19 މެއި 2022 - 11:43

ރާއްޖެއަށް ޓޫރިސްޓުން އެންމެ ގިނައިން އަންނަ ގައުމަކަށް އަނެއްކާ ވެސް އިންޑިއާ ވެއްޖެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން އެނގޭ ގޮތުގައި އެ ގައުމުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 80،000 ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ރާއްޖެއަށް އަައި ޓޫރިސްޓުންގެ 13 ޕަސެންޓެވެ. ރާއްޖެއަށް މި އަހަރުގެ މިހާތަނަށް 650،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
އިންޑިއާ އަކީ މިދިޔަ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އައި ގައުމެވެ. މިދިޔަ އަހަރު އެގައުމުން 290،000 ޓޫރިސްޓުން އައިސްފައިވެ އެވެ.
ރާއްޖެއަށް ދެވަނަ އަށް އެންމެ ގިނަ ޓޫރިސްޓުން އައިސްފައިވަނީ އިނގިރޭސިވިލާތުންނެވެ. ތިން ވަނައަށް އެންމެ ގިނަ ޓޫރިސްޓުން އައީ ރަޝިޔާއިންނެވެ. ރަޝިޔާ އަކީ މިއަހަރު ފެށުނީއްސުރެ ރާއްޖެއަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ގައުމެވެ. ނަމަވެސް ރަޝިޔާ އާއި ޔޫކްރެއިންގެ ހަނގުރާމަ ފެށުނު ފަހުން އެ ސަރަހައްދުން އަންނަ ޓޫރިސްޓުންގެ އަދަދު ވަނީ 11 ޕަސެންޓް ދަށްވެފަ އެވެ.
މިދިޔަ އަހަރު ރާއްޖެއަށް 1.3 މިލިއަން ޓޫރިސްޓުން އައިސްފައިވެ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.6 މިލިއަން ޓޫރިސްޓުން ގެނައުމެވެ.