19 މެއި 2022 - 11:57

ރަޝިޔާ ސިފައިން ޔޫކްރޭނާ އަރައިގަންނަން ތައްޔާރުވުމާ ގުޅިގެން ބަންދުކުރިތާ ތިން މަސް ފަހުން، ޔޫކްރޭންގެ ވެރިރަށް ކިޔޭވްގައި ހުންނަ އެމެރިކާ އެމްބަސީ އިއްޔެ އަލުން ހުޅުވައިފި އެވެ.

އެމެރިކާގެ ހާރިޖީ ވަޒީރު އިއްޔެ ވިދާޅުވި ގޮތުގައި ހަނގުރާމަ ކުރިއަށް ދަނިކޮށް ވެސް، އެމެރިކާ އެމްބަސީ ކިޔޭވްގައި ހުޅުވުމަކީ، ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭން ކުރާ ހަނގުރާމަ އަށް އެމެރިކާގެ ތާއީދު އޮތް މިންވަރު ދައްކައިދޭ ކަމެކެވެ. އެމެރިކާ އެމްބަސީ ހިންގި އިމާރާތުގައި އިއްޔެ އަލުން އެމެރިކާގެ ދިދަ ނަގައި، ރަސްމީކޮށް މަސައްކަތްތައް ވަނީ ފަށައިފަ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށީ، މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފަތިހުގެ ވަގުތުގަ އެވެ. ކިޔޭވްގައި ހުރި އެމެރިކާ އެމްބަސީ ބަންދުކުރީ، ރަޝިޔާ ސިފައިން ބަރު ހަތިޔާރުތަކާ އެކު ޔޫކްރޭންގެ ސަރަހައްދީ ރޮނގު ކައިރިއަށް ޖަމާވެ، އެ ސަރަހައްދުގައި ބާރު ގަދަ ކުރަން ފެށުމުން، ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހު އެވެ. އެމްބަސީ ބަންދުކުރުމަށް ފަހު، އެ ތަނުގައި މަސައްކަތް ކުރި ބައެއް މުވައްޒަފުން ޔޫކްރޭންގެ ލެވީވް ސަހަރަށް ބަދަލުކޮށް، ބައެއް މުވައްޒަފުން ގެންދިޔައީ އިންވެގެން އޮތް ޕޮލެންޑަށެވެ.
"ޕޫޓިންގެ ވަހްޝީ ހަނގުރާމައިން، ޔޫކްރޭންގެ ހިތްވަރު ރައްޔިތުން އެ ގައުމު ދިފާއުކުރަމުން ދާއިރު، އަހަރެމެންގެ ފަޚުރުވެރިކަމާ އެކު މިތިބީ އެ ގައުމާއި އެ ގައުމުގެ ރައްޔިތުންނާ އެކުގައި. ކާމިޔާބު އޮތީ ޔޫކްރޭނަށް،" ބްލިންކެންގެ ޓުވީޓްގައި ވިދާޅުވެފައިވެ އެވެ.
ރަޝިޔާ ސިފައިން ޔޫކްރޭނާ ދެކޮޅަށް ހަނގުރާމަ ފެށުމާ އެކު، އެންމެ ފުރަތަމަ ވެސް މަސައްކަތް ކުރީ ކިޔޭވް ހިފުމަށެވެ. އެ ސަހަރުގެ ރަށްބޭރުގައި ތިބެ މަހަކަށް ވުރެ ގިނަ ދުވަސް ވަންދެން ހަމަލާތައް ދީގެން ވެސް ކިޔޭވް ހިފޭ ގޮތް ނުވުމުން، ހަނގުރާމައިގެ ފުރަތަމަ މަރުހަލާ ނިމިއްޖެ ކަމަށް ބުނެ، ރަޝިޔާ ސިފައިން އެ ސަރަހައްދު ދޫކޮށް ދިޔައީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދަށެވެ.
އޭގެ ފަހުން ރަޝިޔާ ސިފައިން ވަނީ ޔޫކްރޭންގެ އިރުމަތީ ސަރަހައްދުންނާއި ދެކުނު ސަރަހައްދުގެ ބޮޑު ބައެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އެހެން ނަމަވެސް މިހާރު ވެސް ދޭތެރެ ދޭތެރެ އިން ކިޔޭވް އަށް ވެސް ރަޝިޔާ ސިފައިންގެ ހަމަލާތައް އަމާޒުކުރެ އެވެ.
ބްލިންކެން ވިދާޅުވި ގޮތުގައި ހަނގުރާމައިގެ މި ނާޒުކު ވަގުތުގައި، ކިޔޭވްގައި އެމެރިކާގެ އެމްބަސީ ހުޅުވީ، އެ ތަނާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް އިތުރު ފިޔަވަޅުތައް އަޅައިފަ އެވެ.
ރަޝިޔާގެ އުދުވާނާ ދެކޮޅަށް ޔޫކްރޭނުން ކުރަމުންދާ މަސައްކަތަށް ހިތްވަރު ދެއްވުމުގެ ގޮތުން، އެމެރިކާގެ ބައެއް އިސް ވެރިން ވަނީ މިދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެކި ފަހަރުމަތިން ޔޫކްރޭނަށް ވަޑައިގެންފަ އެވެ. އެ ގޮތުން އެންމެ ފުރަތަމަ ޔޫކްރޭނަށް ވަޑައިގަތީ، އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން އާއި ދިފާއީ ވަޒީރު ޖަސްޓިން ލޮއިޑް އެވެ.
އެ ދެ ބޭފުޅުން ކިޔޭވް އަށް ވަޑައިގެން ޔޫކްރޭންގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރެއްވީ މާޗް މަހުގެ 5 ވަނަ ދުވަހު އެވެ. އޭގެ ފަހުން އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ އަނބިކަނބަލުން ޖިލް ބައިޑެން، މި މަހުގެ 8 ވަނަ ދުވަހު ޔޫކްރޭންގެ ދެކުނު ސަރަހައްދަށް ވަޑައިގެން، ޔޫކްރޭންގެ ރައީސްގެ އަނބިކަނބަލުން އޮލޭނާ ޒެލެންސްކީއާ ބައްދަލުކުރެއްވި އެވެ.