19 މެއި 2022 - 14:01

ޕެޓްގެ ގޮތުގައި ގެންގުޅުނު ބުޅާތައް މަގުތަކަށް ދޫކުރުމުގެ ސަބަބުން ބ. ހިތާދޫގައި ބުޅާ ގިނަވެ އާންމުންނަށް އުނދަގޫވާތީ، އެ އެއްޗެހި ނައްތާލާނެ ކަމުގެ އިންޒާރު އެ ރަށު ކައުންސިލުން ދީފި އެވެ.
ހިތާދޫ ކައުންސިލުން ނެރުނު އިއުލާނެއްގައި ވަނީ މި މަހުގެ 26 ގެ ފަހުން ބުޅާތައް ބަންދުކޮށްގެން ނުގެންގުޅޭ ނަމަ، ނައްތާލާނެ ކަމަށެވެ.
ހިތާދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު "މިހާރު" އަށް މިއަދު ވިދާޅުވީ ރަށުގައި ބުޅާ ގިނަވުމުގެ ސަބަބުން އާންމުންގެ ޝަކުވާ ކައުންސިލަށް ވެސް ހުށަހަޅަމުންދާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ އެއްޗެހި ގޭތެރެއަށް ވަންނާތީ، އަންހެނުންނާއި ކުޑަކުދިންގެ މެދުގައި ވަނީ ބިރުވެރިކަން އުފެދިފަ އެވެ.
"ގޭގައި އާންމުކޮށް ކުޑަކުދިންނާއި އަންހެނުން މި އުޅެނީ. ބުޅާތައް ގޭތެރެއަށް ވަދެ އުޅޭތީ އާއި ގޭ ދޮރުމަތީގައި ވެސް އޮންނާތީ މީހުން ބިރުން ބޭރަށް ނުނިކުމެވިފައި އެތައް އިރަކު ތިބެންޖެހޭ ކަމުގެ ޝަކުވާ އެބަ ލިބޭ،" އަޒީޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކައުންސިލުގެ އިއުލާނުގެ މަގްސަދަކީ ބުޅާތައް މަރާލުމެއް ނޫން ކަމަށެވެ. އެކަމަކު އާންމު އުނދަގުލަކަށް އެކަން ވެފައިވާތީ ބޭނުންވަނީ ބުޅާ ގެންގުޅޭ މީހުން އެ އެއްޗެހި ބަންދުކޮށްގެން ގެންގުޅުމަށް ކަމަށް ވިދާޅުވި އެވެ.
އަޒީޒް ވިދާޅުވި ގޮތުގައި މީގެ އެތައް އަހަރެއް ކުރިން ރަށުގައި ބުޅާ ގިނަވުމުން ބުޅާތައް ނައްތާލި އެވެ. އޭގެ ފަހުން ވަރަށް ގިނަ ދުވަސް ވަންދެން ހިތާދޫއަކީ ބުޅާ އުޅުނު ރަށެއް ނޫނެވެ. އެކަމަކު ޕެޓްގެ ގޮތުގައި ގެންގުޅުމަށް ރަށަށް ގެންދިޔަ ބުޅާތަކެއް ރަށުތެރެއަށް ދޫކޮށްލުމުން ބުޅާތައް އިތުރުވެ، އަނެއްކާ ވެސް އެ އުނދަގުލާ ކުރިމަތިލާން ޖެހުނީ ކަމަށް އަޒީޒް ވިދާޅުވެ އެވެ.