުޚާތަބް ކުރައްވަމުން ވިދާޅުވެފައި ވަނީ ލަންކާ އިން ޕެޓްރޯލް ހުސްވެފައިވާ ކަމަށާއި އެންމެ އަސާސީ ތަކެތި ގަންނަން ޑޮލަރު ހޯދަން ވެސް ދަތިވެފައިވާ ކަމަށެވެ.
ލަންކާ އިން މިހާރު ތަޖްރިބާކުރަމުން ދަނީ އެ ގައުމު 1948 ވަނަ އަހަރު މިނިވަންވީ ފަހުން ކުރިމަތިވި އިގްތިސާދީ ގޮތުން އެންމެ ދަތި ދުވަސްތަކެވެ.
ލަންކާ އިން މިހާރު ދަނީ އައިއެމްއެފްގެ ބެއިލްއައުޓް ޕެކޭޖެއް ހޯދުމަށް މަޝްވަރާ ކުރަމުންނެވެ. ފައިސާ ދޭ ބައިނަލްއަގުވާމީ އެޖެންސީތަކުގެ އެންމެ ބޮޑު ޑިމާންޑަކީ ގެއްލުމާ އެކު ހިންގާ ސަރުކާރުގެ ކުންފުނިތައް ދޫކޮށްލުމެވެ.