ޔުނައިޓެޑާއި ލިވަޕޫލްގެ ހާއްސަ މެޗެއް ބެންކޮކްގައި
ޔުނައިޓެޑާއި ލިވަޕޫލްގެ ހާއްސަ މެޗެއް ބެންކޮކްގައި

ބެންކޮކް (މެއި 19) - އިނގިރޭސި ޕްރިމިއަ ލީގުގެ އެންމެ ވާދަވެރި ކުރިމަތިލުމުގެ ގޮތުގައި މަޝްހޫރު ވެފައިވާ، މެންޗެސްޓާ ޔުނައިޓެޑާއި ލިވަޕޫލް ބައްދަލުކުރާ ހާއްސަ މެޗެއް ތައިލެންޑުގެ ވެރިރަށް ބެންކޮކްގައި ކުޅޭ ގޮތަށް ހަމަޖައްސައިފި އެވެ.

ޕްރީ ސީޒަން ފްރެންޑްލީއެއްގެ ގޮތުގައި އިންތިޒާމުކުރާ މެޗު ކުޅޭނީ ޖުލައި 12 ގައި ބެންކޮކްގެ ރަޖާމަންގަލާ ގައުމީ ސްޓޭޑިއަމްގަ އެެވެ.

ބެންކޮކް ސެންޗްރީ ކަޕް 2022 ގެ ނަމުގައި ކުޅޭ މި މެޗު އިންތިޒާމު ކުރީ ތައިލެންޑްގެ ކުންފުންޏެއް ކަމަށްވާ ފްރެޝް އެއާ ފެސްޓިވްލް އިންނެވެ. އެ ކުންފުނީގެ ސީއީއޯ ވިނިޖް ލާޓްރަޓަނާޝައި ވިދާޅުވީ އެ މެޗު ތައިލެންޑްގައި އިންތިޒާމު ކުރުމުން އޭޝިއާގެ އެކި ކަންކޮޅުތަކުން ވެސް އެ މެޗު ބަލާލުމަށް ބެންކޮކަށް މީހުން ޒިޔާރްތް ކުރާނެ ކަމަށެވެ.

"ޔުނައިޓެޑާއި ލިވަޕޫލަށް ސަޕޯޓްކުރާ ގިނަ އަދަދެއްގެ ބަޔަކު ތައިލެންޑްގައި ވެސް އެބައުޅޭ. އެ ދެ ޓީމަށް މަރުހަބާ ކިއުމަށް އަހަރެން ވެސް މިހުރީ ކެތް މަދުވެފައި،" އޭނާ ވިދާޅުވި އެވެ.

އެ މެޗު ބަލާލުމަށް ގިނަ އަދަދެއްގެ ދިވެހިން ވެސް ތައިލެންޑަށް ދަތުރުކުރާނެ ކަމަށް ބެލެވެ އެވެ. ރާއްޖެ އަކީ ޔުނައިޓެޑާއި ލިވަޕޫލްގެ ސަޕޯޓަރުން ގިނަ ގައުމެކެވެ. ޔުނައިޓެޑާއި ލިވަޕޫލްގެ ކުރިމަތިލުން، ޔުނައިޓެޑްގެ ކުރީގެ ކޯޗު އެލެކްސް ފާގަސަން ސިފަކޮށްފައި ވަނީ "ބްރިޓިޝް އެލް ކްލެސިކޯ" ގެ ގޮތުގަ އެވެ.